ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހަޅުތާލު: އަންނަ މަހު ހަ ވަނަ ދުވަހު ގާނޫނު އިސްލާހުނުވެއްޖެ ނަމަ ބާއްވާ ގޮތަށް ހަޅުތާލު ފަސްކޮށްފި

ވަޒީފާގެ ގާނޫނު އަންނަ މަހުގެ ހަ ވަނަ ދުވަހު އިސްލާހުނުވެއްޖެ ނަމަ، ހަތް ވަނަ ދުވަހު ހަޅުތާލު ފަށާ ގޮތަށް ހަމަޖައްސައި، ކުރިން ފަސް ވަނަ ދުވަހު ބާއްވަން ހަމަޖެއްސި ޓޫރިޒަމް އިންޑަސްޓްރީގެ މުވައްޒަފުންގެ ހަޅުތާލު ފަސްކޮށްފި އެވެ.
ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ރައީސް އަހުމަދު އީސާ މިއަދު ވިދާޅުވީ ފަސް ވަނަ ދުވަހު ބާއްވަން ހަމަޖެއްސި ހަޅުތާލު ފަސްކުރީ ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްދެއްވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންގެ ފަރާތުން ލިބުމާ ގުޅިގެން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މެންބަރުން އިއްޔެ އަޅުގަނޑުމެންނަށް ޔަގީންކަން ދީފި މިކަން ކޮށްދެއްވާނެ ކަމަށް. އެހެންވީމަ އެ ބޭފުޅުންގެ ބަހަށް އިހުތިރާމު ކުރުމުގެ ގޮތުން ފަސް ވަނަ ދުވަހު ހަޅުތާލު ނުބާއްވަން ނިންމީ،" އޭނާ ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މ. މެންބަރު އަދި ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސާ އަނީސާ އަހުމަދާއި ގައުމީ ތަރައްގީއާ ބެހޭ ކޮމެޓީގެ މުގައްރިރު އިބްރާހިމް ޝަފީރު ވެސް އިއްޔެ ޓީމާ ބައްދަލުކުރައްވައި އަންނަ މަހުގެ ހަ ވަނަ ދުވަހު ގާނޫނު އިސްލާހު ކޮށްދެއްވާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ދެއްވާފައިވާ ކަމަށެވެ.
"މިއީ މުހިންމު އިންޑަސްޓްރީއަކަށް ވުމާއެކު ހަޅުތާލަކަށް ދިއުމަކީ އަޅުގަނޑުމެން ވެސް ބޭނުންވާ ގޮތެއް ނޫން. ހުރިހާ ފަރާތްތަކުން ވެސް ގަބޫލު ކުރާނެ ސުލްހަވެރިކަމާ އެކު މިކަން ކުރުމަށް އަޅުގަނޑުމެން ކުރި މަސައްކަތް،" އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް އިންޑަސްޓްރީ އާއި އެނޫން ވަރަށް ގިނަ ދާއިރާތަކުގެ މުވައްޒަފުން ވަޒީފާއާ ބެހޭ ގާނޫނުގެ 34 ވަނަ މާއްދާ އިން އިސްތިސްނާކޮށްފައި ވާތީ އެ ހައްގުތައް ހޯދުމަށް ޓީމުން މީގެ ތިން މަހެއްހާ ދުވަސް ކުރިން ފެށި މަސައްކަތަށް އެއްވެސް ފަރާތަކުން އެކަށީގެންވާ އެހީތެރިކަމެއް ލިބިފައިނުވާ ކަމަށް ޓީމުން ކުރިން ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުން ވަޒީފާއާ ބެހޭ ގަނޫނު ފާސްކުރިއިރު، ސަރުކާރުން ވެސް އަދި އެނޫން ފަރާތަކުން ވެސް ވަޒީފާ އަދާކުރާ ގިނަ ބައެއްގެ ހައްގު ގެއްލިގެން ގޮސްފައިވާ މި މައްސަލަ ފާހަގަކޮށް ސަމާލުކަމަށް ގެނެސްފައެއްނުވެ އެވެ. އެ މައްސަލަ ފުރަތަމަ ވެސް ސަމާލުކަމަށް ގެނައީ މީޑިޔާ އިންނެވެ. ބައެއް ސިޔާސީ ޕާޓީތަކުން މިހާރު ދަނީ، ގާނޫނުގެ 34 ވަނަ މާއްދާ އިން އިސްތިސްނާ ކޮށްފައިވާ ފަރާތްތަކަށް ހައްގުތައް ހޯދައިދިނުމަކީ އެ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުކަމެއް ދިން ކަމެއް ކަމަށް ބުނެ އެހެން ފަރާތްތައް ބަދުނާމު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ