ހއ. އިހަވަންދޫ ރަށު އޮފީސް ބަންދުކުރި މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ޓީމެއް އެ ރަށަށް ގޮސް، އެ ރަށަށް މާދަމާ ޓެސްޓް ކަރަންޓް ދޫކުރަން ފަށާ ގޮތަށް ހަމަޖައްސައިފައިވާ ކަމަށް އެނާޖީ މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
ކަރަންޓްގެ ހިދުމަތް ދިނުން ލަސްވުމާ ގުޅިގެން، އެ ރަށުގެ ބަޔަކު ރަށު އޮފީސް ބަންދުކޮށްގެން އުޅޭ މައްސަލަ ހައްލުކުރުމަށް ޓަކައި އެ ރަށަށް ގޮސް އުޅޭ ވަފުދުގައި ހިމެނިވަޑައިގަންނަވާ އެނާޖީ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު ރަޝީދު މިއަދު ވިދާޅުވީ ކަރަންޓުގެ ހިދުމަތް ވީހާ އަވަހަކަށް ފޯރުކޮށްދިނުމަށް ޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެ ރަށުގައި ކަރަންޓްގެ ހިދުމަތް ގާއިމްކުރާ ކޮންޓްރެކްޓް ގްރޫޕް އިސް ޓީމެއް ވެސް މާދަމާ އިހަވަންދު އަށް ދާނެ ކަމަށެވެ.
"މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ މައްސަލައެއް. މިގޮތަށް ޕްރޮޖެކްޓްތައް ހިފައިގެން އުޅޭ ކޮންޓްރެކްޓަރުން ގަސްތުގައި މަސައްކަތް ލަސްކުރާ މައްސަލައަކީ ބޮޑު މައްސަލައެއް. އަޅުގަނޑުމެން މިދަނީ އެ މީހުން މަސައްކަތް އަވަސްކުރުމަށް އާދޭސް ކުރަމުން،" އަހުމަދު ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަރަންޓްގެ ހިދުމަތް ފެށުމަށް ޓަކައި މާދަމާ ގޭގެ އަށް ޓެސްޓް ކަރަންޓް ދޭން ފަށާނެ ކަމަށެވެ.
އެހެން ނަމަވެސް ރަށު އޮފީސް ބަންދުކުރުމަށް ފަހު އެ ރަށުގެ ކަތީބުން ވަޒީފާ އިން ވަކިކުރުމަށް ވެސް އެ ރަށު ބަޔަކު ވަނީ ގޮވާލައިފަ އެވެ. މި މައްސަލަ އަށް އޮތީ ކޮން ހައްލެއްތޯ ހަވީރުން ސުވާލު ކުރުމުން ރައްޔިތުންގެ ތެރެއިން އިސް މީހަކު ބުނީ "ރަށުގައި ތިބި ތިން ކަތީބުން ވަޒީފާ އިން ވަކި ކުރުމަށް ފަހު މިހާރު ވެސް އޮފީސް ހުޅުވަންވީ" ކަމަށެވެ.
ކަރަންޓް ދިން ނަމަވެސް، ކަތީބު ވަކި ނުކުރަނީސް ރަށު އޮފީސް ހުޅުވުމުގެ ފުރުސަތު ނުދޭނެ ކަމަށް ރަށުގެ ބައެއް މީހުން ބުނަމުން ދެ އެވެ. މި މައްސަލައިގައި އެޓޯލްސްގެ އިސް ބޭފުޅަކާ ވަނީ ގުޅޭ ގޮތް ނުވެފަ އެވެ. އިހަވަންދޫ ރަށު އޮފީސް ބަންދުކޮށްފައި ހުންނަތާ މިހާރު ހަތަރު ދުވަސްވީ އެވެ.
އިހަވަންދޫ މައްސަލަ ބެލުމަށް އެ ރަށަށް ޓީމެއް ގޮސް، މާދަމާ ޓެސްޓް ކަރަންޓް ދޫކުރަން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ