ހުޅަނގު މޫސުން ނިމި އިރުވައި މޫސުމަށް، ކުރިއަށް އޮތް 10 ދުވަހު ވިއްސާރަ ވާނެ: މެޓް

މިއީ ހުޅަނގު މޫސުން ނިމި، އިރުވައި މޫސުމަށް އަޅައި، ދެ މޫސުން ބެދޭ ދުވަސްވަރު ކަމުން ކުރިއަށް އޮތް 10 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ. މެޓް އޮފީހުގެ މީޓީއަރޮލޮޖިސްޓް މުޙައްމަދު ޝަހުދު މިއަދު 'ސަން' އަށް ވިދާޅުވީ މިއީ ދެ މޫސުން ބެދޭ ދުވަސް ވަރުކަމުން އާންމުކޮށް ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށެވެ. އޭގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ވިއްސާރަ ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިއަދު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެރި ގުގުރުން އެކަށީގެންވާ ކަމަށެވެ. ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ. ނަމަވެސް އަންނަ ހަފުތާ ބަންދުގައި ކަނޑު ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. މެޓް އޮފީހުގެ ތަފާސްހިސާބަށް ބަލާއިރު ފާއިތުވި 24 ގަޑިއިރުގެތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ބ. ދަރަވަންދޫއަށެވެ. އޭގެ އިތުރުން ކ. ގާފަރާއި އދ. މާމިގިއްޔަށް ވެސް ބޯކޮށް ވާރޭވެހިފައިވާ ކަމަށް މެޓް އޮފީހުގެ ތަފާސްހިސާބުތައް ދައްކައެވެ. މިދުވަސްވަރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކަނޑު ދަތުރުކުރާ މީހުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ