މެމްބަރު ތޯރިގް ކުންފުންޏަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން މައްސަލަ ބާތިލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ފިއުލް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ނެގި ތެލުގެ އަގުގެ ގޮތުގައި ދައްކަން ޖެހޭ 170،261.45 ރުފިޔާ ކޯޓުން ބޭރުން ދައްކާ ހަލާސްކޮށްފައިވާތީ އެމައްސަލަ ކުރިއަށް ނުގެންދަން ސިވިލް ކޯޓުން ނިންމައިފި އެވެ. ތޯރިގްގެ މައްޗަށް ފިއުލް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރީ އެކުންފުނިން 2011 ވަނައަހަރު ފޯރުކޮށްދިން ތެލުގެ އަގުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކާތީ އެފައިސާ ހޯދުމަށެވެ. އެމައްސަލާގައި މިދިއަ ބުރާސްފަތި ދިވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ފިއުލް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ތޯރިގް ދައްކަން ޖެހޭ ފައިސާ ކޯޓުން ބޭރުގައި ދައްކާފައިވާ ކަމަށްބުނެ އެކުންފުނިން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެހެންކަމުން " މިމައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް" ކަމަށް ކޯޓު ހުކުމުގައި ވަނީ ބުނެފަ އެވެ. ފިއުލް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިހާބު މިއަދު ސަން އަށް ވިދާޅުވީ މެމްބަރު ތޯރިގު އެ "ކުންފުންޏަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް މިހާރު ނެތް" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ