ސައްދާމު މަރަން ޙުކުމް ކުރި ފަނޑިޔާރު ހޯދާ ހަނގުރާމަވެރިން އޭނާ މަރާލައިފި

އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސެން ދަންޖައްސާ މަރަަން 2006 ވަނަ އަހަރު ޙުކުމް ކުރި ފަނޑިޔާރު ހޯދާ މިހާރު އިރާޤުގައި ބާރުގަދަ ކުރަމުންދާ ހަނގުރާމަވެރިންގެ ޖަމާއަތް އައިއެސްއައިއެސް އިން އެފަނޑިޔާރު މަރާލައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އުމުރުން 69 އަހަރުގެ ފަނޑިޔާރު ރައުފު އަބުދުލް ރަހުމާން މަރާލާފައިވާ ކަން އިރާޤު ސަރުކާރުން އަދި ކަށަވަރެއް ނުކޮށްދެއެވެ. ނަމަވެސް އައިއެސްއައިއެސް ގެ ހަނގުރާމަވެރިންނާއި ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ޖޯޑަންގެ މަޖިލިސް މެންބަރެއް ކަމަށްވާ ހަލީލް އަތިއްއާހް ވަނީ އަބުދުލްރަހުމާން ހައްޔަރުކޮށް އޭނާއަށް މަރުގެ އަދަބު ދީފައިވާ ކަމަށް ފޭސްބްކު ގައި ލިޔުއްވާފައެވެ.
ހަނގުރާމަވެރިން އަބުދުލް ރަހުމާން ހައްޔަރުކޮށްފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު ކަމަށްވެއެވެ. އަދި އޭނާ މަރާލާފައި ވަނީ އޭގެ 2 ދުވަސް ފަހުންނެވެ.
ހަނގުރާމަވެރިން އަބުދުލް ރަހުމާން މަރާލިއިރު އޭނާގެ ތިން ކުދިން ދުނިޔޭގައި އެބަތިއްބެވެ. އަބުދުލް ރަހުމާން ޤާނޫނީ ދާއިރާއިން ގްރެޖްއޭޓްވީ 1963 ވަނަ އަހަރު ބަޣުދާދު ޔުނިވަސިޓީ އިންނެވެ. 1996 ވަނަ އަހަރު ކުރުދިސްތަން އެޕީލް ކޯޓުގެ އިސް ގާޒީ ކަމުގެ މަގާމަށް އައްޔަން ކުރުމާއި ހަމައަށް އަބުދުލް ރަހުމާން މަސައްކަތް ކުރީ ޤާނޫނީ ވަކީލެއްގެ ގޮތުގައެވެ.
އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސެން މަރަން އަބުދުލް ރަހުމާން ޙުކުމް ކުރީ ސައްދާމުގެ އަމުރަށް 1982 ވަނަ އަހަރު ދުޖައިލް ކިޔާ އަވަށަކަށް ދިން ކެމިކަލް ހަމަލާއެއްގައި 148 މީހަކު މަރުވި މައްސަލައިގައެވެ.
އައިއެސްއައިއެސްގެ ހަނގުރާމަވެރިން އަބުދުލް ރަހުމާން މަރާލިއިރު އައިއެސްއައިއެސްގެ ހަނގުރާމަވެރިންގެ ތެރޭގައި ގިނައީ ސައްދާމުގެ ވެރިކަމުގެ ދުވަސްވަރު އަސްކަރިއްޔާގައި އުޅުނު މީހުންނެވެ. އެޖަމާއަތުގެ އިސް މީހުންގެ ގޮތުގައި ތިބީ ސައްދާމުގެ ސަރުކާރުގެ އިސް މަގާމުތައް ފުރި މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ