އިއްޔެ ބޮޑުކުރި އެކަނިވެރި މައިންނާއި ބަފައިންގެ އިނާޔަތް ކުޑަކޮށްފި އިއްޔެ ބޮޑުކުރި އެކަނިވެރި މައިންނާއި ބަފައިންގެ އިނާޔަތް ކުޑަކޮށްފި

ދައުލަތުގެ ބަޖެޓުން އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ދޭ އުސޫލަށް ބަދަލު ގެނެސް 15،000ރ. އާއި ހަމައަށް އެ އިނާޔަތް ދެވޭނެހެން އިއްޔެ ގަވާއިދަށް ގެނަށް އިސްލާހު އަނެއްކާ ބަދަލުކޮށް އެންމެ ގިނައިން ދެވޭ އެ އިނާޔަތް ދެވޭ އަދަދު 12،000ރ. އަށް ކުޑަކޮށްފި އެވެ.
އެ ބަދަލު ގެނައިކަން އިއުލާންކޮށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ވަނީ މިދިޔަ 24 ގަޑިއިރު ތެރޭ މި ގަވާއިދަށް ގެނައި ދެވަނަ އިސްލާހު ގެޒެޓުކޮށްފަ އެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް މިހާތަނަށް އިނާޔަތުގެ ގޮތުގައި ދެމުން އައީ މަހެއް މައްްޗަށް ކޮންމެ ކުއްޖަކަށް 1،000ރ. އެވެ. އަދި އެންމެ ގިނަވެގެން ދެމުން އައީ މަހެއްގެ މައްޗަށް 10،000ރ. އެވެ.
އިއްޔެގެ ބަދަލާއެކު ކުރިން މަހެއްގެ މައްޗަށް ހަތަރު ކުދިންނާއި ހަމައަށް ކޮންމެ ކުއްޖަކަށް ދެމުން އައި އިނާޔަތް ވަނީ 3،000ރ. އަށް ބޮޑުވެފަ އެވެ. ހަތަރަކަށްވުރެ ގިނަ ކުދިން ތިބި ބެލެނިވެރިއެއްނަމަ ކުއްޖަކަށް އިތުރުވާ ކޮންމެ ކުއްޖަކަށް ދޭނީ 1،000ރ. އެވެ.
މިއަދު ގެނައި ބަދަލާއެކު ހަތަރު ކުދިންނަށްވުރެ ގިނަ ކުދިން ތިބި ނަމަވެސް އިތުރު ފައިސާއެއް ނުލިބޭނެ އެވެ. އިނާޔަތުގެ ގޮތުގައި ލިބޭނީ ހަތަރު ކުދިންނަށް، ކޮންމެ ކުއްޖަކަށް ދޭ 3،000ރ. އެވެ.
މިއާއެކު މަހެއްގެ މައްޗަށް ދެވޭ އެންމެ ބޮޑު އަދަދު އިއްޔެ 15،000ރ. އަށް ބޮޑުކުރި ނަމަވެސް މިއަދު އެ އަދަދު ވަނީ 12،000ރ. އަށް ކުޑަކޮށްފަ އެވެ. މިއާއެކު އަހަރެއްގެ މައްޗަށް ދޫކުރެވޭ އަދަދު 180،00ރ. އިން 144،000ރ. އަށް ވަނީ ކުޑަކޮށްފަ އެވެ.
މި ބަދަލު ގެނައި ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. މިކަމާއި ގުޅިގެން އެންސްޕާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
މި ފެށޭ ޖެނުއަރީ މަހުން ފެށިގެން އެކަނިވެރި މައިންނާއި ބަފައިންގެ އެލަވެންސް ބޮޑުކުރަން ނިންމަވާ ރައީސް މުހައްމަދު މުއިއްޒު އެކަން އިއުލާނުކުރެއްވީ މިދިޔަ އޮކްޓޯބަރު މަހު އެވެ. އެ ފައިސާ އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި ވެސް ވަނީ ހިމަނާފަ އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެކަނިވެރި ބެލެނިވެރިންނަށް ދޭ އިނާޔަތް ދޭންޖެހޭ 5،87 މީހުން މިވަގުތު އެބަތިއްބެވެ. މި އިނާޔަތް ބޮޑުކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ