ގިނަ މީހުން ދުވަސް ނިންމައިލަނީ ވަރަށް ހިތްހަމަޖެހިގެން ހުރެއެވެ. ބައްދަލުވާ މީހުންގެ ގާތުގައި ބުނަނީވެސް ހުރިހާ ކަމެއް ވަރަށް ވަރަށް ރަނގަޅުކަމަށެވެ. އެގޮތަށް ބުނެފައިވެސް ނިދަން މަސައްކަތް ކުރުމުން ނިދިނުއަންނަ މީހުން ވަރަށް ގިނަވާނެއެވެ. ނުނިދި އެތައް އިރެއްވަންދެން އުޅެންޖެހޭ މީހުން ވަރަށް ގިނަވާނެއެވެ.
މިގޮތަށް އެކަން މެދުވެރިވާ ސަބަބާއިމެދު ވަރަށް ގިނަ ގޮތްގޮތަށް ވާހަކަދެއްކިދޭނެއެވެ. ވަރަށް ގިނަ ސަބަބުތައްވެސް ބަޔާންކުރެވިދާނެއެވެ. އެހެންކަމާއިއެކުވެސް އަހުރެން ދައްކާނީ ތަދާތު ސަބަބެއްގެ ވާހަކައެވެ. އެއީ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަން ޖެހޭ ގުޅުން ކުޑަވުމުގެ ވާހަކައެވެ. ތިމާއަށް ކުރިމަތިވާ ކޮންމެ ކަމެއްވެސް ކުރިމަތިވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމަށް ޤަބޫލުކުރެވި އެކަން ޔަޤީންކުރެވޭ މިންވަރު ކުޑަވުމުގެ ވާހަކައެވެ.
ލޮބުވެތި އެކުވެރިންޏޭވެ! ކޮންމެ މީހަކަށްވެސް އަދި ކޮންމެ ދުވަހަކުވެސް ތަފާތު އިމްތިޙާންތައް ކުރިމަތިކުރައްވަވާނެއެވެ. ބޮޑެތި ކަންކަމާއި ކުދި ކަންކަމެވެ. އެއިގެ މާނައަކީ ﷲ ތަޢާލާ އެމީހަކު ދޫކޮށްލެއްވެވުމެއް ނޫނެވެ. ޙަޤީޤަތަކީ އެއިގެ އިދިކޮޅެވެ. އެމީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮށޑިގަންނަވާ މިންވަރު ބޮޑުވަނީއެވެ.
އެދުވަހު ކުރިމަތިވި އެއްވެސް ކަމަކީ ކުރިމަތިވި މައްސަލައެއް ކަމަށް ނުދެކޭށެވެ. އެކަން އެގޮތަށް ޤަބޫލުކުރެވޭނީ ތިމާގެ ހިތުގައި ﷲ ތަޢާލާޢަށް ލޯތްބާއި އިތުބާރު އުފެއްދުނުވަރަކުންނެވެ. ތިމާއަށް އަބަދުވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެކަން ޔަޤީންކުރެވިގެންނެވެ.
ބުނަންހެއްޔެވެ؟ މިއަދު ކުރިމަތިވި ކަންކަމަށް ޝުކުރުކޮށްލައި އަލްޙަމްދުލިﷲ ކިޔާށެވެ! ޙާޞިލުނުކުރެވިހުރި ކަންކަން މާދަމާ ހިންމަވައިދެއްވަވާނެ ކަމަށް ޔަޤީންކުރާށެވެ. އެއިރުން ކަންބޮޑުވެ ނުނިދިގެން އޮންނާކަށް ނުޖެހޭނެއެވެ.
ނިދޭނެއެވެ! އިން ޝާ ﷲ. ނަމަވެސް ނިދަންވާނީ ފަތިސްވުމުގެ ކުރިން ރޭއަޅުކަން ކުރުމުގެ އުންމީދުގައެވެ. ރޭއަޅުކަން ކުރަން ހޭލަން ތިމާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށްފަހުގައެވެ. ހޭލެވުމުން ތެދުވެ ރޭއަޅުކަންކުރާ މީހަކަށް އާޚިރަތުގެ އިތުރުން ދުނިޔޭގައިވެސް ދާނީ ރަނގަޅޫ ގޮތްތައް މެދުވެރިވަމުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ނިދަން މަސައްކަތްކުރިޔަސް ނުނިދެނީހެއްޔެވެ؟ ނިކަން މިމަގުން މަސައްކަތްކޮށްބަލަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ