އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ފަށައިފި އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ފަށައިފި

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ހަރަކާތްތައް ދިދަ ނެގުމުގެ ރަސްމިއްޔާތާއި އެކު މިއަދު ފަށައިފި އެވެ.
އެމްޑީޕީގެ ދަނޑިކޮށި ހަރުގޭގައި ހެނދުނު ސަޔާ އެކު ދިދަ ނަންގަވައިދެއްވީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ.
ދިދަ ނެގުމުގެ ހަރަކާތަށްފަހު އަހަރީ ދުވަހާއި ގުޅޭ ކޭކެއް ވަނީ ފަޅައިފަ އެވެ. އެ ހަރަކާތުގައި އެމްޑީޕީގެ ލީޑާޝިޕާއި ގައުމީ މަޖިލިސް މެންބަރުންގެ އިތުރުން އާންމު މެންބަރުން ވެސް ބައިވެރިވި އެވެ.
އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން މިއަދު މެންދުރުފަހު ފުޓްސަލް މުބާރާތަކާއި ޒުވާނުންގެ ރޫހުގެ ފަރާތުން އަލަށް މިރޭ ތައާރަފްކުރާ ޕޮޑްކާސްޓެއް ވެސް ހިމެނެ އެވެ.
އަހަރު ތެރެއަށް ރާވާފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި، 20 އަހަރު ފުރުމާއި ގުޅިގެން ރާއްޖޭގެ ކޮންމެ ސިޓީއެއްގައި ޖަލްސާއެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އޭގެ ފަރުަތަމަ ޖަލްސާ ބާއްވާނީ ޖުލައި 11، ގައި ކުޅުދުއްފުށި ސިޓީގަ އެވެ.
އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން ކޭކު ފެޅުން -- ފޮޓޯ؛ މިރާޝް ނާޝީމް / އަދަދު
މީގެ އިތުރުން، އެމްޑީޕީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި "ރަން ރީނދޫ" ގެ ނަމުގައި ޖުލައި 18، ގައި ދުވުމެއް ފަށަން ވަނީ ނިންމާފަ އެވެ. އެ ދުވުން ނިމޭނީ އަންނަ އަހަރުގެ މެއި މަހު އެވެ.
މި ހަރަކާތްތަކުގެ އިތުރުން މިއުޒިކު ޝޯއަކާއި ކާނިވަލެއް އަދި އާޓު އެގްޒިބިޝަނެއް ބޭއްވުމަށް ހަމަޖެފައިވާ ކަމަށާއި އެކަންކަން ފައިނަލްވެގެން އަންނަވަރަކުން އިތުރު މައުލޫމާތު މީޑިއާތައް މެދުވެރިކޮށް މެންބަރުންނާއި ރައްޔިތުންނަށް ދެމުންދާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީއަކީ އާ ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީ ކުރި ފުރަތަމަ ސިޔާސީ ޕާޓީ އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ގިނަ ޕާޓީތަކެއް އެކުލެވޭ އިންތިހާބު 2008 ގައި ކާމިޔާބުކުރީ އެ ޕާޓީ އިސްކޮށް އުފެއްދި ކޯލިޝަނަކުންނެވެ. އެ ޕާޓީން ދެވަނަ ފަހަރު ވެރިކަމަށް އައީ 2018 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ