1991 އެޕްރީލް 1991 ވަނަ އަހަރު ބ.ހިތާދޫ ނަސީމީވިލާ ގެއަށް އުފަން ޕޮލިސް ކޮންސްޓަބަލް މިސްބާހް އަބްދުﷲ އަކީ އެއިރެއްގައި އަދާކުރަންޖެހޭ މަސްޢޫލިއްޔަތެއް އަދާކުރުމުގައި ކެރިގެން ކުރިމަތިލާ އަޒުމް ވަރުގަދަ ފުލުހެކެވެ. މަޑުމައިތިރި މަޖާ މިޒާޖެއްގެ މިޞްބާހް އަބްދުﷲ އަކީ ބ.ހިތާދޫ ނަސީމީވިލާ އަބްދުﷲ އާދަމް އާއި ފާތިމަތު ޤާސިމް އަށް ލިބިފައިވާ 6 ކުދިންގެ ތެރެއިން 3 ވަނަ ދަރިފުޅެވެ. އެއާއިލާއަށް ލިބިފައިވާ 4 ފިރިހެން ކުދިންގެ ތެރެއިން 3 ވަނަ ކުއްޖާއެވެ. އެއީ މައިން ބަފައިންނަށް ކަމޭހިތައި އޯގާތެރި ދަރިއެއެކެވެ. ޅ.މަޑިވަރުގައި ހިންގުނު 22 ވަނަ ޕޮލިސް ރެކްރޫޓް ޓްރޭނިންގ ކޯސް ފުރިހަމަކުރެއްވުމަށްފަހު ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓްގެ ޓްރެފިކް އޮޕަރޭޝަން ޔުނިޓްގައި މަސައްކަތްކުރެއްވި މިސްބާހް އަބްދުﷲ އަކީ އެކުގައި މަސައްކަތްކުރާ ފުލުހުންގެ ނަމޫނާ ފުލުހެކެވެ. އެކުވެރިންނާ ރަޚްމަތްތެރިންގެ ގާތް އެކުވެރިއެކެވެ. ހިތްހެޔޮ ރަހުމަތްތެރިއެކެވެ. 2014 ވަނަ އަހަރު ޒަވާޖީ ހަޔާތެއް ފެށުމަށް ފޮނިފޮނި އުންމީދުތަކެއް ކުރަމުންދިޔަ ޒުވާން ދިވެހި ދަރިއެކެވެ.
އެއީ 2013 ޖޫން 01 ވަނަ ދުވަހުގެރޭ މެންދަމުގެ ވަގުތެވެ. އެހެން ރޭތަކެކޭ އެއްފަދައިން މިރޭވެސް ޕޮލިސް ކޮންސްޓަބަލް މިސްބާހް އަބްދުﷲ ޑިއުޓީއަށް ނިކުތީ ވަރުގަދަ އަޒުމަކާއެކުގައެވެ. ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ފޮނިފޮނި އުންމީދުގައެވެ. ދަންވަރު ގަޑީގައި ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތައް މަގުމަތީގައި ހެދިފައިވާ ޤަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެހެން ރޭތަކެތަކެކޭ އެއްފަދައިން އެރޭވެސް ޓްރެފިކް ވީސީޕީ ޖެހުނެވެ. ނަމަވެސް އެރޭގެ ފަތިހުގެ ވަގުތު ވެގެންދިޔައީ މިސްބާހް އަބްދުﷲގެ އާއިލާއާއި ރައްޓެހިންނާއި އަދި ދިވެހި ފުލުހުންނަށް ލިބުނު ބޮޑު ހިތާމައަކަށެވެ.
އެރޭގެ ފަތިހު 04:00 ހާއިރު، ޕޮލިސް ކޯޕްރަލް މިސްބާހު އަބްދުﷲ (ސ.ނ 4670) އާއި އޭނާގެ ޓީމް ބޮޑުތަކުރުފާނުމަގުގައި ޓްރެފިކް ވީސީޕީ ޖަހައި, ވެހިކަލް ޗެކް ކުރަމުރުމުގެ މަސައްކަތްކުރަމުންދިޔައެވެ. ނަމަވެސް ކުއްލިއަކަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އޭނާގެ ގައިގައި ޖެއްސިއެވެ. އަދި އޭނާގެ ހަށިގަނޑު ފޫއަޅުވާލިއެވެ. އެވަގުތު ފުލުހުން ޕޮލިސް ކޮންސްޓަބަލް މިސްބާހް އަބްދުﷲގެ ހަށިގަނޑު އެމަޖެންސީގައި އޭޑީއަށް ގެންދިޔައެވެ. ނަމަވެސް ލިބުނު އަނިޔާ އާއި ޒަހަމުތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް 2013 ޖޫން 1 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާ ޝަހީދެއްގެ ގޮތުގައި މިދުނިޔެއާއި އަލްވަދާއުކިއެވެ.
މިއެކްސިޑެންޓްގައި ޕޮލިސް ކޯޕްރަލް މިސްބާހް އަބްދުﷲގެ ކަނދުރާ އާއި ފައި ބިނދި ބޮޑެތި ޒަޚަމްތަކެއް ހަށިގަނޑަށް ލިބިފައެވެ. އަދި އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ސިކުނޑި މަސައްކަތް ނުކުރާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވެއެވެ.
ޕޮލިސް ކޯޕްރަލް މިސްބާހް އަބްދުﷲ ފަސްތާން ލެވިފައިވަނީ ރަސްމީ އިއްޒަތުގައި ގަލޮޅު ސަހަރާގަ. ޝަހީދުވި އިރު ޢުމުރަކީ 22 އަހަރެވެ.
ޝަހީދު، ޕޮލިސް ކޯޕްރަލް މިސްބާހް އަބްދުﷲގެ ޤައުމީ ޚިދުމަތަކީވެސް ދުވަހަކުވެސް ގުނާ އަދަދު ނުކުރެވޭފަދަ މަތިވެރި ޚިދުމަތެކެވެ. 2007 ވަނަ އަހަރު ބ.ހިތާދޫ ސްކޫލުން ޖީސީއީ އޯލެވެލް ފުރިހަމަކުރެއްވުމަށްފަހު 2009 ވަނަ އަހަރު އޭނާ ވަނީ ހަވީރު އިދާރާގައި މަސައްކަތް ކުރައްވާފައެވެ. އެއަށްފަހު އޭނާ ފުލުހުންގެ ޚިދުމަތާއި ގުޅިފައިވަނީ 2011 އޮކްޓޯބަރ 10 ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތާއި ގުޅުނު އިރުވެސް އޭނާ ދިޔައީ ސައިރިސް ކޮލެޖުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޑިޕްލޮމާ ކޯހެއް ފުރިހަމަ ކުރަމުންނެވެ. އޭނާ ވަނީ ފުލުހުންގެ ޚިދުމަތުގައި މެދުނުކެނޑި 1 އަހަރާ 7 މަހާއި 22 ދުވަހު ޚިދުމަތްކޮށްފައެވެ. އޭނާ ފުލުހުންގެ ވަޒީފާގައި ހޭދަކުރެއްވި މުއްދަތުގައި އަޚްލާޤީ އެއްވެސް މައްސަލައެއް ޖެހިފައި ނުވާއިރު، އޭނާ ޝަހީދުވުމުން ސަރުކާރުން ވަނީ އޭނާގެ ޚިދުމަތުގެ އަގުވަޒަންކުރައްވާ ޑަބަލް ޕްރޮމޯޝަން ދެއްވާ ޕޮލިސް ކޮންސްޓަބަލްގެ މަޤާމުން ޕޮލިސް ކޯޕްރަލް ގެ މަޤާމަށް ރޭންކް މަތިކުރައްވާފައެވެ.
ނަމަވެސް ޝަހީދު، ޕޮލިސް ކޯޕްރަލް މިސްބާހް އަބްދުﷲ ގެ އާއިލާ އާއި ރައްޓެހިންގެ މޫނުމައްޗަށް ވެރިވެފައިވާ ހިތާމަވެރިކަން ދުވަހަކުވެސް ފޮހެވިގެން ނުދާނެއެވެ. އޭނާގެ ޒިކުރާ ތާއަބަދަށް ދެމިހުންނާނެކަން ޔަޤީނެވެ.
މާތްﷲ ޝަހީދު، ޕޮލިސް ކޯޕްރަލް މިސްބާހް އަބްދުﷲ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.
ނޯޓް: މިއީ ޕޮލިސް ވެބްސައިޓް “ޕޮލިސް ލައިފް” ގައި 2015 ވަނަ އަހަރު ލިޔެފައިވާ ލިޔުމެކެވެ.
ޕޮލިސް މެމޯރިއަލް ޑޭ: ޝަހީދު، ޕޮލިސް ކޯޕްރަލް މިސްބާހް އަބްދުﷲ (1991 – 2013)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ