ދެ އިންތިޚާބު އެއް ދުވަހަކު ބާއްވަން މައުމޫން ވެސް ތާއީދުނުކުރައްވާ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ތާއީދު ނުކުރައްވާކަން ހާމަވެއްޖެއެވެ. މިކަން ރައީސް މައުމޫން ހާމަކުރެއްވީ މިހާރު އުވާލާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ އެކްސްކޯ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި، މެންބަރަކު ކުރެއްވި ސުވާލަކަށް އެމަނިކުފާނު ދެއްވި ޖަވާބުގައެވެ. މި ވާހަކައިގެ ސްކްރީންޝޮޓެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، މައުމޫންގެ އަރިސް ބޭފުޅަކު ވަނީ އެ ސްކްރީންޝޮޓްގެ ސައްހަކަން "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ. އެ ސްކްރީންޝޮޓުން ފެންނަނީ، އިންތިޚާބު އެއްކޮށްލައި، ވޯޓުލުމަކީ ރަނގަޅު ކަމެއްތޯ ސުވާލުކުރުމުން، ރައީސް މައުމޫން ޖަވާބުގައި "ނޫން" ވިދާޅުވެފައި އޮއްވައެވެ. މިއީ ދެ އިންތިޚާބު އެކުގައި ބޭއްވުމަށް އެމަނިކުފާނު ތާއީދު ނުކުރައްވާކަން ހާމަވާ ކަމެކެވެ. https://x.com/yumna_maumoon/status/2039262333470671060 ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ސިޔާސީ އެކި ފަރާތްތަކުން ޚިޔާލު ފާޅުކުރަމުންދާއިރު، ރައީސް މައުމޫން ފާޅުކަން ބޮޑު ގޮތެއްގައި އެކަމަށް ސޯޝަލް މީޑިއާގައި ލިޔުއްވައިފައިނުވެއެވެ. ނަމަވެސް ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ކުރީގެ މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދެ އިންތިޚާބު އެކުގައި ބޭއްވުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ