ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްއަށް ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު" އަށް އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު ޢަބްދުﷲއެވެ.
ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ސަރުކާރުން ބަޔާންކުރައްވާފައިވަނީ އެލްޖީއޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އެ އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމެވެ. އަދި ރަށްރަށާއި ސިޓީތަކުގައި ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާންމު ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ހިމެނުމަކީވެސް މި ޤާނޫނަށް އިސްލާހު ގެނައުމުގެ ބޭނުމެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އެލްޖީއޭއަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ވިލަރެސްކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާއެވެ. އެ އޮތޯރިޓީގެ މުވައްޒަފުން މިހާރު ޤާނޫނު އޮތްގޮތުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ އެލްޖީއޭގެ ބޯޑަށެވެ. ނަމަވެސް އެ މާއްދާ ބަދަލުކުރުމަށް ސަރުކާރުން ވަނީ ހުށަހަޅުއްވާފައެވެ.
މި ބިލު ދިރާސާކުރުމުގެ މަރުހަލާގައި ލާމަރުކަޒީ ކޮމިޓީން ވަނީ ބިލަށް ބަދަލުތަކެއް ގެންނަވާފައެވެ. އެ ކޮމިޓީން ގެނައި ބަދަލާއެކު އެލްޖީއޭއަށް ބޭނުންވާ މުވައްޒަފުން އައްޔަންކޮށް، ވަކިކުރާނީ އޮތޯރިޓީގެ ލަފާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުންނެވެ. ސަރުކާރުން ބިލުގައި އެ ބާރު އެލްޖީއޭގެ ސީއީއޯގެ ލަފާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނަށް ދޭން ހުށަހެޅުއްވިއެވެ.
އިސްލާހުގައި ބަޔާންކޮށްފައިވާގޮތުގައި އެލްޖީއޭއަށް މުވައްޒަފުން އައްޔަންކޮށް، ވަކިކުރުމާއި މުވައްޒަފުންނާގުޅޭ ކަންކަމުގައި ޒިންމާދާރު އިސްވެރިޔާއަކީ ސީއީއޯއެވެ. އަދި އެ އޮތޯރިޓީގެ މަޤާމުތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށްވަނީ ބަޔާންކޮށްފައެވެ.
ކޮމިޓީން ގެނައި އިސްލާހުގައި ކައުންސިލްތަކަށް އާމްދަނީ ދޫކުރަންވާނީ އެއްވެސް ޤާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ޓެކުހަކަށްވާ ފައިސާއާއި ކަރަންޓާއި ފެނާއި ފާޚާނާއާއި ނަރުދަމާގެ އިތުރުން ކުނި މެނޭޖްކުރުމުގެ ޚިދުމަތްތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ 6 މަސްދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ ޢަދަދެއް ކަމަށް ވަނީ ބަޔާންކުރައްވާފައެވެ.
މީގެ އިތުރުން މި އިސްލާހުގައި ރަށްރަށާއި ސިޓީތަކުގައި ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހެ އާންމު ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ވަނީ ހިމަނުއްވާފައެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 59 މެންބަރުންގެ ވޯޓުންނެވެ.
އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލުކުރަން މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ