10 އަހަރުން ހައްލުނުވި މަނަދޫގެ ނަރުދަމާ މައްސަލައަށް ދޮޅު އަހަރުން ދާއިމީ ހައްލެއް ގެނެސްދޭނަން: ރައީސް
ދިހަ އަހަރުވިއިރު ނ. މަނަދޫ ރައްޔިތުން ތަހައްމަލުކުރަމުންދިޔަ ނަރުދަމާގެ މައްސަލަ ދޮޅު އަހަރުތެރޭ ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފިއެވެ. ނ. އަތޮޅަށް މިވަގުތު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިރޭ މަނަދޫގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ރައީސް ވިދާޅުވީ މިއަދާ ހަމައަށް ސަރުކާރުން އައީ ބޭރުގެ ދަރަނިތައް އަދާކުރަމުން، ފައިސާ ޗާޕުކުރުމެއް ނެތި، އިގްތިޞާދީ ގޮތުން ވަރަށް ގިނަ ކަންތައްތަކެއް ގިރާކުރުމަށްފަހު ކަމަށެވެ. ނަމަވެސް މި އަހަރާއި އަންނަ އަހަރު، ވަކިވަކި ރަށްރަށަށް ވަޑައިގެން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ވަނީ އަރުވައިފައެވެ. އެގޮތުން މަނަދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ތަކުލީފުކަމަށްވާ ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ރަށުގެ ރައްޔިތުން 10 އަހަރު އެކަން ތަހައްމަލުކުރަމުން މި ދަނީ. ދާއިމީ ހައްލެއް އެބަ ބޭނުންވޭ މިކަމަށް. މިހާރު އޮތް ނަރުދަމާގެ ނިޒާމު އެއްކޮށް ބަދަލުކޮށް، އާ މަޝްރޫއެއް ގޮތުގައި ހިންގުން އެއީ ހަމައެކަނި ހައްލަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މަނަދޫގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ރައީސް ވާހަކަފުޅުދައްކަވަނީ: ވިދާޅުވީ 10 އަހަރުން ހައްލުނުވި މަނަދޫގެ ނަރުދަމާ މައްސަލައަށް ދޮޅު އަހަރުން ދާއިމީ ހައްލެއް ގެނެސްދޭނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް ރައީސް ވިދާޅުވީ އަންނަ އޮގަސްޓު މަހު ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއެކު އެ މަސައްކަތް ފަށާނެ ކަމަށެވެ. ނަރުދަމާއާއެކު މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދެވޭ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މުޅި މަސައްކަތް ނިންމާލުމަށް ދޮޅު އަހަރުވަރު ނަގާނެ ނަމަވެސް ރަށުގެ ރައްޔިތުންނަށް ވަގުތީ ހައްލެއް ވެސް ހޯއްދަވައިދެއްވާނެ ކަމަށެވެ. އެގޮތުން ފެނަކައާ ހަވާލުކޮށްގެން އެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ރައީސް ވިދާޅުވީ މަނަދޫގެ ރައްޔިތުންނަށް ދެން އެންމެ މުހިންމު އެއް ކަމަކީ އެ ރަށުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ބަލި މީހުން ގެންދަން ޖެހުމުގެ ދަތިކަމަށް ހައްލެއް ލިބުން ކަމަށެވެ. އެކަމަށް ހައްލެއްގެ ގޮތުން މި އަހަރުގެ ނޮވެމްބަރު މަހު ޑައިރެކްޓް އާރްޓީއެލް ފެރީއެއް ހަމަޖައްސައި، ދަތުރުތައް ފައްޓަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަޝްރޫއުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ނުހިނގާ ކަމުގެ ކަންބޮޑުވުމަކީ މި ސަރުކާރު އައުމަށްފަހު ވެސް މިއަދާ ހަމައަށް ވެސް އޮތް ކަންބޮޑުވުމެކެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު -- ފޮޓޯ/ ރައީސް އޮފީސް މި ސަރުކާރުން މިދިޔަ އަހަރު ރަށްރަށުގައި ކުރިއަށް ގެންދަންޖެހޭ މަޝްރޫއުތައް ކުރިއަށް ނުގެންދެވުނީ، އޭރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި 2024 ވަނަ އަހަރުގެ ބަޖެޓުގައި 'ޖެއްސުން ކޮށްފައި' އޮތުމުން ކަމަށް ބުނެފައިވެއެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އޭރު ފާސްކުރި ބަޖެޓުގައި މަޝްރޫއުތަކާ އެކަށީގެންވާ ވަރަށް ފައިސާ ޖަހާފައި ނެތް ކަމަށާއި، ބައެއް މަޝްރޫއުތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ވެސް ބަޖެޓުގައި ފައިސާ ޖަހާފައި ހުރުމުން މަޝްރޫއުތައް ކުރިއަށް ގެންދަން ދަތިވީ ކަމަށް ސަރުކާރުން ދިޔައީ ބުނަމުންނެވެ. ނަމަވެސް މިހާރު އޮތް 20 ވަނަ މަޖިލީހުގައި ޕީއެންސީގެ ސުޕަ މެޖޯރިޓީން ފާސްކުރި ބަޖެޓާއެކު ވެސް އަދި މަޝްރޫއުތައް އުޅެނީ ރަނގަޅަށް ނުހިންގިގެން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ފާޑު ކިޔުން އަންނަނީ އަމާޒުވަމުންނެވެ. ކަން އެހެން އޮއްވައި، ދައުލަތުގެ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ކުރި ޚަރަދު ދަށްވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވެސް ދައްކައެވެ. މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހޭދަކޮށްފައި ވަނީ 1.5 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 4.8 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އަހަރު ދެބައިވިއިރު މަޝްރޫއުތަކަށް ކުރި ހޭދަ މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ