މިއަދުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ދިވެހިރާއްޖެ އަށް މިދުވަސްކޮޅު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާއި ގުޅިގެން ބޮޑު ސަރަހައްދަކަށް މިއަދުވެސް ހުދު ސަމާލު ނެރެފިއެވެ.
އެގޮތުން ކުރިއަށްއޮތް ގަޑިތަކުގައި ގުރުމާއެކު ބޯކޮށްވާރޭ ވެހޭނެކަމަށް ލަފާކޮށް ހެނދުނު 10:00 އިން ހަވީރު 4:00އަށް ނ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށްވަނީ ހުދު ސަމާލު ނެރެފައެވެ. މިވަގުތުތަކުގައި އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވެއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖީ އިން ބުނެފައިވަނީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާކަމަށާއި، އެހެންކަމުން ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
ކުރިއަށްއޮތް 24ގަޑިއިރަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ.
އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށާއި، ރާޅުގެ އުސްމިނުގައި 7-4 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށްވެސް މީޓިއޮރޮލޮޖީ އިން ބުނެފައިވެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިންވެސް ވަނީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބެލުމަށްފަހު ނޫނީ ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ