އުމުރުން ޅަ ދުވަސްވަރު ގަލޮޅު ދަނޑުގެ ބޯލްބޯއީ އަކަށް އުޅުނުއިރު ފުޓްބޯޅައިގައި އިސްމާއިލް ރިޔާޒް (ރިޔާ)ގެ ހުވެފަނަކީ މޮޅު ކުޅުންތެރިއަކަށް ވުމެވެ. އެ ހުވަފެނުގައި، އެންމެ ބޭނުންވި ގޮތަށް ކުލަ ނުޖެހުނު ކަމުގައި ވިޔަސް، ފުޓްބޯޅައިގެ އެންމެ މަތީ ހަރުފަތަށް ދިއުމަށްޓަކައި، އެޑްމިނިސްޓްރޭޝަންގެ މަސައްކަތްތަކުގެ ތެރެއިން ރިޔާޒް ދިޔައީ ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުންހިފަމުންނެވެ. އޭގެ ނަތީޖާ އަކަށްވީ، މި އަހަރުގެ ޖެނުއަރީ މަހު، ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ މެޗު ކޮމިޝަނަރަކަށް ވުމުގެ ފުރުސަތު އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީގެ ފަރާތުން ރިޔާޒަށް ލިބިގެންދިއުމެވެ.
ފުޓްބޯޅައިގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) އާއި އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި ވެސް ކުޅުމުގެ ކެރިއަރުގެ ދުވަސްތައް ހޭދަކޮށްފައިވާ ރިޔާޒް، ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޓިވް މަސައްކަތުގެ ތެެރެއަށް ނުކުތީ 2012 ގަ އެވެ. އެއީ، ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ، ގައުމަށް ބޭނުންތެރި ހިދުމަތެއް ކޮށްދޭން އަބަދުވެސް ބޭނުންވާތީ އެވެ.
ކުޅުމުގެ ތެރެއިން ކާމިޔާބު ފުޓްބޯޅަ ކެރިއަރެއްގެ އުންމީދުގައި ހުރި ރިޔާޒްގެ ހުރިހާ ކަމެއް ފަހުން ބަދަލުވީ ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޝަނުގެ ތެރެއަށް.--- އަދަދު ސްޕޯޓްސް ގްރެފިކްސް: އިސްމާއިލް އިމްދާދު
އެ ގޮތުން، އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުގައި މަސައްކަތް ފަށައިގެން، ރިޔާޒް އައީ، 2015 އިން ފެށިގެން ރާއްޖޭގެ މުބާރާތްތަކުގެ މެޗު ކޮމިޝަނަރުކަން ކުރަމުންނެވެ. ޅަ އުމުރުގައި ޒިންމާ ބޮޑު އެތައް ކަމެއް ބޮލުގައި އަޅައިގެންނެވެ. އެ މަސައްކަތުގައި ކުރިއެރުން ހޯދައި، 2018 އިން ފެށިގެން ފުރަރަމަ ޑިވިޝަނުގެ މެޗުތަކުގައި ވެސް ރިޔާޒް މެޗު ކޮމިޝަނަރުކަން ކުރަން ފެށި އެވެ. ރިޔާޒަށް ލިބެމުން އައި އެންމެ ބޮޑު ހިތްވަރަކީ އެކުގައި މަސައްކަތްކުރަމުން އައި އެފްއޭއެމް ސްޓާފުންގެ އެއްބާރުލުމެވެ.
އޭއެފްސީ ޓްރެވަލް ވިކި ޕޭޖް އިނީޝިއޭޓިވް އިން ހުޅުވާލި ފުރުސަތެއްގައި ބައިވެރިވެ، ރިޔާޒް ބޭނުންވީ ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޓިވް މަސައްކަތުގެ ތެރެއިން އިތުރު ފުރުސަތު ހޯދުމަށެވެ.
އެ ގޮތުން، އޭއެފްސީގެ މި އިނިޝިއޭޓިވްގެ ތެރެއިން ފަހިވި ފުރުސަތުގައި، އޭއެފްސީން ވަނީ ރިޔާޒަށް މި އަހަރުގެ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގައި މެޗު ކޮމިޝަނަރުކަން ކުރަން ފުރުސަތު ދީފަ އެވެ. ރިޔާޒުގެ އަތުގައި ނަސީބު ހިފީ އެތައް އަހަރެން ވަންދެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ހެދުމަށެވެ.
މިދިޔަ ޖެނުއަރީ މަހުގެ 6-24 އަށް ކުރިއަށްދިޔަ، އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގައި ރިޔާޒް ވަނީ ޖުމްލަ 10 މެޗުގައި މެޗު ކޮމިޝަނަރުކަން ކޮށްފަ އެވެ. މީގެ އިން ކޮންމެ މެޗަކީ ވެސް ބޮޑު ފިލާވަޅުތަކެއް ލިބުނު ވަގުތުތަކެކެވެ. ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޝަން ދާއިރާއިން ކުރިއަށްދިއުމުގެ އަމާޒުގައި ހުރި ރިޔާޒަށް ބޮޑު ތަޖުރިބާ އެކެވެ.
"ހަގީގަތުގައި ވަރަށް ބޮޑު ފުރުސަތެއް މި ލިބުނީ. ވަރަށް އުންމީދުކޮށްގެން ހުރި ކަމެއް މިވީ، ވަރަށް ވަރުގަދަ މެޗުތަކުގައި މަސައްކަތްކޮށްލަން ލިބުނު، ހާއްސަކޮށް ފާހަގަކުރަން ޖަޕާނާއި ވިއެޓްނާމް ޕެނަލްޓީ އަށް ދިޔަ މެޗު، އެއީ ވަރަށް ރަނގަޅު މެޗެއް އެއީ މަސައްކަތް ކޮށްލެވުނު،" އޭޝިއާގެ އަރަމުން އަންނަ ޖީލުގެ މުބާރާތުގެ މެޗުތަކުގައި މަސައްކަތް ކުރަން ލިބުނު ތަޖުރިބާ، "އަދަދު ސްޕޯޓްސް" އަށް ހިއްސާކުރަމުން ރިޔާޒް ބުންޏެވެ.
އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގައި އެކި ގައުމުތަކުން އައިސް މަސައްކަތްކުރި ފަރާތްތަކާ އެކު ރިޔާޒް (ވ.3) ފޮޓޯ އަކަށް ހުއްޓިލައިގެން.
ރިޔާޒް ބުނީ، އޭޝިއާގެ ވަރުގަދަ އެކި ގައުމުތަކުގެ ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޝަނުގައި އުޅޭ ފަރާތްތަކާ އެކު، ސައުދީ އަރަބިއްޔާގައި އެ މަސައްކަތް ކުރަން ޖެހުނު މުއްދަތުގައި، އެ ޕްރޮޖެކްޓްގެ ތެރޭގައި ގިނަ ބަޔެއްގެ އެހީތެރިކަން ލިބިގެންދިޔަ ކަމަށެވެ. އެކި ގައުމުތަކުގައި، ތަފާތު މާހައުލުތަކުގައި، އެ ފަރާތްތަކުން ކޮށްފައިވާ ތަޖުރިބާތައް ހިއްސާކުރި ކަމަށެވެ.
"އެންމެން ވެސް ވަރަށް އެހީވި ހަގީގަތުގައި. ކިޔައިދޭ ވަރަށް އެއްޗެހި، މި ކަހަލަ ފުރުސަތެއްގެ މުހިންމުކަން އަދި މީގެ ބޭނުންހިފޭނެކަން މި މުބާރާތުގެ ތެރޭގައި އެނގިގެންދިޔަ،" ރިޔާޒް ބުންޏެވެ.
މެޗު ކޮމިޝަނަރަކަށް ވުމަށްޓަކައި، ރިޔާޒް އައިޑޮލައިޒްކުރާ ނޫނީ އެ ބަޔެއްގެ މަސައްކަތުން އިބުރަތް ހޯދާ ދެ ފަރާތެއް ވެ އެވެ. އެއީ، އޭއެފްސީ/ފީފާގެ ވަރުގަދަ މެޗުތަކުގައި މެޗު ކޮމިޝަނަރުކަން ކޮށްފައިވާ ރާއްޖޭގެ ފުޓްބޯޅައިގެ ދެ ސަހުސިއްޔަތުން ކަމަށްވާ އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ) އާއި އަހުމަދު ޝާހިރު އެވެ.
މި އަހަރު ތައިލެންޑުގައި ކުރިއަށްދިޔަ، ދެކުނު އޭޝިއާގެ ފުރަތަމަ ފުޓްސަލް މުބާރާތް، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި މެޗު ކޮމިޝަނަރެއްގެ ގޮތުގައި ހަރަކާތްތެރިވި ޝާހިރު، އެ މުބާރާތުގެ ތެރެއިން، "އަދަދު ސްޕޯޓްސް" އަށް ބުނީ، ރިޔާޒަށް އެ ލިބުނު ފުރުސަތަކީ ހަގީގަތުގައި ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޝަނުގައި އުޅޭ ޒުވާނުން މަސައްކަތްކޮށްފިނަމަ ކުރިއަށްދިއުމަށް ފުރުސަތު ލިބޭނެ ކަމުގެ ހެއްކެއް ކަމަށެވެ.
ޝާހިރުގެ އުންމީދަކީ ރިޔާޒަށް އިތުރު ފުރުސަތުތައް ލިބި ކުރިއަށްދާން މަގުކޮށިގެން ދިއުން ކަމަށް ވެސް ފާހަގަކުރި އެވެ.
ރިޔާޒް ބުނީ، ޝާހިރު އާއި އައްޑޯގެ އެހީތެރިކަން އަބަދުވެސް ލިބޭ ކަމަށެވެ.
"އަބަދުވެސް އެ ދެ މީހުން (އައްޑޯ އާއި ޝާހިރު)ގެ އެހީތެރިކަން ލިބޭ، ބުނެދޭ ވަރަށް އެއްޗެހި، ވަރަށް ބޭނުންހިފޭ އޭގެ،" ރިޔާޒް ބުންޏެވެ.
ގިނަ އަހަރުތަކެއް ވަންދެން، ފާހަގަކޮށްލެވޭ ބޮޑެތި ގިނަ މެޗުތަކުގައި މެޗު ކޮމިޝަނަރުކަން ކުރައްވާފައިވާ އައްޑޯ ވަނީ އެ މަސައްކަތުން މިދިޔަ އަހަރަށް ފަހު ރިޓަޔާކުރައްވައިފަ އެވެ. އެހެންކަމުން، ރިޔާޒް ފަދަ ކުރިއަރަމުން އަންނަ ޒުވާން މެޗު ކޮމިޝަނަރުންނަކީ، ކުރިއަށް އޮތްތަނުގައި، ރާއްޖެ އަށް މި ދާއިރާގައި ކުރިއެރުން ހޯދައިދެވޭނެ ފަރާތްތަކެވެ.
"އައްޑޯ އަކީ ރޯލް މޮޑަލް. އަބަދުވެސް ވަރަށް ބޭނުންވި އެ ފަދަ މެޗު ކޮމިޝަނަރަކަށް ވާން. އޭއެފްސީގެ މުބާރާތެއްގައި މަސައްކަތްކޮށްލަން. އެ ފުރުސަތު ލިބުމުން، މިހާރު ދެން، ކުރިއަށް ވިސްނުން ހުރީ،" މި ވަގުތު ވެސް އެފްއޭއެމްއާ އެކު ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޝަނުގެ މަސައްކަތުގައި ބައިވެރިވަމުން އަންނަ ރިޔާޒް ބުންޏެވެ.
ސައުދީގައި ކުރިއަށްދިޔަ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ތެރެއިން ރިޔާޒް ނަގާފައިވާ ފޮޓޯއެއް.--
އޭއެފްސީން ލިބުނު ބޮޑު ފުރުސަތު، ރިޔާޒްގެ ކެރިއަރު އާ ހަރުފަތަކަށް އޭއެފްސީން ލިބުނު ބޮޑު ފުރުސަތު، ރިޔާޒްގެ ކެރިއަރު އާ ހަރުފަތަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ