މިދިޔަ ޖޫން މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 15 ޕަސެންޓަށް އިތުރު
މިދިޔަ އަހަރާއި އަޅާ ބަލާއިރު، ނިމުނު ޖޫން މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 15 ޕަސެންޓަށް އިތުރު ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އިއްޔެ އެ މިނިސްޓްރީން އާންމުކުރި ހިސާބުތަކުން ދައްކާގޮތުން، މިދިޔަ ޖޫން މަހު އެކަނި، ރާއްޖެއަށް 141،772 ފަތުރުވެރިން އައެވެ. އެކަމަކު، މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ، 123،284 ފަތުރުވެރިންނެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ޖުމުލަ 1،136،486 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިދިޔަ އަހަރާ އަޅައިބަލާއިރު، މި އަހަރުގެ ފުރަތަމަ ހަ މަހުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ނުވަ ޕަސެންޓަށް އިތުރެވެ. އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކަށް ބަލާއިރު، މާކެޓުގެ އެއްވަނައިގަ އޮތީ ޗައިނާއެވެ. އެ ގައުމުން 148،951 ފަތުރުވެރިން އައިއިރު، މާކެޓުގެ ދެވަނައިން ޖާގަ ހޯދި ރަޝިއާއިން އައީ 130،947 ފަތުރުވެރިންނެވެ. އޭގެއިތުރަށް، އިޓަލީން 87،647 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ޖަރުމަނުން ހޮނިހިރުގެ ނިޔަލަށް އައީ 83،344 ފަތުރުވެރިންނެވެ. މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު، އާންމުކޮށް ދުވަލަކަށް 6،000 ފަތުރުވެރިން ރާއްޖެ އާދެއެވެ. ރާއްޖޭގައި އޮޕަރޭޓުކުރަނީ 64،275 ޓުއަރިސްޓު އެނދު ކަމަށްވާއިރު، އޭގެ ބޮޑު ބައެއް އޮޕަރޭޓު ކުރަނީ ރިސޯޓުތަކުގައެވެ. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން އިނގިރޭސިވިލާތުގެ ފުޓުބޯޅަ ކްލަބް، ލިވަޕޫލާއެކު ވެސް އެ ކުންފުނިން ވަނީ ރާއްޖެ އިޝްތިހާރު ކުރުމުގެ އެއްބަސްވުމެއް ހަދައިފައެވެ. އެ ކުންފުނީގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުކުރާ މީހުން އެންމެ އިސްކަންދޭ ގައުމަކަށް ރާއްޖެއަށް ހަދައި، ދަތުރުފަތުރުގެ އެންމެ މަތީ އެއް މަންޒިލުގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ