ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންގޮސްދޭ އަގު 41،500ރ. އިން 62،500ރ. އަށް ބައެއް ޖަމާއަތްތަކުން ބޮޑުކޮށްފި އެވެ. މީގެ އިތުރުން ރޯދަ މަހުގެ އުމުރާ އަށް ގެންގޮސްދޭ އަގު ބައެއް ޖަމާއަތްތަކުން ވަނީ 16،000ރ. އިން 27،000ރ. އަށް ވެސް ބޮޑުކޮށްފަ އެވެ.
ރާއްޖެ އިން މީހުން ހައްޖަށް ގެންގޮސްދިނުމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ޒައީމާ ޖަމާއަތުގެ ފަރާތުން ވާހަކަ ދެއްކެވި އަބްދުﷲ ހިލްމީ މިއަދު ވިދާޅުވި ގޮތުގައި ހައްޖަށް ގެންގޮސްދޭ، އަގު އެ މީހުން 50 ޕަސެންޓް ބޮޑުކުރީ މައްކާގެ އަގުތައް "ވަރަށް ބޮޑަށް މައްޗަށް ޖެހިފައިވާތީ" އެވެ.
"އުމުރާއަކަށް ކުރިން ނަގަން ނިންމައިފައި ވަނީ 22،000ރ. އެހެން ނަމަވެސް އެ ކޮޅަށް (މައްކާ އަށް)ގޮސް އަގުތަކާ އެއްޗެހި ބަލައިފައި އެ ވަރުން ނުފުދޭނެތީ އަގުބޮޑުކޮށް އުމުރާ އަށް ވެސް ފައިސާ ނަގަންފެށީ،" ހިލްމީ ވިދާޅުވި އެވެ. "އަގުބޮޑު ކުރިކަން މިހާރު އެންމެންނަށް އަންގައި އެ އަގުގައި ނުދެވޭ މީހުން ނުވަތަ ދާން ބޭނުންނުވާ މީހުން އަނބުރާ ފައިިސާ ނެގިއަސް މައްސަލައެއް ނެތް ކަމަށް ނިންމައިފައި ވަނީ."
އޭނާ ވިދާޅުވި ގޮތުގައި މައްކާގެ ހަރަމްފުޅާ ކައިރިން ގެތައް ދޫކުރުމާއި ޓިކެޓާއި ކެއިންބުއިމުގެ ހިދުމަތުގެ އަގުބޮޑުވެފައިވުމާ އެކު 62،500ރ. ނަގައިގެން ވެސް "ދެކޮޅެއް ނުޖެއްސޭނެ" އެވެ.
"ހަރަމްފުޅު ކައިރީ ގެތައް ވެސް ވަރަށް އަގުބޮޑު. އޭގެ އިތުރުން ހައްޖުގެ އަގުތައް ކަނޑައެޅި ފަހުން ވެސް ތެލުގެ އަގުން 10 ޑޮލަރު މަތިވެއްޖެ،" އޭނާ ވިދާޅުވި އެވެ.
އަލްމަނާސިކް ގްރޫޕުން ވާހަކަ ދެއްކެވި އަލީ ޝަރީފް މިއަދު ވިދާޅުވީ ކުރިން މީހުން ހައްޖަށް ގެންގޮސްދޭ އަގު ބަދަލުކޮށް، މިހާރު އެ ޖަމާއަތުން ނަގަމުން އަންނަނީ 61،000ރ. ކަމަށެވެ. މީގެ ކުރިން އެ ޖަމާއަތުން ހައްޖަށް ގެންގޮސްދޭ އަގަކީ 41،000ރ. އެވެ.
"ހައްޖަށް ދާން ކުރިން ފައިސާ ދައްކައިފައި ތިބި މީހުންގެ އަތުން މި ނަގަނީ 60،000ރ. އެހެން ނަމަވެސް އަގަށް ބަދަލު ގެނައި ފަހުން އަލަށް ފައިސާ ދައްކާ މީހުން 61،000ރ. ދައްކާ ގޮތަށް ހަމަޖައްސައިފައި ވަނީ،" ޝަރީފް ވިދާޅުވި އެވެ.
އެ ޖަމާއަތުން ބުނީ މައްކާގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން މި އަހަރުގެ ރޯދަ މަހުގެ އުމުރާ އަށް މީހުން ނުގެންދާ ގޮތަށް އެ ޖަމާއަތުން ހަމަޖައްސައިފައިވާ ކަމަށެވެ.
"އަގު ވެސް ބޮޑުވުމާ އިމާރާތްތައް ހަރަމްފުޅާ ދުރުން ލިބުމާ އެއްކޮށް، އެކޮޅުގެ ހާލަތު ހުރި ގޮތުން މި އަހަރު ރޯމަ މަހު އުމުރާ އަށް ނުދާން މަޑުކޮށްލީ،" އޭނާ ވިދާޅުވި އެވެ. މީގެ ކުރިން އުމުރާ އަކަށް އެ ޖަމާއަތުން ނަގަނީ 16،500ރ. އެވެ.
"ނަން ނޯޓުކޮށް، މިހާރު ކަނޑައަޅައިފައިވާ އަދަދަށް ފައިސާ ދައްކަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.
އަލަށް ފަށައިގެންފައިވާ އިސްބީތީ ލިލްހައްޖި ވަލް އުމުރާ ގްރޫޕުން މި އަހަރު ކުރު އުމުރާ އަށް ނަގަން ހަމަޖައްސައިފައި ވަނީ 16،000ރ. އެވެ. އަދި މި މަހުގެ ނިޔަލަށް ފައިސާ ދައްކާ ނިންމާ ނަމަ އެ ޖަމާއަތުން ނަގަނީ 15،000ރ. އެވެ. އެ ޖަމާއަތުން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ހަމަޖައްސައިފައި ނުވާ ކަމަށް އެ ޖަމާއަތުން ބުންޏެވެ.
އެ ޖަމާއަތުން ބުނީ އަގު ބޮޑުނުކޮށް މީހުން ގެންދަން ނިންމީ، އެ ގްރޫޕުން މީހުން ގެންދިއުމަށް އަލަށް ފަށައިގެން އުޅޭތީ ކަމަށެވެ.
ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމުގައި އެންމެ ގިނަ ދުވަސްވީ އެއް ޖަމާއަތް ކަމަށްވާ އަތަމާ ޖަމާއަތުގެ ބޭފުޅުން ސައޫދީ އަރަބިއްޔާ އަށް ވަޑައިގެން އުޅުއްވާތީ އެ ޖަމާއަތުގެ ބަހެއް މިއަދު ވަނީ ލިބޭގޮތް ނުވެފަ އެވެ. އެހެން ނަމަވެސް އެ ޖަމާއަތުގެ ވެރިޔާ އަބްދުއްލަތީފް ދާދި ފަހުން ވިދާޅުވި ގޮތުގައި މިހާރު ނަގަމުންދާ ފައިސާ އިން ދެކޮޅު ޖެއްސޭވަރަށް ވުރެ ސައުދީގެ ހިދުމަތްތަކުގެ އަގު މިހާރު މައްޗަށް ޖެހިފައި ވުމާ އެކު އެ ޖަމާއަތުން ވެސް ހައްޖާއި އުމުރާ އަށް ގެންގޮސްދޭ އަގު ބޮޑުކުރަން ވަނީ ނިންމައިފަ އެވެ.
ރާއްޖެއިން ހައްޖަށާއި އުމުރާ އަށް މީހުން ގެންގޮސްދޭ އަގު މި އަހަރު ބޮޑުކުރަން ހައްޖު ޖަމާއަތްތަކުން ނިންމައި މިދިޔަ އެޕްރީލް މަހުގެ ތެރޭގައި މަތީ މަޖިލީހާ އެކު ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.
އެ ބައްދަލުވުމުގައި ސިސިލްފަރު ޖަމާއަތުން ވެސް ބުނީ ސައުދީގައި ކާބޯތަކެތީގެ އަގު މިހާރު 60 ޕަސެންޓް މައްޗަށް ޖެހިފައިވާ ކަމަށާއި މިހާރު ނަގާފައި ހުރި ފައިސާގެ އިތުރަށް ފައިސާ ނުނަގައި "ފަރުޖެއްސެން ނެތް" ކަމަށެވެ.
މައްކާގެ ހިދުމަތްތަކުގެ އަގުތައް ބޮޑުވުމާ ގުޅިގެން ޖަމާއަތްތަކުން ކުރިން ފައިސާ ނަގަމުން އައި އަދަދު ބޮޑު ކުރަން ޖެހޭނެ ކަމަށް މަތީ މަޖިލީހުން ވެސް ވަނީ ބުނެފަ އެވެ.
މަތީ މަޖިލީހުން ބުނިގޮތުގައި މިހާރު ނަގަމުން އަންނަ އަގަށް ބަދަލުތަކެއް އައިސްފައި ވަނީ، ދިވެހިން ގިނައިން އުޅޭ ހަރަމްފުޅު )ޝާމިލިއްޔާ( ކައިރީގައި ހުރި ވަރަށް ގިނަ އިމާރާތްތަކެއް ތަޅާލުމާ ގުޅިގެންނެވެ. މަތީމަޖިލީހުން ބުނީ ހަރަމްފުޅާ ކައިރީގައި ހުރި އިމާރާތްތައް ތަޅާލުމުން ޖަމާއަތްތަކުން ޖެހޭނީ އެއަށްވުރެ ދުރު ސަރަހައްދަކުން ބޮޑު އަގުގައި ހައްޖާއި އުމްރާއަށް ގޮސް ތިބޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ. އެހެންކަމުން "ހައްޖާއި އުމްރާއަށް މިހާރު ނަގާވަރަށް ވުރެ ވަރަށް ބޮޑު އަދަދެއް ނަގަން ޖެހޭނެ" ކަމަށް ވެސް މަތީ މަޖިލީހުގެ ރައީސް ވެސް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް އަށް ޖަމާއަތަކަށް މަތީ މަޖިލީހުން ވަނީ ހުއްދަ ދީފަ އެވެ.
ހައްޖަށް ގެންގޮސްދޭ އަގު 62000ރ. އަށް އަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ