ރިޔާސީ އިންތިހާބު 2008: އިންތިހާބުގެ އޮބްޒާވަރުންގެ ފުރަތަމަ ޓީމު ރާއްޖެ އަތުވެއްޖެ

އަންނަ ބުދަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވްކުރާނެ ފުރަތަމަ ޓީމު ބުދަ ދުވހު މާލެ އަތުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރާއްޖޭގައި ބާއްވާ ސިޔާސީ ޕާޓީތައް ވާދަކުރާ ފުރަތަމަ އިންތިހާބު އޮބްޒާވް ކުރުމަށްޓަކައި ބުދަ ދުވަހު މާލެ އައީ ކޮމަންވެލްތު އޮބްޒާވަރުންގެ ޓީމެވެ. ދިހަ އޮބްޒާވަރުން ހިމެނޭ ކޮމަންވެލްތު އޮބްޒާވަރުންގެ ޓީމުގެ އިސްވެރިއަކަށް ހުންނަވަނީ ބާބެޑޯސްގެ ކުރީގެ ބޮޑުވަޒީރު އޮވެން އާތާ ކަމަށެވެ. މި ޓީމުގައި ހިމެނެނީ މޮރިޝަސްގެ އިލެކްޝަންސް ކޮމިޝަނަރާއި ސީޝެލްސްގެ އިލެކްޝަންސް ކޮމިޝަނަރާއި އިންޑިޔާގެ ކުރީގެ އިލެކްޝަންސް ކޮމިޝަނަރާއި އޮސްޓްރޭލިޔާ އަދި އިނގިރޭސިވިލާތުގެ ޕޮލިޓިކަލް އޮފިޝަލުން ހިމެނޭ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ. ކޮމަންވެލްތުގެ އޮބްޒާވަރުންގެ މި ޓީމުގައި އޮބްޒާވަރުންގެ އިތުރުން ފަސް މެމްބަރުން ވެސް ހިމެނެ އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ކޮމަންވެލްތު އޮބްޒާވަރުންގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) ގެ ޓީމެއް އަންނަ ހަފުތާ ތެރޭގައި އަންނާނެ ކަމަށެވެ. އީ.ޔޫގެ އޮބްޒާވަރުންގެ ޓީމުގައި ހިމެނެނީ 19 މެމްބަރުންނާއި އިލެކްޝަންތަކާ ބެހޭ ތަޖުރިބާކާރު ތިން މީހެކެވެ.
"އީ.ޔޫގެ ޓީމު ވެސް މި މަހުގެ ހަތަރު ވަނަ ދުވަހު ނުވަތަ ފަސްވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ. އީ.ޔޫގެ ޓީމުގައި ހިމެނެނީ އީ.ޔޫގެ ލަންކާ މިޝަންގެ ޓީމެއް،" ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށްޓަކައި ކޮމަންވެލްތާއި އީ.ޔޫގެ އިތުރުން އދ. ގެ ފަރާތުން އެސެސްމަންޓް ޓީމެއް ވެސް ފޮނުވުމަށް ވަނީ ހަމަޖެހިފަ އެވެ. ތިން މެމްބަރުން ހިމެނޭ އެސެސްމަންޓް ޓީމު އައުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ އިންތިހާބު އޮބްޒާވަރުން ރާއްޖެ ގެނައުމުގެ ކަންތައްތަކުގައި ފޮރިން މިނިސްޓްރީ ޝާމިލްވި ނަމަވެސް، އިންތިހާބު އޮބްޒާވްކުރުމުގެ ތެރޭގައި އެ މިނިިސްޓްރީން އެއްވެސް ވަރަކަށް ބައިވެރިނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ފޮރިން މިނިސްޓްރީން އޮބްޒާވަރުންނާއެކު އެއްވެސް ވަރަކަށް ހަރަކާތްތެރިއެއް ނުވާނެ. އިންތިހާބު އޮބްޒާވްކުރުމަށް އެ ޓީމުތަކުން ބޭނުންވާ ގޮތަކަށް ކުރުމަށް އޮންނާނީ ދޫކޮށްލާފައި،" އޮފިޝަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ