ޓްރަމްޕް ޗައިނާގައި: އީރާނާއި ޓައިވާނު މައްސަލަ ވެސް އެޖެންޑާގައި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕް ރަސްމީ ދަތުރުފުޅެއްގައި މިއަދު ޗައިނާއަށް ވަޑައިގަންނަވައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރައްވާ އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރިއާއި އީރާނުގައި ހިނގަމުންދާ ހަނގުރާމައާއި ޓައިވާނާ އެކު އެމެރިކާއިން ބާއްވާ ގުޅުމާ ބެހޭ ގޮތުން މަޝްވަރާކުރާނެ ކަމަށް ބެލެވޭ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޓްރަމްްޕްގެ ދަތުރުފުޅު ފުރަތަމަ ކުރައްވަން ހަމަޖެހިފައި އޮތީ މާރިޗު މަހެވެ. ނަމަވެސް، ދަތުރުފުޅު ފަސްކުރެއްވީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަމަލާދޭން ފެށުމާ ގުޅިގެންނެވެ. ޓްރަމްްޕް އިއްޔެ ރޭ ޗައިނާއަށް ވަޑައިގަތުމުން ރަތް ދޫލައިގައި ޓްރަމްޕަށް މަރުހަބާ ވިދާޅުވީ ޗައިނާގެ ނައިބު ރައީސް ހާން ޒެންގްއެވެ. މި ރަސްމިއްޔާތުގައި 300 އެއްހައި ކުދިން އެމެރިކާއާއި ޗައިނާގެ ދިދަ ހޫރުވަމުން ދިޔައެވެ. ޓްރަމްޕާ އެކު އެ މަނިކުފާނުގެ ދަރިކަލުން އެރިކް ޓްރަމްޕާއި އެމެރިކާގެ ޓެކް އިންޑަސްޓްރީގެ ގިނަ ބޭފުޅުން ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ޓެސްލާގެ އެލޮން މާސްކާއި އެންވީޑިއާގެ ޖެންސެން ހޫއާންގް ހިމެނެއެވެ. ޓްރަމްޕާ އެކު ދަތުރުކުރާނެ ކަމަށް ބެލެވޭ އެހެން ސީއީއޯއިންގެ ތެރޭގައި އެޕަލްގެ ޓިމް ކުކާއި ބްލެކްރޮކްގެ ލެރީ ފިންކް އަދި ބޮއިންގްގެ ކެލީ އޮޓްބާގް ހިމެނެއެވެ. ޓެރިފާއި ވިޔަފާރީގެ އެހެނިހެން ހުރަސްތަކާ ހެދި ފާއިތުވި އަހަރުތަކުގައި ދެ ގައުމުގެ ވިޔަފާރި ވަނީ ދަށްވެފައެވެ. މިދިޔަ އަހަރު ދެ ގައުމުގެ ވިޔަފާރި ޖުމުލަ 414.7 ބިލިއަން ޑޮލަރު (307.3 ބިލިއަން ޕައުންޑް) އަށް އަރާފައިވާއިރު، މިއީ 2022 ވަނަ އަހަރު ރިކޯޑުކުރި 690.4 ބިލިއަން ޑޮލަރު (511.6 ބިލިއަން ޕައުންޑް) އާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވުމެކެވެ. މިދިޔަ އަހަރު އެމެރިކާ ޗައިނާއިން އެކްސްޕޯޓްކުރި މުދަލުގެ އަގު 200 ބިލިއަން ޑޮލަރަށްވުރެ ގިނައެވެ. ވިޔަފާރީގެ ގޮތުން ޓްރަމްޕް ޗައިނާއިން އެމެރިކާގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ގަތުން އިތުރުކުރުމަށް ބާރުއަޅުއްވާނެ ކަމަށް ބެލެވޭއިރު، ޗައިނާގެ މުދަލުން ނަގާ ޓެރިފް ކުޑަކުރުމަށް ބެއިޖިންއިން އެމެރިކާއަށް ޕްރެޝަރުކުރުން އެކަށީގެންވާ ކަމަށް ވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އޭގެ އިތުުރުން އެމެރިކާއާއި އީރާނުގެ ހަނގުރާމައަކީ ވެސް އެޖެންޑާގެ ކުރީގައި އޮންނާނެ ކަމަށް ބެލެވޭ މައުޟޫއުއެކެވެ. ޗައިނާއަކީ އީރާނުގެ ތެލަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ގައުމެއް ނަމަވެސް، ހުރްމުޒް ކަނޑުއޮޅިން އުޅަނދުތައް ދަތުރުކުރުން ހުރަސް އަޅާފައިވާތީ ޗައިނާއަށް ތެޔޮ އެތެރެކުރުން އޮތީ މަޑުޖެހިފައެވެ. އީރާނުގެ ނިއުކްލިއާ މައްސަލައިގައި ޗައިނާއިން ބާރު ފޯރުވުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އެދިވަޑައިގެންފައެވެ. ޗައިނާގެ އިގުތިސާދީ އަދި ސިޔާސީ ނުފޫޒު އީރާނުގެ މައްޗަށް ބޭނުންކުރުމަށް އެމެރިކާއިން އަންނަނީ ޗައިނާއަށް ޕްރެޝަރުކުރަމުންނެވެ. އީރާނާ ބެހޭ ގޮތުން ޗައިނާގެ ރައީސް ޝީއާ ދިގުކޮށް ވާހަކަދައްކަވާނެ ކަމަށް ޗައިނާއަށް ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ތެލުގެ އަގު އުފުލި އިގުތިސާދަށް ގެއްލުންވަމުން އަންނާނީ ޗައިނާއިން ވެސް ބޭނުންވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޓްރަމްޕްގެ މި ދަތުރުފުޅުގައި ތައިވާނާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރައްވާނެއެވެ. ތައިވާނަށް އެމެރިކާއިން ހަތިޔާރު ވިއްކުމުގެ މައްސަލައިގައި ޓްރަމްޕް ސީދާ ޝީއާ ވާހަކަދައްކަވާނެ ކަމަށް ވިދާޅުވުމަކީ، އެމެރިކާގެ ކުރީގެ ޚާރިޖީ ސިޔާސަތަށް އައި ބޮޑު ބަދަލެކެވެ. މިއީ 2017 ވަނަ އަހަރަށްފަހު އެމެރިކާގެ ރައީސަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާއާއި ރައީސް ޝީއާ ދެމެދު އޮތީ ވަރުގަދަ އަމިއްލަ ގުޅުމެކެވެ. ޗައިނާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ޓްރަމްޕް އެނބުރި ވޮޝިންޓަނަށް ވަޑައިގަތުމަށް ހަަމަޖެހިފައިވަނީ ހުކުރު ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ