ހައްޔަރު ކުރުމަށްފަހު ކޯޓުން ދޫކޮށްލި ބިދޭސީ ދެ ނޫސްވެރިން އިމިގްރޭޝަނާ ހަވާލުކޮށްފި
ޓޫރިސްޓު ވިސާގައި ރާއްޖެ އެތެރެވެ، ރާއްޖޭގައި ނޫސްވެރިކަން ކުރި ދެ ބިދޭސީން އިމިގްރޭޝަން ގާނޫނާ ޚިލާފުވެފައި ވާތީ، އެ ދެ މީހުން ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާ ހަވާލުކޮށްފި އެވެ. ރޭ އިދިކޮޅު އިއްތިހާދުން އެމްޑީޕީ ހަރުގެ ކައިރީގައި ބާއްވަމުން ދިޔަ ޖަލްސާ ކަވަރުކުރުމަށް އާޓިފިޝަލް ބީޗު ސަރަހައްދުގައި ހަރަކާތްތެރި ވަނިކޮށް، މައުލޫމާތު ސާފުކުރުމަށް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ އަލްވޭރާ ސްޗެސިން ނަމަކަށް ކިޔާ ޕޮލެންޑް އަންހެނަކާއި ފްރެންޗެސްކޯ ނަމަކަށް ކިޔާ އިޓަލީއަށް ނިސްބަތްވާ ފިރިހެނެކެވެ. މި ދެ މީހުންގެ އަތުގައި ޔޫރަޕިއަން ޖާނަލިސްޓް ލެޖިޓިމޭޝަންގެ ޕްރެސް ކާޑު ވެސް ހުރި ކަމަށް 'ސަން' އަށް ވަނީ އެނގިފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، އެ ދެ މީހުން އިމިގްރޭޝަން ގާނޫނާ ޚިލާފުވެފައި ވާތީ އެ ދެ މީހުން ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ދެ ނޫސްވެރިން ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ބެލުމުގެ ދަށުގައިވާކަން އެ ޑިޕާާޓްމެންޓުގެ ތަރުޖަމާނު ހަސަން ޚަލީލް މިރޭ "ސަން" އަށް ކަށަވަރު ކޮށްދީފައި ވެ އެވެ. އެހެން ނަމަވެސް އެ ދެ މީހުންނާ މެދު މިހާތަނަށް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޚަލީލް ވިދާޅުވީ، ނޫސްވެރިއަކަށް ވިޔަސް، ރާއްޖޭގެ އިމިގްރޭޝަން ގާނޫނުތަކާއި ވިސާއާ ޚިލާފު ވެއްޖެ ނަމަ އެހެން މީހުންނެކޭ އެއްފަދައިން ފިޔަވަޅު އެޅޭނެ ކަމަށެވެ. އެގޮތުން އެޅޭ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއިން ޖޫރިމަނާއަކާ އެކު، ނުވަތަ ޖޫރިމަނާއަކާ ނުލައި ރާއްޖެއިން ފޮނުވާލުން ނުވަތަ ޑީޕޯޓު ކޮށްލުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޓޫރިސްޓު ވިސާގައި ރާއްޖެ އެތެރެވެ ރާއްޖޭގައި ނޫސްވެރިކަން ކުރަމުން ދިއަކަން އެނގުނު ހިސާބުން އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މިއަދު ކޯޓަށް ހާޒިރު ކޮށްފައި ވެ އެވެ. އެހެން ނަމަވެސް ކޯޓުން ވަނީ އެ ދެ މީހުން ދޫކޮށްލުމަށް އަމުރު ކޮށްފަ އެވެ. އިމިގްރޭޝަން ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޓޫރިސްޓް ވިސާގައި ރާއްޖެ އަންނަ މީހުންނަކީ ވަޒީފާއެއް އަދާކުރުމުގެ ނިޔަތެއް ނެތި އަދި އާމްދަނީ ލިބޭނެ އެއްވެސް މަސައްކަތެއްކުރުމުގެ ނިޔަތެއް ނެތި ހަމައެކަނި ރާއްޖެ އަންނަ ބިދޭސީއަކަށް ދެވޭ ވިސާއެއް ކަމަށެވެ. އާ ގާނޫނުލް އުގޫބާތުގެ 613 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހޯދަންޖެހޭ ހުއްދައެއް ހޯދައިގެން މެނުވީ ކުރުން ހުއްދަ ނޫން ކަމެއް އެ ފަރާތުގެ ހުއްދައަކާ ނުލައި ކުރާ މީހާ އެކުރަނީ ކުށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ