ލަންޑަން (ޑިސެމްބަރު 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން އެންމެ ފަހުން ކުޅުނު މެޗުގައި ފަޔަށް ލިބުނު ސީރިއަސް އަނިޔާ އިން ރަނގަޅުވުމަށް އޮޕަރޭޝަނެއް ވެސް ކޮށްފައިވާ ލިވަޕޫލްގެ ފޯވާޑް، އަލެކްސަންޑަ އިސާކަށް ސީޒަނުގެ ބޮޑުބައި ގެއްލޭނެކަން ކަށަވަރުވެއްޖެ އެެވެ.
ޓޮޓެންހަމް އަތުން 2-1 އިން ލިވަޕޫލް މޮޅުވި މެޗުގެ ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އަރައި، އިސާކް ވަނީ 56 ވަނަ މިނިޓްގައި ލަނޑު ޖަހައި ލިވަޕޫލަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، އެ ލަނޑު ޖެހި ވަގުތު، އިސާކްގެ ފަޔަށް ޓޮޓެންހަމްގެ ޑިފެންޑަރު، މިކީ ވެން ޑަ ވޭން ޖެހި ޓެކަލް އެރުމާ އެކު، ވަގުތުން އިސާކް ވަނީ ދަނޑުމައްޗަށް ވެއްޓި އޮވެ، މެޑިކަލް އެހީ އަށް ގޮވައިފަ އެވެ. އަދި، ފަހުން މެޑިކަލް އޮފިޝަލުންގެ އެހީގައި ދަނޑުން ފޭބި އެވެ.
މިދިޔަ ދެ ދުވަހު، އިސާކް، 26، ގެ އިތުރު ޓެސްޓްތަކެއް ހެދުމަށް ފަހު، ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާ އާއި ކަށިގަނޑަށް ލިބިފައިވާ އިތުރު އަނިޔާ އަކުން ރަނގަޅުވާން ވަނީ ސާޖަރީއެއް ކުރިއަށްގެންގޮސްފަ އެެވެ. އިސާކަށް ކުޅުމަށް އެނބުރި އާދެވޭނެ ދުވަހެއް ލިވަޕޫލުން ބުނެފައިނުވާއިރު، ބެލެވޭގޮތުގައި، އެންމެ އަވަހަށް ވެސް ކުޅުމަށް އާދެވޭނީ 3-4 މަސް ފަހުންނެވެ.
އިސާކްގެ މި އަނިޔާ އަކީ ލިވަޕޫލްގެ އިތުރުން ސްވިޑެން އަށް ވެސް ލިބުނު ގެއްލުމެކެވެ. ސްވިޑެން އިން އަންނަ އަހަރުގެ މާޗް މަހު ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފްގައި ކުޅެން ޖެހޭ މެޗު އޮންނާނެ އެވެ.
އިނގިރޭސި އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގައި މި ސީޒަނުގައި އިސާކް ލިވަޕޫލަށް ގެނައި ޑީލަށް ޖުމްލަ އެކު، ލިވަޕޫލުން 175 މިލިއަން ޑޮލަރު ދައްކާނެ އެވެ. އޭނާ ލިވަޕޫލާ ގުޅުނީ ހަ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އިސާކަށް އަނިޔާވެފައި މި ވަނީ ފޯމަކަށް އެޅިގެން ރަނގަޅު ކުޅުމެއް ދައްކަން ފެށިތަނާ އެެވެ.
އަނިޔާއާ ހެދި އިސާކް އަށް ސީޒަންގެ ބޮޑުބައި ގެއްލޭނެ އަނިޔާއާ ހެދި އިސާކް އަށް ސީޒަންގެ ބޮޑުބައި ގެއްލޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ