ގާސިމް ކުރައްވާ އިތުބާރަށް ޝުކުރުދަންނަވަން: މައުމޫން

ރައީސް މައުމޫނާއިމެދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި ބަސްފުޅުތަކަކާއި، ކުރައްވާ އިތުބާރަށް އެމަނިކުފާނު ގާސިމް އިބްރާހިމަށް ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް މައުމޫން ގާސިމް އިބްރާހިމަށް ޝުކުރު އަދާކުރައްވާފައިމިވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމް ގާނޫނުތަކާއި ޚިލާފަށް ދައުލަތުގެ އެންމެ ފައިސާފޮއްޗެއްގައިވެސް ޖެހިވަޑައިގެންފައިވާނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށާއި އެމަނިކުފާނާއިމެދު ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ގާސިމް އިބްރާހިމް ވިދާޅުވުމާއި ގުޅިގެންނެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ކުރައްވާފައިނުވާނެކަމަށާ އެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެމަނިކުފާނަށް އިތުބާރުކުރައްވާ ވިދާޅުވި ހެޔޮ ބަސްފުޅުތަކަށް ޝުކުރު ދަންނަވާކަމަށެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާފަންނު ކުނޫޒްގައި ބޭއްވި ތަރާވީހަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް މައުމޫނާއި ގުޅުވައިގެން ތީމުގޭގެ ރިޕޯޓްގެ މައްސަލަ ބެލޭނެކަމަށް ގަބޫލުނުކުރައްވާކަމަށެވެ.
ރައީސް މައުމޫން ރާއްޖޭގެ ވެރިކަން ކުރެއްވި ދުވަސްވަރު އޮތީ މިހާރު އޮތް ގާނޫން އަސާސީ ނޫންކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ އެ ގާނޫން އަސާސީން ރައީސްކަން ކުރައްވާ ބޭފުޅަކަށް ގިނަ ބާރުތަކެއް ލިބިވަޑައިގެންފައިވާކަމަށެވެ.
މީގެ އިތުރަށް ގާސިމް ވިދާޅުވީ ރައީސް މައުމޫން ގާނޫންތަކާއި ޚިލާފަށް ދައުލަތުގެ އެންމެ ފައިސާފޮއްޗެއްގައި ޖެހިވަޑައިގެންފައިވާނެކަމަށް ގަބޫލުނުކުރައްވާކަމަށާ އެމަނިކުފާނަކީ ގައުމަށް އިޚްލާސްތެރި ތެދުވެރި ބޭފުޅެއްކަމަށެވެ. އަދި އެކަމަށް ރައްޔިތުންވެސް ހެކިވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ފިނޭސް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރުވެސް ވަކިކަމެއް ވަކިގޮތަކަށް ކުރެއްވުމަށް ދުވަހަކުވެސް ރައީސް މައުމޫން އަންގަވާފައިނުވާކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގެ މައްސަލަ އޭސީސީން ބަލަމުންދާކަމަށް ބުނާއިރު، މައްސަލައިގެ ސައްހަކަމާއިމެދު ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތްކަމަށެވެ.
ގާސިމް ވިދާޅުވީ އޮޑިޓް ރިޕޯޓް ނިކުތީ އިއްޔެ ނުވަތަ ކުރީދުވަހު ނޫންކަމަށާ އެހެންކަމުން އަހަރުތަކެއް ފަހުން މިމައްސަލަ ބަލަންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާކަމަށެވެ. އަދި ނިމިގެންދިޔަ ސަރުކާރުތަކުންވެސް މިގޮތަށް އަމަލުކޮށްފައިނުވާކަމަށާ އެެހެންކަމުން މިކަމުގެ ނިޔަތާއިމެދު ސުވާލު އުފެދުމުގެ ފުރުސަތު ހުޅުވޭކަމަށް ގާސިމް ވިދާޅުވިއެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ރައީސް މައުމޫން އޭސީސީއަށް ހާޒިރުވެވަޑައިގަތުމަށް އަމުރެއް ފޮނުވާފައި ނުވާނެ ކަމަށެވެ.
އެކަމަކު އެމަނިކުފާނުގެ ވެރިކަމުގައި ތީމުގޭގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ކުރާ ތަހުގީގަކަށް ބައެއް ކަންކަން ސާފުކުރަން ބޭނުންވާތީ، އޭސީސީން އެމަނިކުފާނުގެ އަރިހަށް ދިއުމަށް ބޭނުންވާތީ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ އޭސީސީއަށް އެމަނިކުފާނު ވަޑައިގަންނަވާނެކަމަށާ އަދި އޭސީސީގެ މެންބަރުން އެމަނިކުފާނާއި ހަމައަށް ވަޑައިގަންނަން ނުޖެހޭނެކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު އޭސީސީއަށް ހަޒިރުވާއިރު، އެތަނަށް މީޑިއާތަކުންވެސް ދާންޖެހޭނެކަމަށާ އަދި މުޅި ގައުމު މިކަން ދެކި އަޑުއަހަންޖެހޭނެކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ފޮރުވަންޖެހޭ ފަދަ އެއްވެސްކަމެއް އެމަނިކުފާނު ކުރައްވާފައިނުވާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ