ޓްރަމްޕް ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަހު ގިނަ ރިޔާސީ ގަރާރުތަކެއްގައި ސޮއިކުރައްވައިފި

އެމެރިކާގެ 47 ވަނަ ރައީސް ޑޮނަލްޑް ޓްރަމްޕް މަޤާމާ ހަވާލުވެވަޑައިގަތުމާއެކު ފުރަތަމަ ދުވަހު ވެސް، ކުރީގެ ރައީސް ޖޯ ބައިޑަންގެ ގިނަ ރިޔާސީ ގަރާރުތަކެއް ބާތިލުކުރައްވައި، އައު ގަރާރުތަކެއްގައި ސޮއިކުރައްވައިފިއެވެ.
މީގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެރިސް މުއާހަދާއިން ވަކިވުމާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އާ ގުޅޭ ގޮތުން ބައިޑަން ނެރުއްވާފައިވާ ގަރާރު ބާތިލުކުރެއްވުން ހިމެނެއެވެ. އަދި ސަރުކާރުގެ މުވައްޒަފުން ހަފުތާއަކު 5 ދުވަހު އޮފީހަށް ނުކުތުމަށް އަންގަވައި، އައު މުވައްޒަފުން ނެގުން ވަގުތީގޮތުން މަޑުޖައްސާލުމަށް އަމުރުކުރައްވާފައިވެއެވެ.
މީގެ އިތުރުން، ޖިންސީ ތަފާތުކުރުންތަކާ ދެކޮޅަށް ބައިޑަން ނެރުއްވާފައިވާ ޓައިޓަލް 9 ގެ ގަރާރާއި، ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކަށް ދެއްވާފައިވާ އިރުޝާދުތައް ވެސް ބާތިލުކުރައްވާފައިވެއެވެ.
އަދި ކިއުބާ އަކީ ޓެރަރިޒަމަށް އެހީތެރިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ނިންމުން ބާތިލުކުރުމަށް ބައިޑަން ނިންމަވާފައިވާ ނިންމުން ވެސް ވަނީ ހުއްޓުވާލައްވާފައެވެ.
އޭޕީ-އެންއޯއާރުސީގެ ހޯދުމަކުން ދައްކާގޮތުގައި، ޕެރިސް މުއާހަދާއިން ވަކިވުމާމެދު އެމެރިކާގެ ދެބައިކުޅައެއްބައި ރައްޔިތުން ދެކޮޅުހަދާއިރު، 5 ދުވަހު އޮފީހަށް ނުކުތުމަށް އަންގަވާފައިވާ އެންގެވުމަށް ރިޕަބްލިކަނުންގެ ފުރިހަމަ ތާއީދު ލިބިފައިވެއެވެ.
ހުވާކުރުމުގެ ރަސްމިއްޔާތުތަކަށް ޓްރަމްޕް ނުކުމެވަޑައިގެންނެވީ، ގަޑިޖެހިވަޑައިގެންނެވުމަށްފަހުއެވެ. އެކަމާހެދި އާންމު 5:00 އަށް ނިމޭ ގޮތަށް ހަމަޖެހިފައިވާ އަމުރުތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ރޭގަނޑު 7:30 އާ ހަމައަށް ދިގުދެމިގެން ދިޔައެވެ.
ޓްރަމްޕް ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ވައިޓް ހައުސްއަށް ވަޑައިގަތީ ރޭގަނޑު 7:00 ގައެވެ. އެމަނިކުފާނާއެކު، އަނބިކަނބަލުންނާއި، ދަރިކަލުން ބެރަންއާއި، އަނބިކަނބަލުންގެ ބައްޕާފުޅު ވެސް ވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ