ބޯހަމަޖައްސާލަން އިޖުތިމާއީ ރާޒުވާ ގަނޑެއްގެ ތެރެއަށް

މިއީ މުޅިން ވެސް ކަންބޮޑުވާ ޒާތުގެ ހަބަރުތަކުގެ ދުވަސްވަރެވެ.
ފިކުރުކުރަން ޖެހޭ ކަހަލަ ބޮޑެތި މައްސަލަތަކެވެ.
ކުރިން ނަމަ އިޒުރޭލުން ގާޒާ ބިމާހަމަކޮށް ފަލަސްތީނުގެ ރައްޔިތުން ހާލުގައި ޖެއްސި ގޮތެވެ. އޭގެ ތެރެއަށް އެމެރިކާ އާއި އިޒުރޭލު ގުޅިގެން އީރާނަށް ދިން ހަމަލާތަކެވެ. މިހާރު އީރާނާ ދެކޮޅަށް އަނެއްކާ އިޒުރޭލާއި އެމެރިކާއިން ފެށި ހަނގުރާމަ އެވެ. އެ ހަނގުރާމައިގައި ބަދަލު ހިފަން އީރާނުން، އަވަށްޓެރި އަރަބި ގައުމުތަކަށް ފޮނުވަމުން ދާ މިސައިލް އާއި ޝަހީދު ޑްރޯންތަކެވެ.
ދުނިޔޭގެ މި ބޮޑު ހަމަނުޖެހުންގަނޑާ އެކު އަހަރެމެންގެ ދިރިއުޅުން ވެސް ފާޑެއްގެ ޑިޕްރެސްގަނޑެއްގެ ތެރެއަށް ވަދެއްޖެ އެވެ. 
ރާއްޖެއަށް ތެޔޮ ލިބޭނެ ހެއްޔެވެ؟ ޓޫރިސްޓުން އަންނާނެ ހެއްޔެވެ؟ އަނގަ އާއި އަތާ ދިމާވާނެ ހެއްޔެވެ؟ 
ހައްތަހާ ވެސް ފިކުރުގެ އުދާސްތަކެވެ.
ޔަގީނުން ވެސް ސޯޝަލް މީޑިއާ ހުޅުވާލައިފި ނަމަ ފެންނާނީ އަނެއްކާވެސް އޭގެ މަންޒަރުތަކެވެ. އޭގެ ޒުވާބުތަކެވެ. އެމީހަކަށް ލިއެވުނު އެއްޗެއް ލިއެ، ލައިކްސް ގިނަކޮށް، ސޯޝަލް މީޑިއާގައި ތިމާގެ 'ގަދަކަން' ދައްކަނީ އެވެ. އެހެން މީހުންގެ ޖަޒުބާތުތަކާ ކުޅެނީ އެވެ.
ނޫސްވެރިޔަކަށް ވާތީ ކިޔަން ޖެހެ އެވެ. ބަލަން ޖެހެ އެވެ. އެކި ކޮޅުކޮޅުން މައުލޫމާތު ހޯދައި، ތެދާއި ދޮގު ވީހާވެސް ބޮޑަކަށް ވަކިކުރެވޭތޯ އުޅެން ޖެހޭނެ ވެސް މެ އެވެ. އެކަމަކު ސިކުނޑިއަށް ކެތްނުވާވަރު ވުމުގެ ކުރިން ސަލާމަތްވާނެ ގޮތެއް ވެސް އޮންނަން ޖެހޭނެތާ އެވެ. 
ކުޑަކުޑަ ވަގުތުކޮޅަކަށް ނަމަވެސް ސަލާމަތްވުމުގެ ފުރުސަތެކެވެ. ނަސީބެކެވެ.
ހުޅުމާލޭގެ ނިރޮޅު މަގު އުތުރުކޮޅަށް ނިމޭ ހިސާބުގައި ހުންނަ 'ޓީ ހަޓް' ހޮޓަލުގެ ކުރިމަތީގައި ފިރިހެނުންތަކެއް ދެ ގްރޫޕަކަށް ބޮނޑިވެގެން ތިއްބެވެ. ސައިކަލް ބަހައްޓާފައި ގޮސް އެމީހުންގެ ތެރެއަށް ވަދެއްޖައީމެވެ.
ޒުވާބެއް ހިނގަނީކީ ނޫނެވެ. ސިޔާސީ ބަހުސެއް ވެސް ނެތެވެ. މީހުން އެއްވެފައި ތިބީ ރާޒުވާގެ ވާދަވެރިކަމުގަ އެވެ. ހޮޓަލުގެ ކުރިމަތިން ދެ ފަރާތުގައި ދެ ރާޒުވާގޮނޑި އެވެ. ކުޅޭ ދެ މީހުންނާއި ކުޅެން ބޭނުން މީހުންނެވެ. ލަފާދޭ މީހުންނާއި އެއްޗެކޭ ނުބުނެ ވިސްނަން ތިބި މީހުންނެވެ.
ވެމްކޯގެ އަންހެން މުވައްޒަފުންތަކެއް ދުވާރުމަތި ކުނިކަހަމުން ވެސް ދިޔަ އެވެ. ބަލަން ހުރި މީހެއްގެ ފައިގައި އެތަނުން އަންހެނެއްގެ ފިހިގަނޑުން ޖެހުނެވެ.
"ސޮރީ، ސޮރީ،"އޭ އަންހެން މީހާ ބުންޏެވެ. ކުނިތައް ނަގައިގެން އޭނާ ދުރަށް ދިޔައީ އެވެ.
"މިއަށް ވުރެ ގިނައިން މަގުމަތި ކުނިކަހާ ތަނެއް ދުނިޔޭގައި ނޯންނާނެ،" ފިހިގަނޑުން ފައިގައި ޖެހުނު މީހާއާ ދިމާއަށް އެހެން މީހަކު ބުންޏެވެ.
"ވަޒީފާ ގިނަވާނެއެއްނު. އެއް ބަޔަކު ކުނި އަޅާއިރު އަނެއް ބަޔަކު ތިބެން ޖެހޭނީ ކުނިކަހަން. ރަނގަޅު،" އެމީހާ ބުންޏެވެ.
ދެން އޭނާ އެނބުރުނީ ރާޒުވާ ކުޅިގަނޑަށެވެ. ވާހަކަދެއްކީ ރާޒުވާއަށް ވެސް މޮޅު މީހެކެވެ. އޭނާ ބަލިކުރެވޭ ކަހަލަ ކުޅުންތެރިން ރާއްޖޭގައި މަދުވާނެ ކަމަށް، އެތަނުގައި ހުރި ރައްޓެއްސަކު އަހަރެން ކައިރިގައި ބުންޏެވެ.
އިރުކޮޅެއް ފަހުން އޭނާ ރާޒުވާގޮނޑީގެ އެއްކޮޅުގައި އިށީންދެއްޖެ އެވެ. ތެދެކެވެ. މޮޅެވެ. އެއްގަނޑު ނިންމާލީ، 'އެކެއް، ދޭއް، ތިނެއް، ހަތަރެއް، ފަހެއް،" ކިޔާލައިފަ އެވެ. އިދިކޮޅުގައި އިން ކުޅުންތެރިޔާއަށް، އެ ފަސް ކުޅީގެ ކުރިމަތީގައި، ނޭވާލާން ވެސް ފުރުސަތު ނުދިނެވެ.
"ލަސްކުރާނެ ކަމެއް ނެތް. މަށަކަށް ފަހަތަކަށް ނުކުޅެވޭނެ. ފަހަތަށް ކުޅުމުގެ ބައި އޮތީ ގެންގޮސްފައި،" ކުޅުމުގެ ތެރޭގައި އޭނާ ބުންޏެވެ.
ދެ ގަނޑު ނިންމާފައި އެހެން ދެ މީހުންނަށް ފުރުސަތު ދިނެވެ.
އެތަނަށް ޖަމާވެފައި ހުރި ކޮންމެ މީހަކު ވެސް ރާޒުވާ ދެކެ ލޯބިވެ އެވެ. ކޮންމެވެސް ފެންވަރަކަށް ކުޅެ އެވެ. ބައެއް މީހުންގެ ކުޅުންގަނޑު ލަހެވެ. ވިސްނަން ވަގުތު ނަގަ އެވެ. އަނެއް ބައި މީހުން އަވަހެވެ. ކުޅިތަކުގެ އެތުރުންގަނޑު ދާ ދިމާ ކުރިއާލައި ލަފާކުރެ އެވެ. 
"އެއްކޮޅަށް ދިޔަ ޖަމާވަނީ، ގޮތެއް ހަދާބަލަ ދެން،" ގިނަ ކުޅިތަކެއް އެއްފަރާތަކަށް ޖައްސަމުން ދިޔަ ކުޅުންތެރިޔަކާ ދިމާއަށް މީހަކު ބުންޏެވެ.
"އަދި ނެތެއްނު ގޮތެއް ހެދޭކަށް،" ކުޅުންތެރިޔާ ޖަވާބުދިނެވެ.
ކައިރީގައި ތިބޭ މީހުން އެއްޗެކޭ ބުނެގެން ހިތްހަމަނުޖެހުމެއް ނޯވެ އެވެ. އެއީ އެއްވާ އެންމެންގެ ކުޅުންގަނޑެއް ފަދަ އެވެ. އެމީހަކަށް ފެންނަ އެއްޗެއް ބުނެވޭނެ އެވެ. ލަފާ ދެވޭނެ އެވެ. އެކަމަކު ކުޅިބަލާ މީހުން ބައެއް ފަހަރަށް ހިޔާލު ތަފާތުވެ، ކުޑަކޮށް ހޫނު ވެސް ވެ އެވެ.
އެއް ކުޅިގަނޑު ނިމެމުން ގޮސް އެކެއްގެ އިނީ މަނާއަކާއި ބޮޑުބޯއަކާއި ބޮނދެވެ. އަނެކަކުގެ އަތުގައި އަހަކާއި ބޮނދެވެ.
މަނާ ކުރިއަށް ގުނޑުވާނުލާތީ، ބެލުންތެރިޔަކު އަނގަ ކޮއްޕާލި އެވެ. 
"ތި މަނާ ކުރިއަށް ޖައްސަ ބަލަ،" އޭނާ ބުންޏެވެ.
އެތަނުގައި ހުރި ޒުވާނަކު ބުނީ މަނާއަށް ފުރުސަތު ނެތް ކަމަށާއި އަހުން އެ ޖަހާނެ ކަމަށެވެ. ކަންތައް ވީ އެހެންނެވެ. މަނާ ކުރިއަށް ޖައްސާނެ ޖާގައެއް ނުދިނެވެ. މެޗު ނިމުނީ އެވެ.
"މަނާ ޖެއްސޭނެ،" ކުޅިގަނޑު ނިމުމުން ވެސް އެމީހާ ބުންޏެވެ. ޒުވާނާ ދުލެއް ނުކުރި އެވެ.
"ބޭބޭ، މި ބުނީނު ނުޖެއްސޭނޭ، ޖެއްސި ނަމަ މަނާގެ ދުވަސް ދާނެ،" ޒުވާނާ ބުންޏެވެ.
"އަހަރެން 17 އަހަރު ވެއްޖެ ރާޒުވާ ކުޅޭތާ،" އިތުރަށް ކުޅިބަލަން ނުހުރެ ސައިކަލާ ދިމާއަށް ދަމުން ބުންޏެވެ.
"ސަތާރަ އަހަރު ވިޔަސް އެ ކުޅިއެއް ނުކުޅެވޭނެ،" ޒުވާނާ ރައްދުދިނެވެ.
މައްސަލައެއް ނެތްތާ އެވެ. ރާޒުވާގެ ހިޔާލު ތަފާތުވުންތަކެވެ. ދިރިއުޅުމުގައި ހުރި ކަންބޮޑުވުންތަކުގެ ޒުވާބެއް ނެތެވެ. ދުނިޔޭގައި ހިނގަމުންދާ ހަނގުރާމައިގެ ވާހަކައެއް ވެސް ނާދެ އެވެ.
"ކުޅުންގަނޑު ކުރިއަށް ދާނެ 1:30 ވަންދެން ވެސް،" ރާޒުވާގެ ފޯރިގަނޑާ ބެހޭ ގޮތުން އަހަންނާ ވާހަކަ ދެއްކި އެކަކު ބުންޏެވެ.
"ކޮންމެ މީހަކު ވެސް ޖާގަ ހޯދާފައި އިށީންނަންވީ."
މާލޭގެ އެކި ތަންތަނުގައި ވެސް އިޖުތިމާއީ ރާޒުވާ ކުޅުން އޮވެ އެވެ. މިސާލަކަށް ހެންވޭރު ދަނޑު ކައިރީގައި ހުންނަ 'މަގުކޮޅު' ހޮޓަލުގެ ކުރިމައްޗެވެ. ބޮޑު ގުދަނެއްގެ ބޭރުގައި ރޭގަނޑު ރާޒުވާ ކުރިއަށް ގެންދެ އެވެ.
މިއީ މާ ކުރިންސުރެ ފެށިފައި އޮތް ކުޅިވަރު އެއްވުމެއްގެ ނުނިމޭ ގުޅުންތަކެވެ. މިސާލަކަށް 1980 އާއި 1990ގެ އަހަރުތަކުގައި 'މާކަރީ ލައިޓް' ހޮޓަލުގެ މައިޒާނެވެ. އެ ހޮޓާ ހުރި ތަނުގައި މިހާރު ހަދާފައި އެހުރީ ސަންފްރޮންޓް ލިވިން އިމާރާތެވެ. 'މާކަރީ ލައިޓް'ގެ ރާޒުވާ އެއްވުން އޭރު ވަރަށް މަޝްހޫރެވެ. އެއީ އެހާމެ ބޮޑު މަޖާގަނޑެއް ވެސް މެ އެވެ. މޮޅު ރާޒުވާ ކުޅުންތެރިންތަކެއް ވެސް އުފެއްދި އެވެ.
މީގެ އިޖުތިމާއީ ބަޔަކީ އެއްވާ މީހުންގެ މެދުގައި އުފެދޭ ގުޅުމެވެ. ރާޒުވާގެ ތެރެއަށް ވަދެވުމުން ދިރިއުޅުމުގެ މައްސަލަތަކުން ދުރުވެލެވެ އެވެ. ހިތްހަމަޖެހުން ހޯދައިގަނެވެ އެވެ. ސިކުނޑިއަށް ތާޒާކަން ވެސް ލިބޭނެތާ އެވެ.
މިހާރުގެ ދިރިއުޅުމަށް ބަލާ ނަމަ މިކަހަލަ އެއްވުންތަކާއި ވާދަކުރުންތަކުގެ ބޭނުން ވަރަށް ވެސް މުހިންމެވެ. ކުރީގައި ނުވެސް އެނގޭ ނަންނަން ކަމަށްވާ 'އެންޒައިޓީ' އާއި 'ޑިޕްރެޝަން' މިހާރު މި އޮތީ ދިރިއުޅުމުގެ ބަޔަކަށް ވެފަ އެވެ. ޑިޕްރެސް ނުވާ ކުއްޖަކު، މީހަކު އުޅޭ ކަމަކަށް ނުވެ އެވެ. އެހާ ވެސް ނަފުސާނީ ބަލިތައް ގިނަވެ، ފިކުރު ބޮޑުވެއްޖެ އެވެ.
ދުނިޔޭގައި ހިނގާ ކަންކަމުގެ އަސަރުތަކެވެ. ސޯޝަލް މީޑިއާއިން ފެންނަ މަންޒަރުތަކާއި  މެސެޖްތަކެވެ. ދިރިއުޅުމުގެ އަގުބޮޑުވުމެވެ. ބޭނުންވާ ވަރަށް އާމްދަނީ ނުލިބުމެވެ. މަސައްކަތުގައި ބުރަކޮށް އުޅުމެވެ. ވަރި ގިނަވެ އާއިލާ ރޫޅުމެވެ. ދެން މީގެ ތެރެއަށް ރާއްޖޭގެ ސިޔާސީ ހަމަނުޖެހުން ވެސް ހިމަނަން ޖެހޭނެ އެވެ.
އެކަމަކު ކޮންމެ މީހަކު ވެސް ދަސްކުރަންވީ 'ސަލާމަތްވާނެ' މަގެކެވެ. ކޮންމެވެސް ގޮތެއް އޮންނާނެ އެވެ. ގެއިން ބޭރަށް ނުކުމެ ހިނގާލުން ވިޔަސް މެ އެވެ. ކަނޑުން އަންނަ ވައިރޯޅިތަކުން ހަށިގަނޑަށް ތާޒާކަން ހޯދައިދިނަސް ރަނގަޅެވެ. 'ބޯނުގޮވާނެ' ކަމެއްގައި، ރައްޓެހިންނާ އެކު އުޅެލަމާ ހިނގާށެވެ.
ރާޒުވާގެ އެ އެއްވުމުގެ ތެރެއަށް ވަދެވުމުން ސިކުނޑިއަށް ލިބުނު ތާޒާކަން ބޮޑެވެ. ކުޅިވަރުގެ އިޖުތިމާއީ މި ވާދަކުރުން ނުހުއްޓި، އެކި ހިސާބުތަކުގައި، ކުރިއަށް އެދަނީ ސަބަބުތަކެއް އޮވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ