ކޮވިޑްގެ ހާލަތުގައި ޑޮލަރުގެ ރޭޓު މަތި ނުވާ ވަރަށް މިސަރުކާރުގައި ޑޮލަރުގެ ރޭޓު މަތި: މީކާއިލް

ކޮވިޑްގެ ހާލަތުގައި ޑޮލަރުގެ ރޭޓު މަތި ނުވާ ވަރަށް މިސަރުކާރުގައި ޑޮލަރުގެ ރޭޓު މަތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަރުގެ ޖަލްސާގައި މީކާއިލް ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި މީން ދުވަހަކުވެސް، ކަޅާއި ހުދުން ސާފުކޮށް ފެންނަން ހުރި ކަންކަމާމެދު ފާޅުގައި ޕީއެންސީއިން ދޮގު ހަދަމުން ދާ ކަމަށެވެ. މުޖުތަމައުގައި ދޮގު ފަތުރާ، އަދި ސަރުކާރު ހިނގާ ނިޒާމާއި، ސިޔާސީ ޕާޓީތައް ފޫހި ކުރުވަން ބަޔަކު މަސައްކަތް ކުރާ ތަން ފެންނަ ކަމަށް މީކާއިލް ވިދާޅުވިއެވެ.
”ރައްޔިތުން ސިޔާސީ ނިޒާމު ދެކެ ފޫހިވާ ވަރަކަށް ސަރުކާރަށް ވައްކަން ކުރަން ފަސޭހަވޭ. ރައްޔިތުން ސިޔާސީ ނިޒާމު ދެކެ ފޫހިވާ ވަރަކަށް ސަރުކާރަށް އެހެން ނާޖާއިޒް ފައިދާތައް ހޯދަން ފަސޭހަވޭ.“
މީކާއިލް ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އެއް ވައުދުގެ ގޮތުގައި ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އެމްޑީޕީގެ ސަރުކާރުން އޭރު ކަނޑައެޅިގޮތަށް ގޯއްޗާއި ފުލެޓު ދޭނެ ކަމަށް ވީ ވައުދު ކަަމަށެވެ. މިދިޔަ ހަފްތާގައި އޮކްޓޯބަރު މަހުގެ ނިޔަލަށް ފުލެޓުތައް ރިވިއުކޮށް އެ ލިބެންޖެހޭ ހައްގުވެރި ފަރާތްތަކަށް ހަވާލު ކުރާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. ހައިދަރު ވިދާޅުވެފައިވާ ކަމަށް މީކާއިލް ވިދާޅުވިއެވެ.
”އެ އޮކްޓޯބަރު މަހެއް ނާންނާނެ. ދިވެހިރާއްޖެއަކަށް 2024ގެ އެ ދަންނަވާ، އެ ވިދާޅުވާ އޮކްޓޯބަރު މަހެއް ދެނެއް ނާންނާނެ. ކަނޑައެޅިގެން ބޮޑު ދޮގެއް. ދެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގައި މިހާރު ބައްލަވާށޭ ޑޮލަރު ރޭޓު ހުރި ގޮތް. އެދަނި ތިރިޔަށޭ. ރާސްލާފައި އެ ދަނީ ތިރިޔަށޭ. ދެން ތިމަންނާ ޑޮލަރު ރޭޓު މައްޗަށް އެރިޔަކަ ނުދޭނަމޭ. މިހާރު ކޮވޮޑުގެ ދަތި ހާލުގައި ރާއްޖޭގެ ވައިގެ ބަނދަރާއި އަދި ޓުއަރިސްޓުންނަށް ނާދެވޭގޮތަށް ރާއްޖެ ބަންދުވެފައި އޮތްއިރުވެސް ޑޮލަރުގެ ރޭޓު ނާރާހާ މައްޗަށް މިހާރު އަރަމުންދާ މަންޒަރު އަޅުގަނޑުމެންނަށް މި ފެނިގެންދަނީ“
މީކާއިލް ވިދާޅުވީ މި ސަރުކާރާއި ހިޔާލު ތަފާތުވާ ފަރާތްތަކަށް މިނިވަންކަން އޮންނާނެ ކަމަށާއި އަދި ވަޒީފާގެ ބިރު ނޯންނާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެޗްޑީސީގެ މުވައްޒަފަކު އެމްޑީޕީގެ ހަރުގޭގައި ގުރްއާން ކިޔަވާލުމުން ވަޒީފާއިން ވަކިކުރި ކަމަށް މެމްބަރ މީކާއިލް ވިދާޅުވިއެވެ.
މި ސަރުކާރަކީ ރައްޔިތުންނަށް ފާޅުގައި އޮޅުވާލައި، ރާއްޖޭގައި އޮތް ނިޒާމާއި އަދި ޕާޓީތައް ދެކެ ފޫހި ކުރުވުމަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށް މެމްބަރ މީކާއިލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ