ކާބަން ފްރީ ނުވަތަ ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން އިއުލާން ކުރައްވާފައިވާ ކުރު މުއްދަތުގެ ތެރޭގައި އެކަން ނުކުރެއްވޭނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް އާއްމު އިންތިހާބުގެ ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ބ. އޭދަފުއްޓަށް ވަޑައިގެން މިރަށުގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ތިމާވެށީގެ ކަންތަކުގައި އެމަނިކުފާނު އުޅުއްވާތާ "ލައްކަ ޒަމާން ވެއްޖެ" ކަމަށާއި "ވަރަށް ބޮޑެތި ދިރާސާތައްކޮށް ވަރަށް ގިނަ މައުލޫމާތު ވެސް ވާނީ ހޯދައިފައި" ކަމަށެވެ.
މައުމޫން ވިދާޅުވީ ކާބަން ފްރީ ގައުމަކަމަށް ރާއްޖެ ހެދުމަކީ ދުރު މުސްތަގުބަލެއްގައި ކުރެވިދާނެ އަދި ކުރަން ބޭނުންވާނެ ކަމެއް ކަމަށެވެ.
'އަޅުގަނޑުމެންގެ ސަރުކާރުން ވެސް އެގޮތަށް ރާވައިގެން ގެންދެވީ. އެ ވިދާޅުވާ ކުރު މުއްދަތެއްގެ ތެރޭގައި އެކަމެއް ނުވާނެ. އެއީ ރާއްޖެ އެގޮތަކަށް ބަދަލެއް ނުވާނެ. ތަންކޮޅެއް އަމަލީ ގޮތަކަށް އެކަންތައްތައް ސަރުކާރުން ރާއްވަވަން ޖެހޭނީ. ހަމަ ހުންނަވައިފައި ބޭފުޅަކު އެހެން ވިދާޅުވިޔަސް އެކަމެއް ހާސިލެއް ނުވާނެ،' ވެރިކަން ކުރެއްވި ދިގު މުއްދަތުގައި ތިމާވެއްޓަށް ވަރަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ތިމާވެށީގެ ތަޖުރިބާކާރު ވިދާޅުވި އެވެ.
މި އަތޮޅުން ލަކުޑި ގަސް ކެނޑުމަށް މިހާރުގެ ސަރުކާރުން ހުއްދަ ދެއްވާފައިވާތީ އެކަމާ ބެހޭ ގޮތުން ހަވީރުން ސުވާލު ދެންނެވުމުން އެ މަނިކުފާނު ވިދާޅުވީ ލަކުޑި ގަސް ކެނޑުން ކަހަލަ ކަންތައްތަކަކީ ތިމާވެއްޓަށް ގެއްލުން ހުރި ކަންތައްތައް ކަމަށާއި އެއްވެސް ރަށަކުން ލަކުޑި ގަސް ކެނޑުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
ކާބަން ފްރީ ގައުމަކަށް ރާއްޖެ ހެދުމަކީ ކުރު މުއްދަތެއްގައި ކުރެވިދާނެ ކަމެއް ނޫން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ