އައްޑޫ ފޭދޫން ފެން ކެނޑުމަށްފަހު ލިބުނީ 8 ގަޑިއިރު ފަހުން

ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ ފޭދޫ އަވަށުން އަށް ގަޑިއިރަށް ފެން ކެނޑިއްޖެއެވެ. މިއަދު މެންދުރުފަހު ދޭއް ޖަހާކަން ހާއިރު ފޭދޫން ފެން ކެނޑުނުއިރު، ފެން ލިބުނީ މިރޭ 10ގެ ފަހުންނެވެ. އައްޑޫގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝުޢާއު 'ސަން'އަށް މިރޭ ވިދާޅުވީ، ކެނޑުނީ ފާޚާނާތަކުގައާއި، ޒަރޫރީ ބޭނުމަށް ބޭނުންކުރާ ފެން ކަމަށެވެ. ފޭދޫ މާދެލާ ކައުންސިލަރު މުޙައްމަދު ފައިސަލް ވިދާޅުވިގޮތުގައި އެ އަވަށުން ފެން ކެނޑުނީ ޓޭންކުން ފެން ހުސްވެ، ފެނަކައިގެ ޕައިޕްލައިންގައި ލީކެއް އުޅުމުގެ ސަބަބުންނެވެ. "ފުރަތަމަ ހަވީރުކޮޅަށް ހައްލުކުރެވުނު. އެކަމަކު ހައްލުކުރެވުނު އިރުވެސް އިރުކޮޅަކުން ހަމަ [ޕައިޕްލައިން] ފަޅައިގެން ގޮސްފި، އަނެއްކާވެސް [ފެން ލިބުން] ލަސްވީ [އެހެންވެ]،" ފައިސަލް ވިދާޅުވިއެވެ. އައްޑޫގެ މަރަދުއާއި މަރަދޫފޭދުއާއި ހިތަދުއަށް ފެނުގެ މައްސަލަ ދޭތެރެއަކުން ދިމާވާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެ މައްސަލަ ހައްލުނުވާތާ އެތައް ޒަމާނެއް ވެއްޖެ ކަމަށެވެ. ފެނުގެ އިތުރުން، އައްޑުއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ދޭތެރެއަކުން އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމެވެ. އެ މައްސަލައިގައި އައްޑޫ ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު އައްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށްޓަކައި 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ އައްޑޫގައި ގާއިމްކުރުމަށް ބިޔަ މަޝްރޫއެއް ފަށަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ ފަންނީގޮތުންނާއި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކަމަށް ވިދާޅުވެ، އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށްޓަކައި ކުރާ މަސައްކަތް ބަޔަކާ ހަވާލުކޮށް ޖަނަރޭޓަރުތަކާއި އިންޖީނުގެތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ރައީސް އޭރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ