މާލެ ސަރަހައްދުގެ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސްކުރަން އިތުރު ޑްރެޖަރުތަކެއް ބޭނުންކުރަނީ

މާލެ ސަރަހައްދުގެ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސްކުރަން އިތުރު ޑްރެޖަރުތަކެއް ބޭނުންކުރަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
އެޗްޑީސީއިން ބުނީ އިތުރު ޑްރެޖަރުތައް ބޭނުންކުރަން ނިންމާފައި ވަނީ ހުޅުމާލެ ފޭސް 3، ގުޅިފަޅު، ގިރާވަރުފަޅު އަދި އުތުރުތިލަފަޅުގެ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސްކުރުމުގެ ގޮތުން ކަމަށެވެ.
އެގޮތުން އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި އިތުރު 3 ޑްރެޖަރު ބޭނުން ކުރަން ފަށާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
އެޗްޑީސީއިން އިތުރަށް ބުނީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ވީހާވެސް ހަލުއިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، އެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވެދާނެ އިތުރު ގޮންޖެހުންތައް ކުރިއާލާ ދެނެގަނެ އެކަންކަން ހައްލުކުރުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯއްދަދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ވައުދުވެވަޑައިގެންފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ވެސް އެމަނިކުފާނު ވަނީ އެ ވައުދުފުޅު ފުއްދަވާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ