ރައްޔިތުންނާ ގާތުން މައުލޫމާތު ހިއްސާ ކުރެއްވުމަށް ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ އެޕިސޯޑެއް ނާންނަތާ މަހެއް ވެއްޖެ އެވެ.
ރައީސް އޮފީހުގެ ވެބްސައިޓާއި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ގެނެސްދެމުންދިޔަ މި ޕޮޑްކާސްޓުގެ ހަތް އެޕިސޯޑެއް ގެނެސްދީފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ މާޗު މަހު ގެނެސްދިން ދެ އެޕިސޯޑަކާއި އެޕްރީލް މަހު ގެނެސްދިން ތިން އެޕިސޯޑެއްގެ އިތުރުން މެއި މަހު ގެނެސްދިން ތިން އެޕިސޯޑެކެވެ.
ރައީސްގެ ޕޮޑްކާސްޓުގެ އެންމެ ފަހު އެޕިސޯޑެއް ގެނެސްދިނީ މެއި 30، ގަ އެވެ. އޭގެ ފަހުން މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އިތުރު އެޕިސޯޑެއް އަންނާނެ ދުވަހެއް ރައީސް އޮފީހުން ނުބުނެ އެވެ. ޕޮޑްކާސްޓު ހުއްޓުނީތޯ ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިހާތަނަށް ޖަވާބެއް ދެއްވާފައެެއް ނުވެ އެވެ.
މީގެ ކުރިން ވެސް ރައްޔިތުންނަށް މައުލޫމާތު ދިނުމަށް އަދި ގާތުން މަސައްކަތް ކުރުމަށް ކަމަށް ބުނެ މި ވެރިކަމަށް މި ވީ ދޮޅު އަހަރުގެ ތެރޭގައި ރައީސް އޮފީހުން ވަނީ އެކި ކަންކަން ފަށާފަ އެވެ. މީގެ ތެރެއިން އެއްވެސް ކަމެއް އެދެވޭ މުއްދަތަކަށް މެދުކެނޑުމެއްނެތި ކުރިއަށް ނުގެންދެވެ އެވެ.
ރައީސް އޮފީހުން މިހެން ފެށި ކަންކަމުގެ ތެރޭގައި ވަޒީރުން ބައިވެރިކޮށްގެން ބާއްވާ އަހާ ފޯރަމާއި ވީޑިއޯ މެދުވެރިކޮށް ސުވާލުކުރުމުން ރައީސް ޖަވާބު ދެއްވާ ރައީސްގެ ޖަވާބު ޕްރޮގްރާމާއި ރައްޔިތުންގެ އަޑު ޕޯޓަލް ހިމެނެ އެވެ.
މީގެ ތެރެއިން އަހާ ފޯރަމެއްގައި ރައީސް ބައިވެރިވެވަޑައިގެންނެވީ އެއް ފަހަރެވެ. އަދި ގަވާއިދުން ބާއްވަން ބުނި އަހާ ފޯރަމްތަކުގެ ތެރެއިން މިހާތަނަަށް ބޭއްވުނީ، ތިން ފޯރަމެވެ. ހަމަ އެ ގޮތަށް، ރައީސްގެ ޖަވާބު ޕްރޮގްރާމު ހުއްޓިފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ރައީސްގެ ޕޮޑްކާސްޓުގެ އެޕިސޯޑެއް ނާންނަތާ މަހެއް ވެއްޖެ ރައީސްގެ ޕޮޑްކާސްޓުގެ އެޕިސޯޑެއް ނާންނަތާ މަހެއް ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ