އެމެރިކާގެ މޭޖަރ ލީގުގައި މިއަދު އެފްސީ ސިންސިނާޓީ އާއި ދެކޮޅަށް އިންޓަރ މަޔާމީ ކުޅުނު މެޗުގައި ލިއޮނެލް މެސީ ޖެހި ދެ ލަނޑާއެކު ފަހަތުން އަރާ 5-3 ގެ ނަތީޖާއަކުން އިންޓާރ މަޔާމީ މޮޅުވެއްޖެ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 24 ވަނަ މިނިޓުގައި ލިއޮނެލް މެސީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ސިންސިނާޓީ އަށް ލިބުނު ޕެނަލްޓީ އަކުން ކެވިން ޑެންކީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ސިންސިނާޓީގެ ޕަވެލް ބުޗާ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި އެ ޓީމަށް ފުރަތަމަ ފަހަރަށް ކުރި ހޯދަދީފަ އެވެ.
އިންޓަރ މަޔާމީ އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 55 ވަނަ މިނިޓުގައި ލިއޮނެލް މެސީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ސިންސިނާޓީ އިން ޖެހި ތިންވަނަ ލަނޑު މެޗުގެ 64 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެވަންޑަރ އެވެ.
މެސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ނަތީޖާ އިންޓަރ މަޔާމީ އިން ދެވަނަ ފަހަރަށް އެއްވަރުކޮށްފައިވަނީ މެސީ ދިން ޕާހަކުން މަޓެއޯ ސިލްވެޓީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ 84 ވަނަ މިނިޓުގައި އިންޓަރ މަޔާމީގެ ބަރޓެރާމް ވަނީ އިތުރު ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގައި އިންޓަރ މަޔާމީ އިން ޖެހި ފަސްވަނަ ލަނޑަކީ މެޗުގެ 89 ވަނަ މިނިޓުގައި ސިންސިނާޓީގެ ސެލެންޓާނޯ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
މި މެޗުން މޮޅުވެ އިންޓަރ މަޔާމީ އަށް ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ 13 މެޗުން ލިބިފައިވާ 25 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފަ އެވެ. އަދި ސިންސިނާޓީ މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ހަ މެޗަށްފަހު ވަނީ ނިމުމަކަށް އައިސްފަ އެވެ.
މެސީގެ ދެ ލަނޑާއެކު މަޔާމީ ފަހަތުން އަރާ މޮޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ