ބީއެމްއެލްއިން ސްވައިޕްގެ ބީޓާ ޓެސްޓިން ފަށައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިޖިޓަލް ވޮލެޓް 'ސްވައިޕް' ބީޓާ ޓެސްޓިން މަރުހަލާ ފަށައިފި އެވެ.އެ ބޭންކުން މިއަދު ބުނީ "ސްވައިޕް"ގެ ބީޓާ ޓެސްޓިން މަރުހަލާގައި ބައެއް ކަސްޓަމަރުންނާއި ވިޔަފާރިތައް ބައިވެރިކޮށްފައިވާ ކަމަށެވެ. މިއީ "ސްވައިޕް"ގެ ހިދުމަތް އާއްމުކޮށް ހުޅުވައިލުމުގެ ކުރިން، އެ ހިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކުރާ މުހިންމު ޓެސްޓިންއެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.ބީއެމްއެލްގެ ވޮލެޓް "ސްވައިޕް" އަށް ވިޔަފާރިތައް ރަޖިސްޓަރީ ކުރުމުގެ މަސައްކަތް އަންނަ މަހު ފަށަން ވަނީ ނިންމައިފަ އެވެ. އޭގެ ސަބަބުން ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް ވިޔަފާރިތަކަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.އޭގެ އިތުރުން އަންނަ މަހު، ކަސްޓަމަރުންނަށް ސްވައިޕް އާންމުކޮށް ހުޅުވާލައި، ރާއްޖޭގައި ކުރާ މުއާމަލާތްތަކުގެ ތެރެއިން އެކަކު އަނެކަކަށް ވަގުތުން ފައިސާ ފޮނުވުމާއި ފައިސާ ލިބުމުގެ ހިދުމަތް ވެސް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުން މިހާރު އަންނަނީ ސްވައިޕް އާންމުންނަށް ހުޅުވާލުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ކަމަށެވެ. އެގޮތުން، އޮކްޓޫބަރު މަހު ކާމިޔާބުކަމާއެކު އެ ޚިދުމަތް ތައާރަފުކުރުމަށްފަހު، ބީޓާ ޓެސްޓިން މަރުހަލާ ފަށައި، އަންނަ އަހަރުގެ ކުރީކޮޅު ޕޭމަންޓްތަކާއި ބައިނަލްއަގުވާމީ މުއާމަލާތްތަކުގެ ޚިދުމަތް ފެށުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ."ފުރަތަމަ ކުއާޓަރުގައި ބައިނަލްއަގުވާމީ ޕާޓްނާޝިޕްތަކާއެކު ސްވައިޕްގެ ޚިދުމަތް ފުޅާވެގެންދާއިރު، ސްވައިޕް މެދުވެރިކޮށް ރާއްޖެ ދުނިޔޭގެ މާކެޓާ ގުޅުވައިދީ، ޑިޖިޓަލް މާލީ ޚިދުމަތްތަކުގައި ބޭންކް އޮފް މޯލްޑިވްސްއިން ދަމަހައްޓަމުންދާ ކުރިއެރުން އިތުރަށް ހަރުދަނާވެގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.ބީއެމްއެލުން ބުނީ އަމާޒަކީ އަންނަ ފުރަތަމަ ކުއާޓަރުގައި، "ސްވައިޕް" ގެ ހިދުމަތްތައް ރާއްޖެއިން ބޭރަށް ވެސް ފުޅާކުރުން ކަމަށެވެ. އެގޮތުން އެ ކުއާޓަރުގައި ދުނިޔޭގެ މަގުބޫލު ޕޭމަންޓް ނެޓްވޯކްތަކާ ގުޅިގެން "ސްވައިޕް" މެދުވެރިކޮށް ދިވެހީންނަށް ރާއްޖެއިން ބޭރުން ފައިސާ ގެނެވޭނެ ގޮތް ހަމަޖައްސައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދިވެހި ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ ގޮތާއި ދިވެހީންނަށް ރާއްޖެއިން ބޭރުގައި ފައިސާ ދެއްކުމުގެ ނިޒާމު ހަމަޖެހިގެން ދާނެ އެވެ.އެއާއެކު، ސްވައިޕް ވެގެންދާނީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށާއި، ރާއްޖެއިން ބޭރުގެ މުއާމާލާތްކުރާ ދިވެހިންނަށާއި ރާއްޖެއާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ބޭރުގެ ވިޔަފާރިތަކަށްވެސް ކޮންމެހެން ބޭނުންތެރި ވަސީލަތަކަށް ކަމަށް ބީއެމްއެލުން ބުންޏެވެ."ސްވައިޕް" އަކީ، ދުނިޔޭގެ އެހެނިހެން ވޮލެޓްތަކުގެ ބަދަލުގައި ބޭނުންކު ރެވޭނެ ދިވެހި ޑިޖިޓަލް ވޮލެޓެކެވެ. ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން، އެކައުންޓުން ކުރާ ހަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށް ބަލައިލެވޭނެ އެވެ. އަދި ދުނިޔޭގެ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެންވެސް "ސްވައިޕް" ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.މީގެ އިތުރުން އެކައުންޓްތަކަށް ފައިސާ ފޮނުވައި، އެ އެކައުންޓުން ފަސޭހަކަމާ އެކު ފައިސާ ނެގޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ