އިދިކޮޅު ޑީއާރުޕީގެ ތެރޭގައި މިހާތަނަށް އުފެދިފައިވާ ކޯޅުންގަނޑު މައިތިރިވެފައިވުމާ އެކު، އެ ޕާޓީގެ މަސައްކަތްތައް އިތުރަށް ހަލުއިކޮށް 2013 ގެ ރިޔާސީ އިންތިހާބާ ދިމާލަށް އަންނަ ޖެނުއަރީން ފެށިގެން މިސްރާބު ޖަހާނެ ކަމަށް ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
މި ހަފުތާގައި "ހަވީރަ" ށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ތަސްމީން ވިދާޅުވީ ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން މެމްބަރުންނަށް މައުލޫމާތު ދިނުން ފަދަ ކަންކަން ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ޖެނުއަރީން ފެށިގެން ރަށްރަށުގެ ގޮފިތައް އަލުން އިންތިހާބު ކުރުމަކީ 2013 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ފުރަތަމަ އަމާޒު ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"އެއީ 2013 ގައި ވެސް އަޅުގަނޑުމެންގެ މަސައްކަތްތަކައިގެން ކުރިއަށް ދާން ތިބި މީހުންގެ ލީޑަޝިޕް ގާއިމްކުރުން. ވަރަށް ގިނަ ދުވަސް ވެއްޖެ އެންމެ ފަހުން ގޮފިތައް އިންތިހާބުކުރި ފަހުން. އަލުން އެ އިންތިހާބު ބޭއްވުމުގެ ޕްލޭންތައް ކޮންމެވެސް ކަމެއް ދިމާވެގެން ކޮންމެ ފަހަރަކު ފަހަތަށް ޖައްސަން ޖެހެނީ،" އިދިކޮޅު ލީޑަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި މެނިފެސްޓޯއެއް ހެދުމަށްޓަކައި ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެ ގޮތުން އެ ސިޔާސަތުތަކަށް އާންމު މެމްބަރުންގެ ހިޔާލު ހޯއްދަވާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"ހަމަ އެއާ އެކު މި އަހަރުގެ ޖެނުއަރީގައި ފައްޓާފައި ހުރި މަސައްކަތްތައް، ޕާޓީގެ އޮގަނައިޒޭޝަން އިންތިހާބަކަށް ތައްޔާރުކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެނެސް އެކަން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ކުރާނަން،" ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް އަމާޒު ހިފާފައިވާއިރު ފައިސާ ހޯދުމުގެ ކަންކަން ވެސް އިތުރަށް ރަނގަޅު ކުރަން ޖެހެ އެވެ. ތަސްމީން ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބަށް ފަހު، ޕާޓީ އަށް ހަރަދުކުރާނެ ބަޔަކު ނެތް ނަމަވެސް އެކި ގޮތްގޮތުން ފައިސާ ހޯދައިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޑީއާރުޕީ އަށް ލިބުނު ކާމިޔާބީއާ އެކު ފަންޑް ކުރާ މީހުންގެ އުއްމީދު ބޮޑުވި ކަމަށެވެ. އަދި އެ ފައިސާއާ އެކު ޑީއާރުޕީގެ ދަރަނިތައް ވެސް ކުޑަކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ލޯކަލް އިންތިހާބުގެ އަޣުލަބިއްޔަތު ޑީއާރުޕީ އަށް ކާމިޔާބުވި ނަމަވެސް ޕާޓީގެ އެތެރޭގެ މައްސަލަތަކާ ހެދި ބައެއް މީހުންގެ އުއްމީދު ގެއްލި އޭގެ އަސަރު ކޮށްފައިވާ ކަމަށް ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑީއާރުޕީ އަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ވެސް މިހާރަށް ވުރެ ބާރަށް ކުރިމަގުގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ އަމާޒަށް ދާއިރު ރައްޔިތުންނަށް ދައްކަން ޖެހޭ ސިޔާސަތުތަކާ ބެހޭ ގޮތުން، ތަސްމީން ވިދާޅުވީ އެ ސިޔާސަތުތައް އާންމުންނަށް ފެންނާނީ އިންތިހާބުގެ މެނިފެސްޓޯއާ އެކު ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ ސިޔާސަތުތަކާ ގުޅިގެން ޑީއާރުޕީގެ ފިކުރު ލިޔުންތަކުގެ ޒަރީއާ އިން އާންމު ކުރަމުން ގެންދަވާ ކަމަށް ތަސްމީން ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެންގެ އޮލްޓަނޭޓިވްތައް ފެންނާނީ ރިޔާސީ އިންތިހާބަށް ނުކުންނައިރު. އެ މަރުހަލާ އަށް ދިއުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމާއި ކޮންސަލްޓޭޝަން ޕްރޮސެސް އަންނަ އަހަރު ތެރޭގައި ފަށާނަން،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގެ މަސައްކަތް ޖެނުއަރީގައި ފަށާނެ: ތަސްމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ