އެ މީހަކު ރަށްވެހިފައިވާ ނޫން އެހެން ރަށެއްގައި ރިޔާސީ އިންތިހާބުގެ ވޯޓު ލާ ނަމަ ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދިން މުއްދަތު ދެ ދުވަހަށް އިތުރުކޮށްފި އެވެ.
މީގެ ކުރިން އިލެކްޝަންސް އިން ހަމަޖައްސައިފައިވާ ގޮތުން ރަޖިސްޓްރީކޮށް ނިންމަން ޖެހެނީ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުދަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެ މީހަކު ރަށްވެހިފައިވާ ނޫން އެހެން ރަށެއްގައި ވޯޓުލާ ނަމަ ރަޖިސްޓްރީ ކުރުމުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށާއި އެ ގޮތަށް ހަމަޖެއްސީ ފޯމު ހުށަހަޅާ މީހުން އިތުރުވަމުންދާކަން އެ ފާހަގަކުރެވޭތީ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ އިއުލާނުގައިވާ ގޮތުން ރަޖިސްޓްރީކުރުމުގެ ފޯމު ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 00: 10 އިން ހަވީރު 00: 4 އަށް އަދި ރޭގަނޑު 00: 9 އިން 00: 11 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ ހެނދުނު 00: 9 އިން 00: 11 އާއި މެންދުރު ފަހު 30: 2 އިން 00: 4 އަށް އަދި ރޭގަނޑު 00: 9 އިން 30: 11 އަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަ ޖެނެރަލް މުހައްމަދު ތޮލާލު ބުރާސްފަތި ދުވަހު ވިދާޅުވީ ހަމައެކަނި މާލޭގައި މިހާތަނަށް 11،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި މުއްދަތު ހަމަވާއިރު ވަރަށް ގިނަ ބަޔަކު ރަޖިސްޓްރީކޮށް ނިންމާނެ ކަމަށް އުއްމީދުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވޯޓުލުމަށްޓަކައި މާލޭގައި 30،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެ އެވެ.
"މިހާރު އަޅުގަނޑުމެން ވާނީ ރަޖިސްޓްރީކުރާ ތަންތަން ވެސް އިތުރުކޮށްފައި. އެގޮތުން ނަސަންދުރާގެ ޓްރެންޑްސް ބައިގެ އިތުރުން ސޯޝަލް ސެންޓަރުގައި ވެސް ރަޖިސްޓްރީކުރުމުގެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ. މީގެ ސަބަބުން ރަޖިސްޓްރީ ކުރުމަށް އިތުރު ލުޔެއް ލިބިގެންދާނެ،" ތޮލާލު ވިދާޅުވި އެވެ.
އަންނަ އޮކްޓޫބަރު އަށް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެ މީހަކު ރަށް ވެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާނަމަ ރަޖިސްޓްރީ ކުރުމަކީ ރިޔާސީ އިންތިހާބުގެ ގަވާއިދުގައިވާ ގޮތުން ކުރަންޖެހޭ ކަމެކެވެ. އެގޮތަށް ރަޖިސްޓްރީ ނުކުރާނަމަ އެ ދުވަހު ވޯޓެއް ނުލެވޭނެ އެވެ.
އިލެކްޝަންސް އިން ހަމަޖައްސާފައިވާ ގޮތުން ރަޖިސްޓްރީކުރުމުގެ ފޯމު ބަލައިގަންނަނީ ކުރީގެ ނަސަންދުރާގައި ހިންގާ ރިޔާސީ އިންތިހާބާ ބެހޭ މައި މަރުކަޒުންނައި ސޯޝަލް ސެންޓަރުންނާއި އަތޮޅު އޮފީސްތަކުންނާއި ރަށު އޮފީސްތަކުންނާއި ރާއްޖެއިން ބޭރުގައި ވޯޓުލާ ހަތަރު ގައުމުގެ މިޝަންތަކުންނެވެ. ރާއްޖެއިން ބޭރުގައި ވޯޓުލަނީ ޓްރިވެންޑްރަމާއި ސްރީލަންކާގެ ކޮލަމްބޯ އާއި ސިންގަޕޫރު އަދި މެލޭޝިޔާގެ ކުއަލަލަމްޕޫރުގަ އެވެ.
ރިޔާސީ އިންތިހާބު 2008: ރަޖިސްޓްރީ ކުރުމުގެ މުއްދަތު ހޮނިހިރު ދުވަހުގެ ނިޔަލަށް އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ