މަޑަވެލީގައި ތަރައްޤީކުރާ 50 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށައިފި

ގދ. މަޑަވެލީގައި ތަރައްޤީކުރާ 50 ހައުސިންގ ޔުނިޓް މަޝްރޫއުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފްއެވެ.
މަޑަވެލީގައި އިމާރާތްކުރާ 50 ހައުސިންގ ޔުނިޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 06 ނޮވެމްބަރު 2025 ގައެވެ.
މަޑަވެލީގައި އިމާރާތްކުރާ 50 ހައުސިންގ ޔުނިޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން 3 ކޮޓަރީގެ 50 ހައުސިންގ ޔުނިޓް ޢިމާރާތްކުރެވިގެންދާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހެ ވުޒާރާއިން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކައުންސިލް މެންބަރުންނާއި މިމްސް ކޮންސްޓްރަކްޝަންގެ މެނޭޖިންގ ޑިރެކްޓަރު، ސަޢުދުﷲ ހިލްމީ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޑަވެއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުއާއެކު މި އާއިލާތައް ގެދޮރުވެރިކުރެވޭނެ ފުރުޞަތު ފަހިކޮށްދެވޭނެ ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ސަރުކާރުން މުހިއްމު އިސްކަމެއް ދެއްވާއިރު، މަޑަވެއްޔަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ދާއިމީ ޙައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަންވެސް އޭރު ރައީސް ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ