ހުއާވޭ ކުންފުންޏާ ދެކޮޅަށް ދައުވާކުރެވޭނެކަމަށް ކަނޑައަޅައިފި

ހުއާވޭ ކުންފުންޏާއި ދެކޮޅަށް އެމެރިކާއިން އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދެވޭނެކަމަށް އެކުންފުނިން ބުނިނަމަވެސް، ދައުވާތައް ކުރިއަށް ގެންދެވޭނެކަމަށް ބްރުކްލިން ޑިސްޓްރިކްޓް ކޯޓުން ނިންމައިފިއެވެ.
ހުއާވޭއާ ދެކޮޅަށް 16 ދައުވާއެއް އުފުލާފައިވަނީ އެކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ގާނޫނާއި ޚިލާފު އެތައް ކަމެއް ކޮށްފައިވާކަމަށް ތުހުމަތުކޮށެވެ. އެގޮތުން 6 ކުންފުންޏަކުން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި، އީރާނާއެކު ކުރަމުންދިޔަ ވިޔަފާރިތައް ފޮރުވަން ބޭންކުތަކަށް އޮޅުވާލުމުގެ ދައުވާތަކެއްވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ހުއާވޭއިން ވަނީ އުފުލާފައިވާ 16 ދައުވާގެ ތެރެއިން 13 ދައުވާއަކަށް އިންކާރުކޮށްފައެވެ. އެހެންނަމަވެސް ޑިސްޓްރިކްޓް ކޯޓުން ނިންމީ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށެވެ. މިމައްސަލަ ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ މެއި މަހުގެ 4 ވަނަ ދުވަހަށެވެ. އަދި މައްސަލަ މަސްތަކަކަށް ދިގުދެމިގެންދާނެކަމަށް ބެލެވެއެވެ.
ހުއާވޭ ކުންފުންޏާއި ދެކޮޅަށް އެންމެ ފުރަތަމަ މައްސަލަ ބަލަން ފެށީ ޓްރަމްޕްގެ ފުރަތަމަ ސަރުކާރުގައެވެ. ޗައިނާގެ ކުންފުނިތަކުންނާއި ސަރުކާރުން އެމެރިކާގެ ޓެކްނޮލޮޖީތައް ވަގަށް ނަގައި، ވިޔަފާރީގެ ސިއްރުތަކާއި ފިކުރީ މުދަލުންވެސް ވައްކަން ކުރަމުންދާކަމަށް ތުހުމަތުކުރެވި، އެމައްސަލަ ޚާއްސަ ސަމާލުކަމެއް ދީގެން ބަލަން ފެށިއެވެ. އެހެންނަމަވެސް ޖޯ ބައިޑެންގެ ވެރިކަމުގައި އެކަން ހުއްޓާލުމަށްފަހު އަނެއްކާވެސް އެމަސައްކަތް އެމެރިކާއިން ވަނީ ޓްރަމްޕްގެ ދެވަނަ ދައުރުގައިވެސް ފަށާފައެވެ.
ޗައިނާގެ ހުއާވޭ ކުންފުންޏަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް އެމެރިކާގެ ޖާސޫސީ އަދި ސަލާމަތީ އިދާރާތަކުން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ