ޔަމާލް ފަލަސްތީނުގެ ދިދަ ވިހުރުވުމުން ފްލިކަށް ކަމަކުނުދިޔަ، ސްޕެއިން ބޮޑުވަޒީރުގެ ތާއީދު

ބާސެލޯނާއިން ލަލީގާ ކާމިޔާބުކުރުމުގެ އުފާފާޅުކުރުމަށް ބޭއްވި ޕެރޭޑްގައި، އެ ޓީމުގެ ޒުވާން ތަރި ލަމީން ޔަމާލް ފަލަސްތީނުގެ ދިދަ ވިހުރުވުމުން އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ހިޔާލު ތަފާތު ވެއްޖެ އެވެ. 
ބާސެލޯނާގެ މަގުތަކުގައި ބޭއްވި މި ހަރަކާތުގައި، އުމުރުން 18 އަހަރުގެ ޔަމާލް ފަލަސްތީނުގެ ދިދަ ހިފައިގެން ހުރި ފޮޓޯތައް އޭނާގެ އިންސްޓަގްރާމްގައި ވެސް ވަނީ ހިއްސާކޮށްފަ
އެވެ.
ޔަމާލްގެ މި ނިންމުމާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ފްލިކް ބުނީ އެފަދަ ކަންކަމަކީ އޭނާ ގަޔާވާ ކަންކަމެއް ނޫން ކަމަށެވެ. ނަމަވެސް ޔަމާލަކީ މިހާރު އަމިއްލަ ނިންމުން ނިންމޭވަރުގެ ބޮޑު މީހެއް ކަމަށް ފްލިކް ފާހަގަކުރި އެވެ.
"މިއީ އާންމުކޮށް އަހަރެން ގަޔާވާ ކަމެއް ނޫން. އަހަރެން އޭނާއާ ވާހަކަދެއްކިން. އަހަރެން ބުނިން އޭނާ އެކަން ކުރަން ބޭނުންނަމަ އެއީ އޭނާގެ އަމިއްލަ ނިންމުމެކޭ. އޭނާގެ އުމުރުން މިހާރު 18 އަހަރު ފުރިއްޖެ، އޭނާ މިހާރު ބޮޑުވެއްޖެ،" ފްލިކް ބުންޏަ
އެވެ.
ފްލިކް އިތުރަށް ބުނީ އޭނާގެ އެންމެ ބޮޑު އިސްކަމަކީ ސަޕޯޓަރުންނާ އެކު އުފާފާޅުކުރުން ކަމަށެވެ. އަދި ފުޓްބޯޅަ ކުޅެނީ މީހުން އުފާކޮށްދިނުމަށް ކަމަށް ވެސް އޭނާ ބުންޏަ
އެވެ.
"އަހަރެމެން މި ކުޅެނީ ފުޓްބޯޅަ. މީހުން އަހަރެމެންގެ ފަރާތުން އުންމީދުކުރާ ކަންތައްތައް ކަލޭމެންނަށް ވެސް ފެންނާނެ. އަހަރެމެން ފުޓްބޯޅަ ކުޅެނީ މީހުން އުފާކޮށްދޭން. އެއީ އަހަރެން އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތައް،" ފްލިކް ބުންޏެވެ.
މި މައްސަލައިގައި ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ ޔަމާލްގެ ތާއީދުކުރުމުގެ ރާގުގައި ވާހަކަ ދައްކަވައިފަ އެވެ. އަދި އޭނާ ވަނީ ފަލަސްތީނާ ގުޅޭގޮތުން ސްޕެއިންގެ ސިޔާސީ ނިންމުން ހަނދާންކޮށްދެއްވާފަ
އެވެ.
ޔާމާލް ފަލަސްތީނުގެ ދިދަ ވިހުރުވުމުން އެކަން ފާހަގަކޮށް ނޫސްވެރިޔަކު ސުވާލު ކުރުމުން ސަންޗޭޒް ވިދާޅުވީ ސްޕެއިންއަކީ ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ގަބޫލުކޮށްފައިވާ ގައުމެއް ކަމަށެވެ.
"ސްޕެއިނުން ވަނީ ފަލަސްތީނުގެ ދައުލަތް ގަބޫލުކޮށްފައި. އެންމެ ކުރީއްސުރެ ސްޕެއިނުން ދަނީ ހަމާސްގެ ހަމަލާތައް ކުށްވެރިކުރަމުން، އަދި އޭގެ ފަހުން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ގާޒާގައި ކުރަމުންދާ ހަނގުރާމަވެސް ކުށްވެރިކުރަމުން،" ސަންޗޭޒް ވިދާޅުވި އެވެ.
ފަލަސްތީނުގެ ހައްގުތަކާ ގުޅޭ ހަރަކާތްތަކުގައި ހުޅަނގުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ހަރަކާތްތައް ހިންގާ ގައުމަކީ ސްޕެއިން އެވެ. ސްޕެއިންގެ ސަރުކާރުން ވަނީ އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ތަކުރާރުކޮށް ގޮވާލައިފަ އެވެ. ސްޕެއިންގައި ވެސް އެ ހަރަކާތް އެންމެ ވަރުގަދައަށް ހިންގަނީ ބާސެލޯނާ ސިޓީގަ އެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން ބާސެލޯނާ ސިޓީއަކީ ފަލަސްތީނުގެ ހައްގުގައި އަޑުއުފުލާ އަދި އެހީގެ ގާފިލާތައް ފޮނުވުމުގައި ސްޕެއިންގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ސިޓީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ