މިނިސްޓަ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަގާމުގައި ހުންނެވި އަބްދުﷲ ޝާހިދު ސަރުކާރުން ވަކިވެވަޑައިގަތުމަށް އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށް ހަވީރަށް ކަށަވަރުވެއްޖެ އެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި 14 ޖުލައި 2005 ގައި މިނިސްޓަ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޝާހިދުގެ އިސްތިއުފާ ސަރުކާރުން ގަބޫލުކުރެއްވި ކަމެއް ވެސް އަދި ނޫން ކަމެއް ވެސް އަދި ނާންގަވަ އެވެ. މިކަމާ ބެހޭ ގޮތުން ޝާހިދާ މިއަދު ހަވީރުން ސުވާލު ދެންނެވުމުން އެކަމާ އެއްޗެއް ވިދާޅެއްނުވި އެވެ.
އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ވ. އަތޮޅުގެ ގޮނޑި ވެސް ފުރުއްވަމުން ގެންދަވާ ޝާހިދު ވިދާޅުވީ މާލޭ ފަޅުތެރޭގައި މަރުވެފައި އޮއްވައި އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ފެނުނު ސ. ހިތަދޫ، ނާޒުކީގޭ، ހުސެން ސޮލާހުގެ މަރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ބައްލަވަމުންދާއިރު އެ ކޮމެޓީގައި އިންނަވަން ބޭނުންފުޅުނުވާކަން މިހާރު ކޮމެޓީއަށް އަންގަވާފައިވާނެ ކަމަށެވެ. ޝާހިދަކީ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގެ މެމްބަރެކެވެ. އޭނާ ވިދާޅުވީ ސޮލާހުގެ މަރުގެ މައްސަލަ ބަލަމުންދާއިރު ޕެޓިޝަން ކޮމެޓީގައި އިންނަވަން ބޭނުންފުޅު ނުވަނީ އޭނާ ވަޒީފާ އަދާކުރަމުންދާ "ފޮރިން މިނިސްޓްރީގެ ދައުރު" އެ މައްސަލައިގައި ވަރަށް ބޮޑުވުމުން ކަމަށެވެ.
"ސޮލާހުގެ މަރުގެ މައްސަލަ ޕެޓިޝަން ކޮމެޓީން ބަލަމުންދިޔައިރު އަޅުގަނޑު އެ ކޮމެޓީގައި ހަރަކާތްތެރިވިން. އެކަމަކު ވަކި ހިސާބަކަށް ދިޔަ ތަނުން ހާރިޖީ ދާއިރާގެ ގުޅުން އެ މައްސަލައިގައި ވަރަށް ބޮޑުވީ. އަޅުގަނޑުގެ ވެރިއަކަށް ހުންނަވާ ބޭފުޅަކާ ސީދާ ގުޅޭ ކަމެއްގެ މައްސަލަ އަޅުގަނޑު ހުންނަ ކޮމެޓީއަކުން ބަލާއިރު އެ ހޯދުންތަކުގެ ކްރެޑިބިލިޓީ ކުޑަވެދާނެ ކަމަށް ބައެއް މީހުން ދެކެފާނެ. ކޮމެޓީން ބަލާ މައްސަލައެއްގެ ފުރިހަމަ އިތުބާރު އޮންނަން ޖެހޭނެ. ކޮންމެ ދުވަހަކު ފޮރިން މިނިސްޓްރީއަށް އަޅުގަނޑު ނުދިޔަޔަސް، އަޅުގަނޑު ވަޒީފާ އޮންނަ ތަނަކާ ގުޅޭ މައްސަލައެއް ޕެޓިޝަން ކޮމެޓީން ބަލާއިރު އެތަނުގައި އިނުން ރަނގަޅެއް ނުވާނެ. އެހެންވެ ސޮލާހުގެ މަރުގެ މައްސަލަ ބަލާއިރު ދުރަށް ޖެހިލީ،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނަށް ހޮއްވެވުމަށް ސަރުކާރުން ފޮނުއްވި ފަސް ނަން ޕެޓިޝަން ކޮމެޓީން ފާސްނުވުމުން ވެސް ބައެއް ފަރާތްތަކުން އޭނާއާ ސުވާލުކޮށް ހަދައިފައިވާ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ޝާހިދު ވިދާޅުވީ، ސަރުކާރުގެ އިސް ވަޒީފާއެއްގައި ހުންނަވާއިރު ސަރުކާރުން ފޮނުއްވި ނަންތައް ޝާހިދުގެ ކޮމިޓީން ފާސްކުރައްވަން ޖެހޭނެ ކަމުގެ ވިސްނުމެއް ބައެއް ބޭފުޅުން ގެންގުޅުއްވުމެވެ.
"ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު ކަންތައްތައް ނިންމާއިރު އެއްވެސް ފަރާތަކަށް ބުރަވާން ޖެހޭ ކަމަކަށް އަޅުގަނޑު ނުދެކެން. އެކަމަކު ބައެއް މީހުންނަށް ހީވަނީ ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުންގެ ވަނަވަރު ދިރާސާކުރި ކޮމެޓީގައި އަޅުގަނޑާއި ހުސެއިން ހިލްމީ )ފިޝަރީޒް މިނިސްޓަރު( ތިއްބަވާތީ، ސަރުކާރުން ފޮނުއްވި ނަންތައް ފާސްވާންޖެހޭ ކަމަށް. އެކަމަކު މަޖިލީހުގައި ހުރިހާ ކަމެއް ވެސް ނިންމަން ޖެހޭނީ އިންސާފުން. އިތުބާރު އޮންނަ ގޮތަށް ނިންމަންވާނީ. އެއްވެސް ފަރާތަކަށް ބުރަނުވެ،" ސަރުކާރުގައި އުޅުއްވާތާ 20 އަހަރު ވުމާ ގުޅިގެން މި އަހަރުގެ ފެބްރުއަރީ މަހު ޕެންޝަން ލިބިވަޑައިގެންފައިވާ ޝާހިދު ވިދާޅުވި އެވެ.
މަޖިލީހުގެ ޕެޓިޝަން ކޮމެޓީގައި މިހާރު ބަލަމުންދާ ސޮލާހުގެ މަރުގެ މައްސަލައިގައި ފޮރިން މިނިސްޓްރީގެ ދައުރު ވަރަށް ބޮޑު ކަމަށް ޝާހިދު ވިދާޅުވާއިރު، އެކަމާ ގުޅިގެން ސުވާލުކުރުމަށް ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ޕެޓިޝަން ކޮމެޓީއަށް ހާޒިރުކުރައްވާ ވާހަކަތަކެއް ވެސް ވަނީ މީޑިއާގައި ފެތުރިފަ އެވެ. އެހެން ނަމަވެސް ޕެޓިޝަން ކޮމެޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނ. މެމްބަރު އަބްދުﷲ ޔާމީން މިއަދު ވިދާޅުވީ ކޮމެޓީގައި ހިނގާ އެ މައްސަލަ އަކީ އަދި އާންމު ކުރެވިފައިވާ ކަމަކަށް ނުވާތީ މީޑިއާއަށް އެއްވެސް މައުލޫމާތެއް ދެއްވެން ނެތް ކަމަށެވެ.
އެކަމަކު މި މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަހުމަދު ޒާހިރަށް، ފޮރިން މިނިސްޓަރު ފޮނުއްވި ސިޓީއެއްގެ ކޮޕީއެއް ހަވީރަށް ވަނީ ލިބިފަ އެވެ. މިދިޔަ ބުދަ ދުވަހު ފޮނުއްވި މި ސިޓީގައި ޑރ. ޝަހީދު ވިދާޅުވެފައި ވަނީ ސޮލާހުގެ މަރުގެ މައްސަލައިގައި ލަންކާގައި ހެދި ޕޯސްޓްމޯޓަމްގެ ނަތީޖާ ބޭރުގެ ފަރާތްތަކަށް އެންގެވީ އޭނާ ކަމަށާއި އެގޮތުން އެންގި އެއްޗަކާއި އެންގި ސަބަބުތައް ޕެޓިޝަން ކޮމެޓީން ސާފުކުރައްވަން ބޭނުން ނަމަ، ކޮމެޓީއަށް ހާޒިރުވެ މައުލޫމާތު ދެއްވުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.
މި މައްސަލައާ ގުޅޭ ގޮތުން ޑރ. ޝަހީދާ މިއަދު ވަނީ ގުޅޭ ގޮތް ނުވެފަ އެވެ. އޭނާ މިހާރު ހުންނެވީ ރައީސް މައުމޫން އަރިހުގައި އިނގިރޭސިވިލާތަށް ވަޑައިގެންނެވެ.
ސަރުކާރުން ވަކިވެވަޑައިގަތުމަށް އަބްދުﷲ ޝާހިދު ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ