އަމިއްލަ ވިޔަފާރިތަކާއި މަސްވެރިކަމުގެ ދާއިރާގެ ވާދަވެރިކަން އިތުރުކުރުމަށް ވޯލްޑް ބޭންކުން 67 މިލިއަން ޑޮލަރު

ރާއްޖޭގެ މާލީ އިސްލާހީ ފިޔަވަޅުތައް ހަލުވިކުރުމަށާއި އަމިއްލަ ވިޔަފާރިތައް އަދި މަސްވެރިކަމުގެ ދާއިރާގެ ވާދަވެރިކަން އިތުރުކުރުމަށް ވޯލްޑް ބޭންކުން 67.8 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ދީފިއެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެހީގެ އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އަދި ވޯލްޑް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒެރްވޯސްއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ޑައިވާސިފައިކޮށް ސަރުކާރު ހިއްސާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
ވޯލްޑް ބޭންކުން ބުނީ ރާއްޖެއަށް ދިން ދެ އެހީއަކީ "ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް)" ގެ ދަށުން ދިން 52.8 މިލިއަން ޑޮލަރާއި މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތު ޕްރޮޖެކްޓް (އެމްސީޖީޕީ)ގެ ޕްރޮޖެކްޓުގެ ދަށުން ދިން 15 މިލިއަން ޑޮލަރު ކަމަށެވެ. އެ ދެ އެހީގެ ޖުމުލަ އަދަދަކީ 67.8 މިލިއަން ޑޮލަރެވެ.
ވޯލްޑް ބޭންކުން ރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ ރާއްޖެއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ކަމަށެވެ.
ރާއްޖޭގެ އަމާޒަކީ ކުރިއަށްއޮތް ތަނުގައި އިގުތިސޯދު ޑައިވާސިފައިކޮށް، މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތަކާއި މާލީ ލޮޅުންތަކަށް ތައްޔާރުވެފައިވާ އިގުތިސޯދެއް ބިނާކުރުން ކަމަށެވެ. އެހެންކަމުން ވޯލްޑް ބޭންކުގެ އެހީގައި ހިންގާ އެ ދެ ޕްރޮޖެކްޓާއެކު އެކަންތައް ހާސިލުވުމަށް މަގުފަހިވާނެ ކަމަށް ކަންޓްރީ ޑިރެކްޓަރު ވިދާޅުވިއެވެ.
ޓްރާންސްފޯމް މަޝްރޫއު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ސަރަހައްދީ ފެންވަރުގައި މަސައްކަތްކުރާ އިންޑިއަން އޯޝަން ކޮމިޝަނާއި ފިޝަރީޒް މިިނިސްޓްރީ ގުޅިގެންނެވެ. އަދި އެމްސީޖީޕީ މަޝްރޫއު ކުރިއަށްގެންދާނީ ފިނޭންސް މިނިސްޓްރީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ