ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
މާލެ އާއި އައްޑޫ ސިޓީގައި ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ އިރު، ހިތަދޫ ދާއިރާއަށް ރަޖިސްޓްރީވެފައިވާ މެމްބަރުންނަށް ވޯޓްލެވޭނީ ހިތަދޫގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. ހިތަދޫ ވޯޓު ފޮށި ބަހައްޓާފައިވަނީ ހިތަދޫ ސްކޫލުގައެވެ.
އަދި މާލެއާ އެހެނިހެން ރަށްރަށުގައި ވޯޓުލުމަށް ރަޖިސްޓްރީ ވެފައިވާ އެ ދާއިރާގެ މެންބަރުން ވޯޓުލުމަށް ހަމަޖެހިފައިވަނީ މާލޭގައި ބަހައްޓާ ވޯޓު ފޮއްޓަށެވެ. މި ފޮށި ބަހައްޓާފައިވަނީ ކަލާފާނު ސުކޫލުގައެވެ.
މި ޕްރައިމަރީގައި 727 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. ޕްރައިމަރީގެ ވޯޓްލުން އޮންނާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރުމަށް، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އަދި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12 ގައި ހުކުމް ކުރުމުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީ އަށް ކުރިމަތިލެއްވި ދެ ބޭފުޅުންގެ ތެރެއިން ސައީދަކީ މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހިތަދޫ މޫލެކެޑެ ދާއިރާ އަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ބޭފުޅެކެވެ. ނަމަވެސް އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ނަޒީރާ ވާދަކުރައްވައި ސައީދު ބަލިވީ އެންމެ ނުވަ ވޯޓުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓު ނަޒީރު 592 ވޯޓު ހޯއްދެވިއިރު ސައީދަށް ހޯއްދެވުނީ 583 ވޯޓެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން ހަ ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ