ބީއެމްއެލް ސަރަހައްދަށް މި ބަދަލު އައިމާ ދެން ވާނެ ގޮތް ހިޔާލުކޮށްލާ!

"މި މަގު ކިތައްމެހާ ވެސް މިހާރު ރީތި. މިއިން ޒަމާނަކު ވެސް މިވަރުގެ ތަރައްގީއެއް މި ތަނަކަށް ނާދޭ،" މުދާއުފުލާ ދޯންޏެއްގެ ކައްޕިއަކު ބުނެލި އެވެ.
ތ. އަތޮޅަށް ދަތުރުކުރާ އެ ދޯނި އަޅާފައި އޮތީ ނޯތު ހާބަރުގައި، ވަގުތީ މާރުކޭޓްގެ ކުރިމަތީގަ އެވެ.
ދޯންޏަށް މުދާ ބަރުކުރަން އަންނަ ފޯނުކޯލްތައް ނަގަމުން، ޖަވާބު ދެމުން އޭނާ ދިޔަ އެވެ. ދޯނީގެ ފަހަތުކޮޅުގައި ބަހައްޓާފައި ހުރި މޭޒު މަތީގައި އޮތް ފޮތުގައި، ބައެއް ފަހަރަށް، އެއްޗެހިތަކެއް ނޯޓުކުރެ އެވެ. އޭނާ ވަރަށް ބިޒީ އެވެ.
ރޯދަ ފެށެން ވާއިރަށް ބޮޑުތަކުރުފާނު މަގުގެ ދެވަނަ ސެގްމެންޓްގެ މަސައްކަތް އެމްޓީސީސީން ނިންމާލައި، ހުޅުވި އިރު، އެއީ ކުރީގެ ތޮއްޖެހިފައި އޮންނަ ކާރޫބާރޫ ބޮޑު ސަރަހައްދެއް ނޫނެވެ. މާލޭގެ ވިޔަފާރި ބަނދަރާ ހަމައަށް އެ މަގު ތަރައްގީކުރީ މޫދުން ހައެއްކަ މީޓަރު ވެސް ހިއްކައިގެންނެވެ. މަގު ފުޅާކޮށް، ހަތަރު ލޭން އަޅައި، ބާޒާރުމަތީގައި މިހާރު ވެހިކަލް އެ ދުއްވަނީ ދެކޮޅަށެވެ. މިއީ، ހަނދާންވާ ގޮތުން، އެ މަގުގެ ތާށިކަމާ ހެދި، މިދިއަ 25 ވަރަކަށް އަހަރު ވެސް އާންމުންނަށް ލިބުނު ފުރުސަތެއް ނޫނެވެ.
އެއީ ކުރިން ނަމަ މާލޭގެ އެންމެ އުނދަގޫ، އެންމެ ތޮއްޖެހުން ބޮޑު ސަރަހައްދެވެ.
ނަމަވެސް ސަރުކާރުން މިދިއަ އަހަރުގެ އޮގަސްޓް މަހު ފެށި 144 މިލިއަން ރުފިޔާގެ މަޝްރޫއުގައި މާލޭގެ އުތުރު ފަރާތުގެ މަންޒަރު މިހާރު އެ އަންނަނީ މުޅިން ބަދަލުކޮށްލަމުންނެވެ. ފުރަތަމަ ސެގްމެންޓްގައި ޖުމްހޫރީ މައިދާނުން ލޯކަލް މާރު ކޭޓާ ހަމައަށް ފުޅާކޮށްލި އެވެ. އެކި ރަށްރަށުން މާލެއާ ގުޅިފައިވާ ލޯންޗު ދަތުރުތަކުގައި އެތައް ލޯންޗެއް ފުރުމާއި އައުން އޮތީ ހިސާބުގަ އެވެ. ކުރިން ނަމަ އެއީ ވެސް ނުލާހިކު އުނދަގޫ، އަބަދު ތޮއްޖެހިފައި އޮންނަ ސަރަހައްދެކެވެ. މިހާރު ހުރިހާ ގޮތަކުން ވެސް ފަސޭހަ އެވެ.
އެމްޓީސީސީ އާއި ސަރުކާރުގެ ވެރިން ސިފަކުރަމުން އަންނަނީ މިއީ 'އިންގިލާބީ ތަރައްގީއެއް'ގެ ގޮތަށެވެ. އެ ވާހަކައާ މެދު އެއްވެސް ޝައްކެއް ނެތެވެ.
'ދައުރު'އާ ވާހަކަ ދެއްކި ކައްޕީގެ އެހެން ކަންބޮޑުވުންތަކާއި ޝަކުވާތައް އެބަ ހުއްޓެވެ. ނަމަވެސް މުޅި މަގަށް ގެންނަ މި ބޮޑު ބަދަލާ މެދު ރުހުމުގެ ލޮލަކުން ބަލައިލާ ނަމަ، މާލޭގެ މަލަމައްޗަށް މި އަންނަނީ، ސަަރުކާރަށް ކްރެޑިޓް ދޭން ޖެހޭވަރުގެ ރީތިކަމަކާއި ފަސޭހައެކެވެ.
ބާޒާރުމަތީ މަގު ހުޅުވުމަށް ފަހު އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ ދެން އޮތީ ޖުމްހޫރީ މައިދާނުގެ އިރުމަތީ ކޮޅުން ފެށިގެން ކާނިވާ ސަރަހައްދާ ހަމައަށް މަގު ފުޅާކުރުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ އަމާޒަކީ ކުރިއަށް އޮތް މޭ މަސް ނިމުމުގެ ކުރިން އެ ސަރަހައްދު ތަރައްގީކޮށް ހުޅުވުމެވެ.
އެއީ ރާއްޖޭގެ އެންމެ ބޮޑު ބޭންކް، ބީއެމްއެލް އާއި ބޭންކް އޮފް ސިލޯނު ފަދަ ދުވާލަކު އެތައް ސަތޭކަ ބަޔަކު ޒިޔާރަތްކުރާ ކުންފުނިތައް ހިމެނޭ ބިޒީ މަގެވެ. ބީއެމްއެލް ހެޑް އޮފީހުގެ ކުރިމަތީ ފަޅު ހާއްސަވަނީ ލޯންޗު ދަތުރުތަކަށެވެ. މަގު ބޭނުންކުރާ އުޅަނދުތަކާއި މީހުންގެ ނިސްބަތުން އެ މަގު މިހާރު އެ އޮތީ ފުރިފަ އެވެ.
އެއަށް ވުރެ އިރުމައްޗަށް ޖެހިލާއިރު ފަސް ތަރީގެ ހޮޓާ، ބާސެލޯ ނަސަންދުރަ ހުންނަ ހިސާބުގަނޑުގެ މަގު ވެސް އެ އޮންނަނީ ފުރިފަ އެވެ.
ދެން ހިޔާލަށް ގެނެސްބަލާށެވެ. ޖުމްހޫރީ މައިދާނާއި ލޯކަލް މާރުކޭޓް ސަރަހައްދުގެ މަގަށް މިހާރު އައިސް އެ އޮތް ބޮޑު ބަދަލު، ފުލުހުންގެ އިދާރާއިން ފެށިގެން އެމްޓީސީސީ ޓާމިނަލްއާ ހަމައަށް ދަމާލައި ނިމުމުން ފެންނާނެ ގޮތެވެ. ޔަގީނުން ވެސް، އެ ވާނީ އެހެން މާލެއަކަށެވެ. މިހާރުގެ ތޮއްޖެހުންތައް ނިމުމަކަށް އަންނާނެ އެވެ. ހަތަރު ލޭނުގެ މަގާއި ޕާކްކުރާނެ ޖާގަތަކެވެ. ހިނގާބިނގާވެ އުޅެން، ދެ ފަރާތުން ފުޅާ ދުވާރެކެވެ.
އިއްޔެ މެންދުރު، ބާޒާރުމަތިން ސައިކަލް ދުއްވީ ހަމަޖެހިލައިގެން އިނދެ އެވެ. އެކަމަކު ރައީސް އޮފީހާ ހަމައަށް ދެވުމާ އެކު އެ ފެށުނީ އާންމު ތޮއްޖެހުމެވެ. ސިޓީ ގާޑުން ރެސްޓޯރެންޓުން ފެށިގެން ދެ ފަރާތުގައި ސައިކަލްތައް ޕާކްކޮށްފަ އެވެ. ލޮރީ އާއި ޕިކަޕާއި ކާރާއި ސައިކަލްތައް ދެކޮޅަށް، ފިތިގެން، ހުއްޓެމުން، ނައްޓަމުން، ދުއްވަނީ އެވެ. 
އެ ތޮއްޖެހުން މާޒީގެ ބަޔަކަށް ވާނީ މާލޭގެ މަލަމަތި ބަދަލުކޮށްގެންނެވެ. އެ ބަދަލު އެ އަންނަނީ މިހާރު އެ ހިންގާ މަޝްރޫއުގަ އެވެ. ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް ޖޫން މަހު އެ ބަދަލުގެ މަންޒަރު ފެންނާނެ އެވެ.
"އަހަރެން ނުދައްކަމެންނު އެއްވެސް ގޯސް ވާހަކައެއް،" އޭނާގެ ހުރި ހިތްހަމަނުޖެހުންތައް ކިޔައިދީފައި، ނޫހުގައި ނަން ޖަހަން އެދުމުން ކައްޕި ބުންޏެވެ.
'އެކަމަކު ނަން ޖަހާނެ ކަމެއް ނެތް."
އޭނާ ދެއްކީ މަގު ކިތައްމެ ރީއްޗަސް، ކިތައްމެ ބޮޑު ތަރައްގީއެއް މަގަށް އައިސް އޮތަސް، މުދާ އުފުލާ ކަނޑު އުޅަނދުފަހަރުގެ މީހުންނަށް މިހާރު ވާނުވާ ނޭނގޭ ވާހަކަ އެވެ. ނޯތު ހާބަރުގެ ތޮށިގަނޑު ކައިރީގައި އުޅަނދެއް އެޅޭނީ އެމްޕީއެލްއިން ހުއްދަ ލިބި، ކިއު ތަރުތީބުންނެވެ. އުޅަނދުގެ ފުޅާމިނަށް ބަލާފައި އަގު ނަގަ އެވެ.
"މިހާރު އެ ނަގާ އަގާ މެދު އަހަރެންގެ މައްސަލައެއް ނެތް. އަގު ރަނގަޅު،" ކައްޕި ބުންޏެވެ.
ނަމަވެސް މައްސަލައަކީ މަގު ތަރައްގީކުރި ފަހުން މުދާ ބަރުކުރަން ދިމާވާ މައްސަލަތަކެވެ. މުދާ ހިފައިގެން ޕިކަޕް ނުވަތަ ލޮރީއެއް ކައިރިިކޮށްލާ އިރަށް، ބައެއް ފަހަރަށް ފުލުހުން އައިސް އެކަން މަނާކުރެ އެވެ. އޭނާ ކިޔައިދިން ގޮތުގައި ފުލުހުން އަންގަނީ މަގު ބެލެހެއްޓުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ.
"ދޯނި ބަރުކުރަން ކިތައްމެހާ ވެސް އުނދަގޫ. މި މަގުގެ ވެރިންނަކީ ކޮބައި ކަމެއް ނޭނގިފައި މި ތިބީ. އެމްޕީއެލްއިން ކިއު ނަންބަރު ދީގެން މި ތަނުގައި މި އޮންނަނީ މުދާ ބަރުކުރަން. އެކަމަކު ޕިކަޕެއް ކައިރިކޮށްލާއިރަށް އަންނަނީ ފުލުހުން،" އޭނާ ބުންޏެވެ.
"މަގު ހުޅުވި ފަހުން ހަމަ ވާނުވާއެއް ނޭނގޭ އަހަރެމެންނަކަށް. ވަރަށް އުނދަގޫ. އެކަމަކު މަގު ޗާލު، ނަލަ. މިއިން ޒަމާނަކު ވެސް މިވަރުގެ ތަރައްގީއެއް ނުދެކެން."
'ދައުރު'ގެ ނޫސްވެރިން އެ ހިސާބަށް އިއްޔެ ދިޔައީ ހެނދުނު 11 ޖަހާކަންހާއިރު އެވެ. އޭރު ފުލުހުންނެއް ނެތެވެ. އުޅަނދުތަކަށް މުދާ ހިފައިގެން އައިސް އޮތް ޕިކަޕްތަކާއި ލޮރީތަކުން މުދާ ހުސްކުރެ އެވެ. އެހެންކަމުން ކައްޕި އެ ފާޅުކުރީ ވަކި ވަގުތެއްގައި ޕިކަޕާއި ލޮރީއަށް އެ ހިސާބުގައި މަޑުނުކުރެވޭކަމުގެ ޝަކުވާ އެވެ.
ނަމަވެސް އެމްޕީއެލް އާއި ފުލުހުން ގުޅިގެން އެ މައްސަލަ ހައްލުކުރެވޭނެ އެވެ. ވާނުވާ ކިޔައިދޭންވީ އެވެ. ޕިކަޕާއި ލޮރީތައް މަޑުކުރަން ވަކި ވަގުތެއް އޮންނަ ނަމަ އެކަން ވެސް ބުނެދޭންވީ އެވެ.
މަގު ފުޅާކުރުމުން ލިބޭ ފަސޭހަ ކަނޑު އުޅަނދުފަހަރުގެ ފަޅުވެރިންނަށް ވެސް އޮންނަން ޖެހޭނެތާ އެވެ. އެއީ އަދި ހުރިހާ ކަމެއް އިންތިޒާމް ނުވެގެން ދިމާވާ މައްސަލައެއް ކަމަށް ވެދާނެ އެވެ. 
ނަމަވެސް ކޮންމެވެސް ޝަކުވާއެއް ނެތް ގޮތަކަށް އެއްވެސް ކަމެއް ކުރިއަކަށް ނުގެންދެވެ އެވެ. ބާޒާރުމަތީގެ މަގު ހަދަން އެތަނުގެ ގަސްތައް ނެގުމުން ވެސް ބައެއް މީހުން ކުރަން ފެށީ ޝަކުވާ އެވެ.
މަގުގެ ތިންވަނަ ސެގްމެންޓްގެ މަސައްކަތް ފެށުމުން ވެސް އެ ޝަކުވާތައް އުފެދޭނެ އެވެ. އެކަމަކު މިހާރު ބޮޑުތަކުރުފާނު މަގަށް އެ ގަންނަ ބަދަލަށް ބަލާ ނަމަ މިހާރު އެ ހުރި ގަސްތައް އެގޮތަށް ބަހައްޓައިގެން ތަރައްގީއެއް ނުކުރެވޭނެ އެވެ. މަގު ނިންމާފައި ފެހިކަން އަލުން ގެނައުން ނޫން ގޮތެއް އޮތް ކަމަކަށެއް ނުފެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ