ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ، ޅ އަތޮޅުން ވ އަތޮޅަށް ރީނދޫ އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޅ އަތޮޅުން ވ އަތޮޅަށް ރީނދޫ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބނެރުނު އެލާތްގައި ބުނެފައި ވަނީ މިއަދު ހެނދުނު 9:10 އިން ފެށިގެން މެންދުރު ފަހު 1:00 އާ ހަމައަށް ޅ. އަތޮޅުން ފެށިގެން ވ އަތޮޅަށް ބާރަށް ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއަދުގެ މޫސުން ލަފާކުރާ ގޮތް ހާމަކުރަމުން މެޓް އޮފީހުން ބުނެފައި ވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ. ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
އަދި އާދައިގެ ވަރަކަށް ކަނޑު ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ. މިއަދު ރާޅުގެ އުސްމިން 3 ފޫޓާއި 5 ފޫޓަށް އުފުލޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައިވާ އިރު މިއަދު ހެނދުނު މާލެ ސަރަހއްދަށް ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހިފައެވެ. ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ