ކިތަންމެ ވަރަކަށް ބިރުދައްކައި އިންޒާރު ދިން ނަމަވެސް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހުބުގައި ހަނިމާދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔޫޑީސީ) ގެ ގޮނޑިތައް ކާމިޔާބުކުރާނީ އެމްޑީޕީން ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ. ރޭގެ އެކްސްގައި އާންމުކުރި މި ވީޑިއޯގައި ޝާހިދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވަޒީފާގެ ބިރުވެރިކަން އުފައްދަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
ޝާހިދު ވިދާޅުވީ، އޭނާގެ ފަހަތުން އެ ފެންނަނީ އެމްޑީޕީގެ ސަރުކާރުން ބިނާކުރި ފަހުރުވެރި ހަނިމާދޫ އެއާޕޯޓު ކަމަށާއި، ނަމަވެސް މިއަދު އެތަނުގެ މުވައްޒަފުން ވަނީ "ވަޒީފާގެ އަޅުންނަށް" ހަދާފައި ކަމަށެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ބިރު ދެއްކުމަށްޓަކައި އެއާޕޯޓުގައި ވަޒީފާ އަދާކުރާ ގިނަ ބަޔަކަށް ބިރު ދައްކަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"ކިތަންމެ ބިރު ދެއްކިޔަސް، ކިތަންމެ ވަރަކަށް އިންޒާރު ދިނަސް މިފަހަރު މި ކައުންސިލްގެ ގޮނޑިތައް ކާމިޔާބުކުރާނީ ހަމަ އެމްޑީޕީ،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ އަރިހުގައި ހަނިމާދޫ ކައުންސިލަށާއި ޑަބްލިޔޫޑީސީއަށް ކުރިމަތިލައްވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓުން ތިއްބެވިއިރު، އޭނާ ވަނީ އެ ބޭފުޅުންނަކީ "ހިތްވަރުގަދަ ފަހުލަވާނުން" ގޮތުގައި ސިފަކުރައްވާފައެވެ. އަދި ހަނިމާދޫގެ ރައްޔިތުން ވަޒީފާގެ ބިރުފަހަނައަޅައި ނުކުމެ، މި ރާއްޖެ ސަލާމަތް ކޮށްދިނުމަށް ޝާހިދު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ހަނިމާދޫގެ އިތުރުން އެހެން ބައެއް ރަށްރަށުގައި ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ތުހުމަތު ކުރެވެ އެވެ. އަދި ރަށްރަށުގައި ތިބި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއިދު ނުކުރާނެ ކަމަށް ބެލެވޭ މުވައްޒަފުން އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ވޯޓުލުމަށް އެހެން ރަށްރަށް ބަދަލު ކުރަމުންދާ ކަމަށް މި ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.
ވަޒީފާގެ ބިރު ދެއްކިޔަސް ހަނިމާދޫ ކައުންސިލް އަދި ޑަބްލިޔޫޑީސީގެ ގޮނޑިތައް ކާމިޔާބުކުރާނީ އެމްޑީޕީން: ޝާހިދު ވަޒީފާގެ ބިރު ދެއްކިޔަސް ހަނިމާދޫ ކައުންސިލް އަދި ޑަބްލިޔޫޑީސީގެ ގޮނޑިތައް ކާމިޔާބުކުރާނީ އެމްޑީޕީން: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ