ރައްޔިތުންގެ މަޖިލީހުގެ ދައުރު މި މަހުގެ ނިޔަލަށް ދަންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިހާރު ކުރިއަށްދާ ދައުރުގެ މުއްދަތު އިތުރުކޮށް މި މަހުގެ ނިޔަލަށް ދަންމާލައިފި އެވެ. 
ވީ ކިހިނެެއް؟ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ މި ދައުރުގެ ފަހު ދުވަހަކީ މާދަމަ އެވެ. އަދި އެއަށް ފަހު އޮތީ މަޖިލިސް ޗުއްޓީއަށްދާ ގޮތަށެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ މި ދައުރު އިތުރު 15 ދުވަހަށް އިތުރުކޮށްފަ އެވެ.
ތަފުސީލް- ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދުގެ ޖަލްސާ ފައްޓަވަމުން ވިދާޅުވީ މަޖިލީހުން ނިންމަން ހުރި މުހިންމު މަސައްކަތަކެއް ހުރުމުން ދައުރު އިތުރުކުރައްވަން ގަސްދުކުރައްވާ ކަމަށެވެ.
"މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން ނިންމަން ޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާ އެކު އަޅުގަނޑު ގަސްތު ކުރަނީ 31 މެއި 2026ގެ ނިޔަލަށް މި ދައުރު އިތުރު ކުރުމާ މެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށް ވޯޓަށް އެހުމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަދި މަޖިލީހުގެ ތަޅުމުން ވަނީ އެ ނިންމުން އެ ގޮތަށް ނިންމައިފަ އެވެ. އެގޮތުން މަޖިލީހުގެ ދައުރު މި މަހުގެ ނިޔަލަށް އިތުރު ކުރުމަށް 58 މެންބަރަކު ވަނީ ވޯޓު ދެއްވައިފަ އެވެ. އަދި ނުފެންނަ ކަމަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ. 
ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރު ކުރުމަށް ނިންމި އިރު، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމު މަގާމުން ދުރުކުރުމުގެ މަަސައްކަތް ސަރުކާރު ހިންގީ ޕީއެންސީ އިން އަންނަނީ ކުރަމުންނެވެ. އަދި އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ވައްދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ