ޕީޕީއެމްގައި މައުމޫން "މަރުތަޅު" އަޅުވައިފި!؟
ރައީސް ޔާމީންގެ ބޯމައްޗަށް ނަގާފައި އޮތީ ސިޔާސީ ވަރުގަދަ ކޮޅިގަނޑެކެވެ. އެ ކޮޅިގަނޑުގެ ބޯ ވިއްސާރަ ވިލާގަނޑު، ޕީޕީއެމްގެ އެތެރެއިން ގުގުމަން ފެށީ ރޭގަ އެވެ. ޕާޓީގެ ހުރިހާ ބާރެއް އެ އޮތީ ރައީސް މައުމޫންގެ އަތްޕުޅަށް ނަންގަވައިފަ އެވެ. ރައީސް ޔާމީނާއި މައުމޫންގެ ހިޔާލު ތަފާތުވުންތަކުން، އުފަންވި މައްސަލައަކާ ހުރެ، ޕާޓީގެ އެތެރޭގެ ހިންގުން އެ ވަނީ "މަތަ" އަޅުއްވާފަ އެވެ. މައުމޫންގެ ހުއްދަ ނެތި އެއްވެސް ކަމެއް ނުކުރެވޭ ގޮތް އެ ވަނީ ހައްދަވައިފަ އެވެ. ރައީސް ޔާމީން، ޕީޕީއެމްގެ ތެރެއިން ކުރައްވަން ޖެހޭ ކަންތައްތައް، ފަސޭއިން ދެން ކުރެވޭނެ ކަމާމެދު ސުވާލު އުފެދެ އެވެ. އަދި 2018ގެ ރިޔާސީ އިންތިހާބަށް ޕާޓީގެ ޓިކެޓް ހޯއްދެވުމަށް ރައީސް ޔާމީނަށް އިތުރު ހުރަސްތްތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވެ އެވެ. އެ ހުރަސްތައް ކުރިމަތިވެއްޖަ ނަމަ މި "ކޮޅިގަނޑުން" ރައީސް ޔާމީން ފަސޭހައިން ސަލާމަތްވާނެތޯ އެވެ؟ "އިރާދަ ކުރެއްވިއްޔާ 2018 އަށް މިކަމުގެ ސަބަބުން އެއްވެސް ހުރަހެއް ނޭޅޭނެ. އޭގެ ކުރިން މި މައްސަލަ ހައްލު ކުރެވި ރައީސް ޔާމީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ،" ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޑީއާރްޕީ ބައިބައިވި ގޮތަށް ޕީޕީއެމް ބައިބައިވެގެން ނުދާނެ އެވެ. އޭރުގެ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޑީއާރްޕީގައި ރެނދުލައި، ފެކްޝަންވި ދުވަސްތައް ޕީޕީއެމްގައި ތަކުރާރެއް ނުވާނެ އެވެ. ސިޔާސީ މައިދާނުގައި އޭރު އޮތް ރީނދުލާއި ނުލުގެ މެދުން، ފާޅުވި ގަދަ ފިޔާތޮށި، ވެރިކަމުގައި އަދި ވެސް ދެމި އޮންނާނެ ކަމުގެ ސިގުނަލް އޭނާ ދެއްވި އެވެ. އަބްދުއްރަހީމް އިޝާރާތް ކުރެއްވި ހައްލު ކުރެވޭނެ މައްސަލައަކީ ރައީސް ޔާމީނާއި މައުމޫންގެ ހިޔާލުތަފާތުވުންތަކެވެ. އެ ދެ ބޭފުޅުންގެ ހިޔާލުތަފާތުވުންތަކުން އުފައްވި ބައިވަރު ވާހަކަ ތާރީހުގައިވެ ނިމި، ހިނގައްޖެ އެވެ. ޑީއާރްޕީ ދޫކުރައްވައި އަމިއްލަ ޕާޓީއެއްގެ ގޮތުގައި ޕީޕަލްސް އެލަޔަންސް (ޕީއޭ) އުފެއްދެވީ އެފަދަ ހިޔާލު ތަފާތުވުމެއްގަ އެވެ. ރައީސް މައުމޫންގެ ކެބިނެޓުން ޔާމީން އިސްތިއުފާ ދެއްވީ ވެސް "އެއްގަލަކަށް" ނޭރިގެންނެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ ވެށި އެނބުރޭލެއް ބާރުވުމުން، އަނެއްކާ ވެސް އެ ދެ ބޭފުޅުން އެ ތިއްބެވީ އެއްތަންވެފަ އެވެ. ނަމަވެސް ތަކުރާރުވާން ފެށީ ދެ ބޭފުޅުންގެ އެއްގޮތް ނުކުރެވޭ ހިޔާލެވެ. ޕީޕީއެމްގެ ހުރިހާ ބާރުތަކެއް މައުމޫން ނެންގެވީ އެ ހިޔާލުތަފާތުވުންތަކަށް ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވަނިކޮށެވެ. އަބްދުއްރަހީމްގެ އަތްޕުޅުން ނައިބު ރައީސްގެ ބާރުތައް ވެސް މައުމޫން ނެންގެވީ އެ ހާލަތުގައި އޮއްވަ އެވެ. ޕީޕީއެމްގެ ރައީސް މައުމޫނާ ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: ދެބޭފުޅުންގެ ގުޅުން ވަނީ ހީނަރުވެފައި-- ސަން ފޮޓޯ/ އަލީ ނަސީރު މައުމޫން ދެކޮޅު ހައްދަވަނީ ރައީސް ޔާމީންގެ ލެޖިސްލޭޓިވް އެޖެންޑާގެ ބައެއް ނިންމުންތަކާ މެދުގަ އެވެ. ޕީޕީއެމް ވެރިކަމަށް ހަވާލުވި ދުވަހުން ފެށިގެން އެ ދަނީ އެކަންތައްތައް ތަކުރާރުވަމުންނެވެ. ފާޅުގައި މައުމޫން ގެންދެވީ އެފަދަ ނިންމުންތައް މަޖިލީހުން ފާސް ނުކުރުމަށް އެދިވަޑައިގަންނަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅެއްގެ އުމުރު ކަނޑައެޅުމާއި ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތް ހެދުމާއި އިއުލާން ކުރުމަނާ ނުލައި ރަށްތައް ދޫކުރެވޭ ގޮތް ހެދުމަށް ހުށަހެޅި އިސްލާހުތަކަށް ވޯޓު ނުދިނުމަށް މައުމޫން އެދިވަޑައިގަތެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން މައުމޫންގެ އެންގެވުމަށް ބޯނުލަނބައި، ފިއްތަވަމުން ގެންދެވީ ރައީސް ޔާމިން ދެއްކެވި ފެހި ބަޓަނަށެވެ. ނަތީޖާއަކަށްވީ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް ވަކި ބޭފުޅަކު ގެނައުމަށާއި ނައިބު ރައީސް ކަމަށް އަހުމަދު އަދީބު ނުގެނައުމަށް މައުމޫން ކުރެއްވި މަސައްކަތް ވެސް ނާކާމިޔާބުވުމެވެ. އެ ހުރިހާ ކަމެއް އެނބުރިގެން ނިއުޅެމުން ދިޔަ އިރުވެސް މައުމޫން ހުންނެވީ ހަނު އެވެ. ހާލަތާއި ވަގުތަށް މައުމޫން ބައްލަވަމުން ގެންދެވިކަން މިއަދު ފެންނަ ސިޔާސީ މަންޒަރުން ސާފުވަމުން އެބަދެ އެވެ. އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން، ބައްޕާފުޅުގެ އެދިވަޑައިގަތުމާ އެއްގޮތަށް ޓޫރިޒަމާ ބެހޭ ބިލާ ދެކޮޅަށް އިއްޔެ ވޯޓު ދެއްވި އެވެ. ސަރުކާރުން ހުށަހެޅި ބިލެއް ފާސްކުރުމަށް ފާރިސް ދެކޮޅު ހެއްދެވީ އެވެ. ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އެ ވޯޓުގައި ބައިވެރިނުވެ، ގެއަށް ވަޑައިގަތީ އެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ތުރީ-ލައިން ވިޕާ އެ ދެ މެމްބަރުން ހިލާފުވުމުން ދެން އަމަލު ކުރަނީ ކިހިނަކުންތޯ އެވެ. ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވުމަށް ފަހު ޕާޓީ ވިސްނުމާ ދެކޮޅަށް ވޯޓުދޭ ނަމަ ފިޔަވަޅު އަޅަން ޖެހޭނެ އެވެ. މިހާތަނަށް ޕާޓީތަކުން އަމަލު ކުރަމުންދަނީ އެގޮތަށެވެ. ފޮނަދޫ ދާއިރާގެެ މެމްބަރުކަން ވެސް ކުރައްވާ އަބްދުއްރަހީމް ގަބޫލު ކުރައްވާ ގޮތުގައި ފާރިސްއާމެދު ފިޔަވަޅު އަޅަންޖެހެ އެވެ. އަދި ވައްޑެއާ މެދުގައި ވެސްމެ އެވެ. ނަމަވެސް އެ ފިޔަވަޅުގެ ތަފްސީލުތަކަށް އަބްދުއްރަހީމް ވަޑައެއް ނުގަންނަވަ އެވެ. ޕީޕީއެމްގެ ޕީޖީ ގްރޫޕުން ރޭ ވަނީ އެ ދެ މެމްބަރުންނާ މެދު ފިޔަވަޅު އަޅަން ސުލޫކީ ކޮމެޓީއަށް ހުށަހަޅައިފަ އެވެ. ރިޔާސީ އިންތިހާބު ކާމިޔާބުވުމުން ބޭއްވި ހަފްލާގައި ރައީސް ޔާމީނާއި އުމަރު ބައްދާލަނީ: މައުމޫންގެ ފަހަތުން އުމަރު ދަނީ ބަސް ވިދާޅުވަމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ "ސަން"އަށް އެނގިފައިވާ ގޮތުގައި ޕީޖީ ގްރޫޕުން އެގޮތަށް ހުށަހެޅުއްވީ ރައީސް ޔާމީންގެ ޕީޖީ ގްރޫޕަށް އިލްތިމާސެއް ކުރައްވާފައިވަނިކޮށެވެ. ޕީޕީއެމްގެ މަޖިލިސް މެމްބަރުން ހިމެނޭ ވައިބާ ގްރޫޕެއްގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ ޕީޖީ ގްރޫޕުގެ ނިންމުމާ ހިލާފުވާ މެމްބަރުންނާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން މަސައްކަތްޕުޅު ފެއްޓެވީ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަން ޕާޓީގެ ތެރެއިން ދެކޮޅު ހައްދަވާ މެމްބަރުންނާ މެދު ފިޔަވަޅު އެޅުމަށެވެ. ނަމަވެސް މައުމޫން އެ ފިޔަވަޅު އެޅުއްވުމުގެ ހުރަކަށް މިއަދު ވަނީ ވެފަ އެވެ. ޕާޓީގެ އެއްވެސް ކޮމެޓީއަކުން މައުމޫންގެ ހުއްދަ ނެތި އެއްވެސް ކަމެއް ނުކުރެވޭނެ ގޮތް އެވަނީ ހައްދަވައިފަ އެވެ. މައުމޫންގެ އެ ނިންމެވުމަކީ ދަރިކަލުންނާ މެދު ފިޔަވަޅު އަޅާފާނެތީ ކުރިއާލައި ބާރުތައް މުށުތެރަށް ލެއްވީ ކަމަށް އެއް ބަޔަކު ސިފަ ކުރެ އެވެ. މައުމޫން އެ ފިޔަވަޅު ނޭޅުއްވި ނަމަ ފާރިސާއި ވައްޑެއަށް ފިޔަވަޅު އަޅަން ކޮމެޓީން ފާސްކުރާނެ ކަމަށް ބެލެވެ އެވެ. ޕީޕީއެމްގެ ކޮމެޓީތަކުގެ މެޖޯރިޓީ އޮތީ ރައީސް ޔާމީނަށެވެ. އެ ޕާޓީގެ 34 މެމްބަރުންގެ ކައުންސިލްގެ މެޖޯރިޓީ ވެސް އޮތީ ރައީސް އަތްޕުޅުގަ އެވެ. އެކަން ސާބިތުކޮށްދެނީ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދިނުމަށް ހުށަހެޅި ޕެޓިޝަނަށް ކައުންސިލްގެ މެޖޯރިޓީ ލިބިފައިވުމެވެ. ރައީސް ޔާމީނަށް މެޖޯރިޓީ ލިބުނަސް، ކަމެއް ހިނގައިގަންނަން ފަށާނީ މައުމޫން އެކަމެއް ކުރަން މިއަދު ހުއްދަ ދެއްވުމުންނެވެ. ޕާޓީގެ ހިއްގުމުގައި "މަރުތަޅު" އަޅުވާފައި އެ ވަނީ ޕާޓީގެ ރައީސެވެ. މިހާރު އުފެދޭ ސުވާލަކީ އެ ހާލަތުން ރުޖޫއަވެ، ޕާޓީ ގުނަވަންތައް އަމިއްލަ އިހްތިޔާރުގައި ހިނގަން ފަށަން މައުމޫން ހުއްދަ ދެއްވާނެތޯ އެވެ. އެމަނިކުފާނުގެ ބާރު ނުހިނގާ ގޮތަށް ކަމެއް ދީލައިނުލާލާނެ އެވެ. ޑީއާރްޕީއަށް ވީގޮތަށް، އެމަނިކުފާނުގެ ބާރު ޕާޓީގެ ތެރެއިންް ގެއްލިގެން ދާތަން ބަލަން މައުމޫން ފުރުސަތު ނުދެއްވާނެ ކަމަކަށް ނުބެލެވެ އެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ދުވަހު ރައީސް ޔާމީން، އެމަނިކުފާނުގެ ސަޕޯޓަރުންނާ އެކު: ޕާޓީގެ ކައުންސިލްގެ މެޖޯރިޓީ ރައީސް ޔާމީނަށް ކޮންޓްރޯލް ކުރައްވާ-- ސަން ފޮޓޯ/ ފަޔާޒު މޫސާ ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ރައީސް ޔާމީނާއި ރައީސް މައުމޫންގެ "ގާތް" ގުޅުން ގޯސްވެފައިވާތާ އެއްތައް ދުވަހެއް ވެއްޖެ އެވެ. ރައީސް ޔާމީނަކީ ކޮއްކޯފުޅަށް ވިޔަސް، ޕާޓީގެ މަގާމުތަކުގެ ހައިސިއްޔަތުން ކުރަން ޖެހޭ މުއަމަލާތްތައް ވެސް ދެ ބޭފުޅުން ކުރައްވަނީ ބީރައްޓެހިކޮށެވެ. ދެ ބޭފުޅުންގެ ހިޔާލު ތަފާތުވެ، ގުޅުން ގޯސްވެފައިވާ އިރު، ޕީޕީއެމްގެ ތެރެއިން ދެން ފެނިގެންދާނެ މަންޒަރަށް އިންތިޒާރު ކުރާށެވެ. އެއްފަރާތުގައި މައުމޫނެވެ. އަނެއް ފަރާތުގައި ޔާމީނެވެ. ގްރާސް ރޫޓުން ކައްކުވާލާނެ ވާހަކަތަކާ އެކު އުމަރު ނަސީރު ހައްދަވާނެ ގޮތެއް އަދި ނޭނގެ އެވެ. ޕީޕީއެމްގެ އާންމު މެމްބަރެއްގެ ގޮތުގައި ހުންނެވި އުމަރަކީ މައުމޫންގެ "މީހެކެވެ." ސަރުކާރުގެ ހުރިހާ ބާރަކާއި ސާފު އަގުލަބިއްޔަތު އޮތް މަޖިލީހުގެ މެމްބަރުންނާ އެކު، ލޭ ކައްކުވާލާ ފަދަ ވާހަކަފުޅުތަކެއް ދައްކަވާ ނިހާން އަތުގައި ހިއްޕަވައިގެން ރައީސް ޔާމީން ބޭނުން ކުރައްވާނީ މުޅި ސިޔާސީ ވެށި "މައިތިރި" ކުރި "ފޯމިއުލާ"ތޯ އެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ