ސަން ކުންފުނިން ހިލްޓަނަށް 24 މިލިއަން ޑޮލަރު ދެއްކުން ފަސްކުރަން ހައި ކޯޓުން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނިން ހިލްޓަނަށް 24 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަންގައިފި އެވެ.
އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ބާތިލްކުރުމުން ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރުގެ އާބިޓްރޭޝަނުން އަންގާފައިވާތީ އެ ފައިސާ ދެ ހަފުތާ ތެރޭގައި ދައްކަން މިދިޔަ ފެބްރުއަރީ މަހު ސިވިލް ކޯޓުން ހުކުމްކުރި އެވެ.
އެ ހުކުމް އިސްތިއުނާފްކުރަން ސަން ޓްރެވަލްސްގެ ފަރާތުން މިހާރު އޮތީ ހުށަހަޅައިފަ އެވެ.
ހައި ކޯޓުގެ އަމުރުގައިވަނީ އެ ހުކުމަށް އަމަލުކުރުން ފަސްނުކޮށްފިނަމަ ސަން ކުންފުންޏަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.
އެހެންވެ، އެ މައްސަލަ ހައި ކޯޓުން ނިމެންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން ސިވިލް ކޯޓުގެ ހުކުމަށް އަމަލުކުރުން ފަސްކުރީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ