ޢިލްމު ހޯދުމަށް ވަކި ޢުމުރެއް އޮންނާނެހެއްޔެވެ؟
އަސްތާ އަދިވެސް ކިޔަވަންތަ ތިޔަ އުޅެނީ؟ ދެން ތިޔަ ޢުމުރަށް ދިޔައިމާ ކީއްކުރަންތަ ތިކަމާ އުޅެންވީ؟ މިއީ މީގެ ދުވަސްކޮޅެއް ކުރިން ބައްދަލުވި ވަރަށް ގާތް ރައްޓެއްސަކު ކުރި ސުވާލުތަކެކެވެ. ލިބުނީ ކޮންމެ ވެސް ވަރެއްގެ ހިތްނުތަނަވަސް ކަމެކެވެ. ހިނދުކޮޅަކު ހަނުހުރެލުމަށް ފަހު އޭނާއަށް ވެސް ވިސްނައިދެވޭތޯ ބެލީމެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު، ޢިލްމު އުނގެނުމަކީ ވަކި ޢުމުރަކަށް ހަނިވެފައިވާ ކަމެއް ނޫނެވެ. ކީރިތި ރަސޫލާގެ (ޞޢވ) ޙަދީޘްފުޅެއްގައިވާ ފަދައިންނެވެ. ކީރިތި ރަސޫލާ (ޞޢވ) ޙަދީޘްކުރެއްވިއެވެ. (طَلَبُ الْعِلْمِ فَرِيضَةٌ عَلَى كُلِّ مُسْلِمٍ) (رواه ابن ماجه). މާނައީ، "ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ފަރުޟެކެވެ." މި ޙަދީޘްފުޅުގައި އެއްވެސް ޢުމުރެއް އިސްތިސްނާކޮށްފައެއް ނުވެއެވެ. ކުޑަކުއްޖެއް، ޒުވާނެއް ނުވަތަ މުސްކުޅިއެއް ކަމުގައިވިއަސް، ދީނީ އަދި ދުނިޔަވީ ޒަރޫރީ ޢިލްމު އުނގެނުމަކީ ފަރުޟެކެވެ. ކީރިތި ޤުރްއާނުން ދަލީލު މާތް ﷲ ވަނީ ކީރިތި ރަސޫލާއަށް (ޞޢވ) ޢިލްމު އިތުރުކޮށްދެއްވުމަށް އެދި ދުޢާކުރެއްވުމަށް އަމުރު ކުރައްވާފައެވެ. އެގޮތުން ޠާޙާ ސޫރަތުގެ 114 ވަނަ އާޔަތުގެ މާނައަށް ބަލައިލަމާތޯއެވެ. "ފަހެ، ރަސްވަންތަ، ޙައްޤުވަންތަ ﷲ މަތިވެރިވެ ވޮޑިގެންވެއެވެ. ކަލޭގެފާނަށް ވަޙީ ބާވައިލައްވައި ނިމުމުގެކުރިން ކަލޭގެފާނު އެ ޤުރްއާން ކިޔަވައިވިދާޅުވުމަށް އަވަސްވެވަޑައި ނުގަންނަވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށް ޢިލްމު އިތުރުކޮށްދެއްވާނދޭވެ." މި ދުޢާއަކީ ކޮންމެ ޢުމުރެއްގައި ވެސް ކުރަންޖެހޭ ދުޢާއެކެވެ. މިއިން ދޭހަވަނީ ޢިލްމު ހޯދުމަށް ވަކި ޢުމުރެއް އަދި ނިމުމެއް ނުވާކަމެވެ. ކީރިތި ރަސޫލާއަށް (ޞޢވ) އެންމެ ފުރަތަމަ ވަޙީ ބާވައިލެއްވީ އިޤްރައު (ކިޔަވާށެވެ!) އެވެ. އެކަލޭގެފާނަށް ނުބުއްވަތްކަން ލިބިވަޑައިގެންނެވިއިރު ޢުމުރުފުޅަކީ 40 އަހަރެވެ. މިއީ މީހެއްގެ ޙަޔާތުގެ މެދުޢުމުރުގައި ވެސް އާ ޢިލްމުތަކެއް އުނގެނެން ފެށިދާނެކަމުގެ އަލިގަދަ ދަލީލެކެވެ. ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ޙައްޤަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެކެވެ [15]. ތަޢުލީމުގެ ޤާނޫނުގެ (24/2020) މަޤްޞަދުތަކުގެ ތެރޭގައި، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމާއި، ރާއްޖޭގެ ތަޢުލީމީ ނިޒާމު އިސްލާމީ އަސާސްތަކުގެ މައްޗަށް ބިނާކުރުން ހިމެނެއެވެ [1]. މެދުކެނޑުމެއްނެތި އުނގެނުން ކުރިން ވެސް އިޝާރާތްކުރި ފަދައިން އިސްލާމީ ނަޒަރަކުން ބަލާއިރު ޢިލްމު ހޯދުމަކީ މުޅި ޢުމުރަށް ދެމިގެންވާ އަޅުކަމެއްގެ ގޮތުގައި ބެލެވެއެވެ. އެއީ ވަކި ޢުމުރަކަށް އަދި ޖިންސަކަށް ޚާއްޞަކުރެވިފައިވާ ކަމެއް ނޫނެވެ. ކޮންމެ މީހަކީ ވެސް ފުރުޞަތު ހޯދައިގެން ޢިލްމު ހޯދުމަށް ގަދައަޅާ މަސައްކަތްކުރަން ޖެހޭނޭ މީހެކެވެ. އެމީހަކަށް ވީ އެންމެ މަތީ ދަރަޖައަކަށެވެ. ޞަޙާބީންގެ ޢަމަލުފުޅު ކީރިތި ރަސޫލާގެ (ޞޢވ) އަޞްޙާބުންނަކީ މިކަމުގެ އެންމެ ރީތި ނަމޫނާއެވެ. އޭގެތެރެއިން ގިނަ ބޭފުޅުން އިސްލާމްވެވަޑައިގެން ދީނުގެ ޢިލްމު އުނގެނިވަޑައިގަތީ އެ ބޭފުޅުންގެ ޢުމުރުފުޅުން ދުވަސްވީ ފަހުންނެވެ. އެހެންނަމަވެސް އެ ބޭފުޅުންގެ ޢުމުރުފުޅު އެއީ ޢިލްމު އުނގެނުމަށް އޮތް ހުރަހެއް ކަމުގައި ދެކިވަޑައެއް ނުގެންނެވިއެވެ. އެހެންކަމުން، ޢިލްމު އުނގެނުމަށްޓަކައި ޢުމުރުން ދުވަސްވުމަކީ ހުރަހެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ އިންސާނާ މަރުވަންދެން ކުރިއަށް ގެންދަންޖެހޭ މާތް އަޅުކަމެކެވެ. ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ (7/2021) ދަށުން އެކުލަވައިލާފައިވާ އުޞޫލުތަކަކީ ހަމައެކަނި ޒުވާން ދަރިވަރުންނަށް އަމާޒުކޮށްފައިވާ އުސޫލުތަކެއް ނޫނެވެ. އޭގެ ބަދަލުގައި، އައު ހުނަރުތައް ދަސްކުރުމަށާއި، ވަޒީފާގެ ބާޒާރަށް ތައްޔާރުވުމަށްޓަކައި އެކި ޢުމުރުފުރާތަކުގެ މީހުންނަށް ކޮމްޕިޓެންސީ ބޭސްޑް އެސެސްމަންޓްތަކުގެ ޒަރީޢާއިން ސެޓްފިކެޓު ޙާޞިލުކުރުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ [7]. އިސްލާމީ ޔުނިވަރސިޓީގެ ދައުރު ދީނީ ޢިލްމާއި އެނޫންވެސް ޢިލްމުތައް ފެތުރުމަށްޓަކައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނުގެ (11/2015) ދަށުން ޚާއްޞަ މުއައްސަސާއެއް ވަނީ އުފައްދާފައެވެ [13]. މިފަދަ މުއައްސަސާތަކުގެ މަޤްޞަދަކީ އިސްލާމީ އުޞޫލުތަކުގެ ތެރެއިން މުޖުތަމަޢުގެ އެންމެހައި ފަރާތްތަކަށް ޢިލްމީ ފުރުޞަތުތައް ފުޅާކުރުމެވެ. ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފުން ޢުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ މަސައްކަތުގައި އުޅެންޖެހުމުގެ ސަބަބުން ކިޔަވަން ދިއުމަށް ދަތިވާ ފަރާތްތަކަށް "އީ-ލާރނިންގ" ނުވަތަ އޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތު މިހާރު ވަނީ ޤާނޫނީ ގޮތުން ފަހިކޮށްދީފައެވެ. މިއީ ޢުމުރާއި ހާލަތަށް ބެލުމެއްނެތި ޢިލްމު އުނގެނުމަށް ހުޅުވިފައިވާ ބޮޑު ދޮރެކެވެ [6]. ޢިލްމު އުނގެނުމަށް ވަކި ޢުމުރެއް ނެތްއިރު ދިވެހިރާއްޖޭގައި ވެސް މިއަދު ފެންނަމުންދަނީ އުފާކުރުން ޙައްޤު މަންޒަރުތަކެކެވެ. ކޮންމެ މީހަކު ވެސް އެމީހަކަށް ލިބޭ ފުރުޞަތުގައި ވަގުތު ހޯދައިގެން ތަފާތު ދާއިރާތަކުން ޢިލްމު ހޯދުމަށް މަސައްކަތްކުރާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވަމުންދާ ތަނެވެ. އިސްލާމްދީނުގައި ޢިލްމު އުނގެނުމަކީ ފަރުޟަކަށް ވީހިނދު ކޮންމެ މީހަކު ވެސް އެމީހެއްގެ ދުނިޔެއާއި އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކައި ޢިލްމު ހޯދަންޖެހެއެވެ. އަދި އެ މީހަކު ހޯދާ ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ބޭނުންކުރަން ވެސްޖެހޭނެއެވެ. އެއީ ޤިޔާމަތްދުވަހު ސުވާލުވެވޭނޭ ކަމެއްކަން ވެސް ހަނދާން ކުރަންޖެހޭނެއެވެ. ރާއްޖޭގެ ޤާނޫނުތަކާއި ސިޔާސަތުތައް ތަރުތީބުވެފައިވަނީ އެ ފަރުޟު އަދާކުރުމުގައި ޢުމުރަކީ ހުރަހަކަށް ނުވާނެ ގޮތުގެ މައްޗަށެވެ. އުންމީދު ނަގައިނުލާށެވެ. އުނގެނިދަސްކުރުމަށް ޖެހިލުން ނުވާށެވެ. އެހެނަސް އެއީ އުފަލެއްކަމުގައި ދެކިގެން މި ޙަޔާތުގެ މުހިންމު ބައެއްކަމުގައި ހަދާށެވެ. ޙަޔާތުގެ ކޮންމެ ހިނދުކޮޅަކީ ފައިދާ ހުރި ޢިލްމެއް ނުވަތަ ކަމެއް ދަސްކުރާ ވަގުތުކޮޅަކަށް ހަދާށެވެ. ޢިލްމު ހޯދުމަށް ވަގުތު ހޯދާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ