އައްޑޫ ބައި-އިލެކްޝަންގެ ރީރަޖިސްޓްރިއަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކުން ނުވަތަ ރަށަކަށް ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ މިއަދު ހެނދުނު 10:00 އިން ފެށިގެން މި މަހުގެ 18 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. 
ރަޖިސްޓްރީވުމަށް އެ މުއްދަތުގައި އެދި ހުށަހަޅާނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ މީހުން އެކަންޏެވެ. 
އިލެކްޝަންސް ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުން އެ ވޯޓުގައި ރަޖިސްޓްރީވެފައިވަނީ މާލެއަށް ކަމަށެވެ. 
ރިސޯޓުތަކާއި ޖަލާއި ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން އެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެ މީހެއްގެ ވޯޓުލާ ތަންކަމަށް ރަޖިސްޓަރީވެފައި ވާނީ އެ މީހެއްގެ ދާއިމީ އެޑްރެހަށް ކަމަށް ވެސް އީސީން ބުންޏެވެ. 
މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތު 1414 އަށް އެސްއެމްއެސް ކޮށްގެން ބެލޭނެ އެވެ. 
އީސީން ބުނީ ވޯޓުލާން ރިރަޖިސްޓްރީވުމަށް ހުށަހަޅަން ޖެހޭނީ އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް  (form.elections.gov.mv) ނުވަތަ "މައި ޕޯޓަލް" މެދުވެރިކޮށް ކަމަށެވެ. ފޯމު ހުށަހަޅާއިރު ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ފޮޓޯ ހުށަހަޅަން ޖެހޭނެ ކަމަށް އީސީން ބުންޏެވެ. 
"މައި ޕޯޓަލް" މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އޭރުގެ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި މުހައްމަދު ސިނާން އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް ސިނާން ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ. ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 12 ގަ އެވެ. 
އެ ގޮނޑިއަށް ޕީއެންސީގެ ޕްރައިމަރީއަށް ހުޅުވާލި ފުރުސަތުގައި ސިނާންގެ އިތުރުން ދެން އެ ޕްރައިމަރީގައި ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ މެމްބަރު އަހުމަދު ސައީދު (ސޮޑާ) އެވެ. ޕްރައިމަރީ ކާމިޔާބު ކުރެއްވީ ސިނާން ކަމަށް ވިޔަސް އޭނާ ވަނީ ޓިކެޓު ދޫކޮށްލައި ސައީދަށް ތާއީދު ކުރައްވަން ނިންމައިފަ އެވެ. 
އިދިކޮޅު އެމްޑީޕީން އެ ގޮނޑިއަށް ވާދަކުރަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ