އެމްކިޔުއޭއިން 2022ގައި ހެދި ގައިޑްލައިނާ އެއްގޮތަށް އެކްރެޑިޓް ނުކުރާ ކޯސްތައް ބާތިލުކުރަނީ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)އިން 2022ގައި ޝާއިއުކުރި، ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިންގެ ދަށުން، އަލުން އެކްރެޑިޓްކޮށްފައިނުވާ ޕްރޮގްރާމްތައް ބާތިލުވާނެ ކަމަށް އެ އޮތޯރިޓީން މިއަދު އިއުލާންކޮށްފިއެވެ. އެމްކިޔުއޭއިން ގެޒެޓުކުރި އިއުލާނެއްގައި ވަނީ، އޮގަސްޓު 2022ގައި އެ އޮތޯރިޓީން ޝާއިޢުކޮށްފައިވާ "ޕުރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިން"ގެ ދަށުން، ރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ކުރިން އެޕްރޫވަލް ހޯދާފައިވާ ޕުރޮގްރާމްތަކަށް އަލުން އެކްރެޑިޓޭޝަން ހޯދަންޖެހޭ ކަމަށެވެ. އެކަން ވާނީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ މަރުކަޒުތަކުގެ ސަމާލުކަމަށް ގެނެސްފައި ކަމަށް އެމްކިޔުއޭއިން ބުންޏެވެ. އެހެންނަމަވެސް ބައެއް މަރުކަޒުތަކުން، ކުރިން އެޕްރޫވަލްދީފައިވާ އަދި ހިންގަމުން ގެންދާ ޕްރޮގްރާމްތަކަށް، އަލުން އެކްރެޑިޓޭޝަން ހޯދުމަށް މިއަދާ ހަމައަށް ވެސް ހުށަހަޅާފައިނުވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެ ފަދަ މަރުކަޒުތަކާއެކު މި އަހަރުގެ ތެރޭގައި ބައްދަލުވުމެއް ބާއްވަން މަސައްކަތްކޮށް ބައްދަލުކުރެވިފައިވަނީ ވަރަށް މަދު މަރުކަޒުތަކަކާ ކަމަށް އިއުލާނުގައިވެއެވެ. "އަދި މީގެ ތެރެއިން 30 ވަރަކަށް މަރުކަޒާ މިހާތަނަށް ވަނީ އެ މަރުކަޒުތަކުން ވުޒާރާއަށް ދީފައިވާ އީމެއިލް އަދި ފޯނުގެ ޒަރީއާއިންވެސް ގުޅޭ ގޮތް ނުވެފައެވެ." އެމްކިޔުއޭގެ އިއުލާނުގައިވެއެވެ. އެ މަރުކަޒުތަކާއެކު މިހާތަނަށް މުޢާމަލާތްކުރެވިފައި ނުވިނަމަވެސް، އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ 22އިން ފެށިގެން، އެ ފަދަ މަރުކަޒުތަކުން އަލުން އެކްރެޑިޓޭޝަން ނުހޯދާ ޕްރޮގްރާމްތައް ބާޠިލުވާނެ ކަމަށް އެމްކިޔުއޭއިން ބުންޏެވެ. އެ އޮތޯރިޓީން ވަނީ، ކުރިން ޕްރޮގްރާމް ހިންގުމަށް އެޕްރޫވަލް ދީފައިވާ މަރުކަޒުތަކާއެކު އާ އެކްރެޑިޓޭޝަނާ ގުޅޭގޮތުން މުއާމަލާތް ކުރެވިފައިނުވާނަމަ، އެ އޮތޯރިޓީގެ [email protected] މެއިލްއަށް މި މަހުގެ 31ގެ ކުރިން އެ މަރުކަޒެއްގެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައެވެ. މީގެ އިތުރުން، ހުރިހާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުންވެސް އެކްރެޑިޓޭޝަން ނުހޯދާ ހުރި ޕްރޮގްރާމްތަކަށް އަންނަ އަހަރުގެ އޮކްޓޯބަރު 22ގެ ކުރިއަށް ވީ އެންމެ އަވަހަށް އެކްރެޑިޓޭޝަނަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް އެމްކިޔުއޭއިން އިލްތިމާސްކޮށްފައިވެއެވެ. "އެކްރެޑިޓޭޝަން ނުހޯދާ ހުރި ޕްރޮގްރާމްތައް 22 އޮކްޓޯބަރު 2027ގެ ފަހުން ބާޠިލުވާނެކަން ތަކުރާރުކޮށް ހަނދުމަކޮށްދެމެވެ." އެމްކިޔުއޭގެ އިއުލާނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ