ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގި އިންޑިއާގެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 29 މިލިއަން ރުފިޔާ ދިން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ހިންގަން އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި)އާ އެކު މިދިޔަ ސަރުކާރުން ހެދި އެއްބަސްވުން އުވާލުމުގެ ސަބަބުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 29 މިލިއަން ރުފިޔާ މި ސަރުކާރުން ދެއްކިކަން، އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
ވީ ކިހިނެއް؟ - ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުން އެންއައިއައިއާ ހަވާލުކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 20 ޖޫން 2017ގަ އެވެ. އެގޮތުން:
އެ ކުންފުންޏާ ހަވާލުކުރީ 50 އަހަރުގެ މުއްދަތަކަށް ހޮސްޕިޓަލް ހިންގަން
އެއްބަސްވުމުގެ ދަށުން، 150 އެނދާ އެކު އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުން ހިމެނޭ
ތަފްސީލް - އެ ހޮސްޕިޓަލް ހިންގަން އެންއައިއައިއާ ހަވާލުކުރި އެއްބަސްވުމުގައިވާ ގޮތަށް، ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް ނުކުރުމުގެ އިތުރުން، ހޮސްޕިޓަލުގެ ހިދުމަތްތަކުގެ ފެންވަރު ދަށަށް ދާން ފެށުމުން ޑިސެމްބަރު 2017ގައި ވަނީ އެ ހޮސްޕިޓަލް ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އެންއައިއައިން އެ ހޮސްޕިޓަލް ހިންގިި މުއްދަތުގައި އެ ތަން ހިންގުމަށް ހޯދާފައިވާ ހިދުމަތްތަކާއި މުދަލުގެ އަގު ހޯދަން އެކި ފަރާތްތަކުން ހުށަހަޅާފައިވާ ބިލުތަކުގެ ތެރެއިން ފައިސާ ދައްކާފައި ނުވާ ބިލުތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމާ ގުޅޭ ހާއްސަ އެސެސްމެންޓެއް، އެ ހޮސްޕިޓަލުގެ އެދުމުގެ މަތިން އޮޑިޓަ ޖެނެރަލްގެ އޮފީހުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ އެސެސްމެންޓު ހަދާފައި ވަނީ:
ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ބިލްތަކަކީ ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ހޯދާފައިވާ މުދަލާއި ހިދުމަތާ ގުޅުން ހުރި ބިލްތަކެއްތޯ ބެލުމަށާއި އެ ބިލްތަކަށް ފައިސާ ދެއްކުމުގައި ޒިންމާވާ ފަރާތް ބެލުމަށް
އެ އެސެސްމެންޓު ހެދުމަށް ފަހު އޮޑިޓް އޮފީހުން މިއަދު އާންމުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުން، އެއްބަސްވުން ބާތިލުކުރުމުގެ ކުރިން، ސުލްހަވެރިކަމާ އެކު މައްސަލަ ހައްލުކުރުމަށް އޭޕްރީލް އަދި އޮގަސްޓް 2018ގައި ރާއްޖެއިން ބޭރުގައި އެ ކުންފުންޏާއި ހެލްތު މިނިސްޓްރީއާ ދެމެދު މަޝްވަރާތަކެއް ކޮށްފައިވެ އެވެ.
އޭގެ ފަހުން، ޖެނުއަރީ 2019ގައި ހެލްތު މިނިސްޓްރީ އާއި އެންއައިއައިއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު، އެއްބަސްވެފައި ވަނީ ވަކި ހަރަދުތަކަކަށް ބަދަލު ދިނުމަށް ފަހު އެއްބަސްވުން ބާތިލުކުރަން ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. އެގޮތުން، ބަދަލު ދޭން އެއްބަސްވެފައި ވަނީ:
އެންއައިއައިން ދިން ހިދުމަތަށް އާސަންދައަށް ބިލުކޮށްފައިވާ ފައިސާ 
ހޮސްޕިޓަލް ތަރައްގީކުރުމަށް ހޯދާފައިވާ ސާމާނާއި އާލާތްތަކުގެ އަގަށްވާ ފައިސާ 
ހޮސްޕިޓަލް ހިންގަން ހޭދަކޮށްފައިވާ ބައެއް އެހެން ހަރަދުތައް
ބަދަލުގެ ގޮތުގައި ދިނުމަށް އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން ކޮމެޓީން ލަފާދީފައި ވަނީ، އޮޑިޓުން އެނގޭ ގޮތުގައި، ޖުމްލަ 29 މިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
އެންއައިއައިއަށް އާސަންދަ އިން ލިބެން ޖެހޭ ފައިސާ އާއި ހޮސްޕިޓަލް ތަރައްގީކުރަން ހޯދާފައިވާ އިކުއިޕްމެންޓާއި މެޝިނަރީގެ އަަގުގެ ގޮތުގައި 19.9 މިލިއަން ރުފިޔާ 
މެޑިކަލް ކޮންސިއުމަބަލްސް އާއި ހޮސްޕިޓަލަށް ގެނައި ބިދޭސީ މުވައްޒަފުންގެ މުސާރަ އާއި އެހެން ހަރަދުގެ ގޮތުގައި 9 މިލިއަން ރުފިޔާ 
ހެލްތު މިނިސްޓްރީ އާއި އެންއައިއައިއާ އެކު ވެފައިވާ އެއްބަސްވުން އުވާލައި ބަދަލުގެ ގޮތުގައި 29 މިލިއަން ރުފިޔާ ދޭން އެއްބަސްވެ، ސެޓްލްމެންޓު އެގްރިމެންޓުގައި ސޮއިކުރީ 27 އޮކްޓޯބަރު 2019ގަ އެވެ. އެ ފައިސާ ފިނޭންސް މިނިސްޓްރީން އެންއައިއައިއަށް ދޫކޮށްފައިވަނީ 21 ނޮޮވެމްބަރު 2019 އަދި 12 ޑިސެމްބަރު 2019ގަ އެވެ.
އެނގުން މުހިންމު - އޮޑިޓް އޮފީހުގެ އެސެސްމެންޓު ރިޕޯޓުގައި ބުނެފައިވާ ގޮތުން، އެ ކުންފުނިން ހޮސްޕިޓަލު ހިންގި އިރު ހޮސްޕިޓަލަށް ހޯދާފައިވާ މުދަލާއި ހިދުމަތުގެ އަގަށް އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުރި ފައިސާ ދެއްކުމާ ގުޅޭ ގޮތުން އަމަލުކުރަންވީ ގޮތެއް ސެޓްލްމެންޓް އެއްބަސްވުމުގައި ބަޔާންކޮށްފައެއް ނުވެ އެވެ.
ހޮސްޕިޓަލް ހިންގުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރި ފަހުން، އެންއައިއައިން ހޮސްޕިޓަލް ހިންގި ދުވަސްވަރު އެ ހޮސްޕިޓަލް ހިންގުމަށް އެ ކުންފުނިން އެކި ފަހަރު މަތިން ހޯދާފައިވާ މުދަލާއި ހިދުމަތްތަކުގެ އަގު ހޯދަން އެކި ފަރާތްތަކުން 157 ބިލެއް ހުށަހަޅާފައިވޭ
އޭގެ ތެރެއިން 127 ބިލުގައިވާ 1.7 މިލިއަން ރުފިޔާގެ މުދަލާއި ހިދުމަތް ހޮސްޕިޓަލަށް ލިބިފައި ވާއިރު، އެ ފައިސާ އެ ހޮސްޕިޓަލުން ދައްކާފައެއް ނުވޭ
14 ފަރާތަކުން ހުށަހަޅާފައިވާ 30 ބިލެއްގައިވާ 135،434ރ.ގެ މުދަލާއި ހިދުމަތް އެ ހޮސްޕިޓަލަށް ލިބިފައިވާ ކަމުގެ އެއްވެސް ލިޔެކިޔުމެއް ފޯރުކޮށްދީފައެއް ނުވޭ
ސެޓްލްމެންޓު އެއްބަސްވުން ތަންފީޒުކޮށް ނިމިފައި ވާއިރު، އެންއައިއައިން ހޮސްޕިޓަލް ހިންގި ދުވަސްވަރު އެކި ފަރާތްތަކުން ހޯދާފައިވާ މުދަލާއި ހިދުމަތަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުރި ފައިސާ ދައްކަން އެ ކުންފުނިން އިއުތިރާޒު ކުރާ ނަމަ، އެ ފައިސާ ދެއްކުމަކީ ހެލްތު މިނިސްޓްރީން ކުރަން ޖެހޭނެ ކަމެއް ކަމަށް އޮޑިޓް އޮފީހުގެ އެސެސްމެންޓުގައި ފާހަގަކޮށްފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ