މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ކުރީގެ ކޮމިޝަނަރު އައިމިނަތު ސަރާހަތު އިއްޒަތު އާއި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުالله (މުހަންމާ) އައްޔަނުކުރަން މަޖިލީހުން މިއަދު ރުުހުން ދީފި އެވެ. 
ބްރޯޑްކޮމްގެ ދެ ގޮނޑި ހުސްވީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ އާއި މެންބަރު އަލީ ޔޫސުފް ދައުރުގެ ހަމަވުމުންނެވެ. މި ދެ ގޮނޑިއަށް މެންބަރުން އައްޔަނުކުރަން ނެގި ވޯޓުގައި ސަރާހަތު އައްޔަނުކުރަން ފެންނަ ކަމަށް 68 ވޯޓު, އަދި މުހަންމާ އައްޔަނުކުރަން ފެންނަ ކަމަށް 58 ވޯޓު ލިބުނެވެ. 
ބްރޯޑްކޮމްއަށް މުހަންމާ އައްޔަނުކުރަން ރުހުންދިނީ ދެވަނައަށް އެންމެ ގިނައިން މާކްސް ލިބުނު ޝިފްޒާ މުސްތަފާ އައްޔަނުކުރަން ނުފެންނަ ކަމަަށް 50 މެމްބަރަކު ވޯޓު ދިނުމާ ގުޅިގެންނެވެ. މުހަންމާ އަކީ މި މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ރިޕޯޓުގައި ތިންވަނައަށް އެންމެ ގިނައިން މާކްސް ލިބުނު މީހާ އެވެ. 
މަޖިލީހުން ރުހުން ދިނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވެވި ލިސްޓުގެ ތަރުތީބަކުން ނޫނެވެ. ރައީސް ފޮނުއްވެވި ލިސްޓުގެ އެންމެ ކުރީގައި އޮތީ މުހަންމާ އެވެ. އަދި ދެވަނައިގައި އޮތީ ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ އެވެ. އެ ލިސްޓުގައި ސަރާހަތު އޮތީ ހަތް ވަނައިގަ އެވެ.
ސަރާހަތު އާއި މުހަންމާ ކޮމިޝަނަން އައްޔަނުކުރުމުން އެ ކޮމިޝަންގައި ތިބެން ޖެހޭ ހަތް މެންބަރުން ހަމަވާނެ އެވެ. މިހާރު އެ ކޮމިޝަނުގައި ތިއްބަވަނީ އައިމިނަތު އަމީނާ އާއި މުހައްމަދު ފަޒީނު އާއި ޝިފްލާ އިބްރާހިމްގެ އިތުރުން ސަފާ ޝަފީގު އާއި އައިމިނަތު ނުޒުހާ އެވެ. 
ބްރޯޑްކޮމްއަކީ ބްރޯޑްކާސްޓު ދާއިރާގެ ބެލެނިވެރި މުއައްސަސާ އެވެ. އެ ކޮމިޝަނުގެ ޒިންމާތަކުގެ ތެރޭގައި ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމާއި ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރޭތޯ ކަށަވަރުކޮށް ފިޔަވަޅު އެޅުމުގެ އިތުރުން ފްރީކުއެންސީ ޕްލޭން އެކުލަވާލުމާއި ބްރޯޑްކާސްޓިންއާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދިނުން ހިމެނެ އެވެ.
    
    ބްރޯޑްކޮމްއަށް ސަރާހަތު އާއި މުހައްމަދު އަބްދުالله އައްޔަނުކުރަން މަޖިލީހުން ރުހުންދީފި ބްރޯޑްކޮމްއަށް ސަރާހަތު އާއި މުހައްމަދު އަބްދުالله އައްޔަނުކުރަން މަޖިލީހުން ރުހުންދީފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ