ފީފާ ވޯލްޑްކަޕް 2026: ބްރެޒިލްގެ ފައިނަލް ސްކޮޑުން ނޭމާއަށް ފުރުސަތުދީފި

އަންނަ މަހު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ނެގި ބްރެޒިލްގެ 26 ކުޅުންތެރިންގެ ސްކޮޑުން ތަޖުރިބާކާރު ފޯވާޑް ނޭމާއަށް ފުރުސަތު ދީފިއެވެ. ރިއޯ ޑި ޖެނީރޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބްރެޒިލްގެ އިޓަލީ ކޯޗު ކާލޯ އަންޗެލޮޓީ ސްކޮޑު އިއުލާން ކުރިއިރު، ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހު ނޭމާ ސްކޮޑަށް އެނބުރި އައުމުން ސަޕޯޓަރުން ވަނީ ބޮޑު ތަރުހީބެއް ދީފައެވެ. 2023 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެފައިނުވާ އުމުރުން 34 އަހަރުގެ ނޭމާ މިހާރު ކުޅެމުންދަނީ ބްރެޒިލްގެ ސަންތޯސް އަށެވެ. އޭނާ އަކީ 128 މެޗުން 79 ލަނޑު ޖަހައިގެން ބްރެޒިލްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. މިއީ ނޭމާ ވާދަކުރާ ހަތަރުވަނަ ވޯލްޑް ކަޕެވެ. ސްކޮޑާ ބެހޭގޮތުން ވާހަކަ ދައްކަމުން އުމުރުން 66 އަހަރުގެ ކޯޗު އަންޗެލޮޓީ ބުނީ، މުޅި އަހަރު ދުވަހު ނޭމާގެ ކުޅުން މޮނިޓާކުރި ކަމަށާއި، ފަހަކަށް އައިސް އޭނާ ގަވާއިދުން ކުޅެ، ފިޒިކަލް ކޮންޑިޝަން ރަނގަޅުވަމުން އަންނަކަން ފާހަގަކުރެވުނު ކަމަށެވެ. ސްކޮޑުން ފުރުސަތު ހޯދި އަދި ބާކީވި މުހިންމު ކުޅުންތެރިންލިވަޕޫލްގެ ފަހު 10 މެޗު އަނިޔާގެ ސަބަބުން ގެއްލުނު ކީޕަރު އެލިސަން ބެކާ ސްކޮޑުގައި ހިމެނިފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑްގެ ކަސެމީރޯ އަދި މަތެއުސް ކުންހާގެ އިތުރުން ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް އަދި އާސެނަލްގެ ޑިފެންޑަރު ގަބްރިއެލް ވަނީ ހިމަނާފައެވެ. މީގެ އިތުރުން ބްރެންޓްފޯޑްގެ އިގޯ ތިއާގޯ އާއި ބޯންމައުތުގެ ރަޔާން ވެސް ވަނީ ސްކޮޑުން ޖާގަ ހޯދާފައެވެ. ސްކޮޑުން ލިބުނު އެންމެ ބޮޑު ސިހުމަކީ ޗެލްސީގެ ޓޮޕް ސްކޯރާ ޔޮއާއޯ ޕެޑްރޯއަށް ފުރުސަތު ނުލިބުމެވެ. އޭނާ ވަނީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި 15 ލަނޑު ޖަހައި 5 އެސިސްޓް ހަދާފައެވެ. ސްކޮޑުގައި ހިމެނޭ އެހެން ފާހަގަކޮށްލެވޭ ތަރިންގެ ތެރޭގައި ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާ، ބާސެލޯނާގެ ރަފީނިއާ އަދި ލިޔޯން އަށް ލޯނު އުސޫލުން ކުޅެމުންދާ 19 އަހަރުގެ ފޯވާޑް އެންޑްރިކް ހިމެނެއެވެ. އަންޗެލޮޓީ އިއުލާނުކުރި ބްރެޒިލްގެ ވޯލްޑް ކަޕް 26 ކުޅުންތެރިންގެ ސްކޮޑު ގޯލްކީޕަރުން: އެލިސަން (ލިވަޕޫލް)، އެޑަސަން (ފެނަބާޗޭ)، ވެވަރޓަން (ގްރެމިއޯ). ޑިފެންޑަރުން: އެލެކްސް ސަންދްރޯ، ޑެނީލޯ، ލިއޯ ޕެރޭރާ (ފްލަމެންގޯ)، ބްރެމަރ (ޔުވެންޓަސް)، އިބަނޭޒް (އަލް އަހްލީ)، ވެސްލީ (ރޯމާ)، މާކީނިއޯސް (ޕީއެސްޖީ)، ގެބްރިއެލް (އާސެނަލް)، ޑަގްލަސް ސަންތޯސް (ޒެނިޓް). މިޑްފީލްޑަރުން: ބްރޫނޯ ގިމަރޭސް (ނިއުކާސަލް)، ކަސެމީރޯ (މެންޗެސްޓާ ޔުނައިޓެޑް)، ޑެނީލޯ ސަންތޯސް (ބޮޓަފޯގޯ)، ފަބީނިއޯ (އަލް އިއްތިހާދު)، ލޫކަސް ކެޓާ (ފްލަމެންގޯ). ފޯވާޑުން: އެންޑްރިކް (ލިޔޯން)، ގެބްރިއެލް މާޓިނެލީ (އާސެނަލް)، އިގޯ ތިއާގޯ (ބްރެންޓްފޯޑް)، މަތެއުސް ކުންހާ (މެންޗެސްޓާ ޔުނައިޓެޑް)، ރަފީނިއާ (ބާސެލޯނާ)، ވިނީޝިއަސް ޖޫނިއާ (ރެއާލް މެޑްރިޑް)، ލުއިޒް ހެންރީކޭ (ޒެނިޓް)، ނޭމާ (ސަންތޯސް)، ރަޔާން (ބޯންމަތު). މުބާރާތުގެ ގްރޫޕް ސީ ގައި ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި ޖޫން 13 ގައި ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ޖޫން 20 ގައި ހައިޓީއާ ވާދަކުރާއިރު، ގްރޫޕްގެ ފަހު މެޗުގައި ހަތަރު ދުވަސް ފަހުން ނުކުންނާނީ ސްކޮޓްލޭންޑާ ދެކޮޅަށެވެ. ޖުމްލަ 48 ގައުމު ވާދަކުރާ މިފަހަރުގެ ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 11 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ